27 މާޗް 2018 - 15:09

ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދުގެ ފަރާތުން މަރުގެ ދިޔަ ހޯދަން ބޭނުން ނުވާ ކަމަށް އާފިޔާގެ މަންމަ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖެނުއަރީ، 2015 ގައި އިބްތިހާލަށް އާފިޔާ ބޮޑެތި އަނިޔާތަކެއް ކުރުމުގެ ސަބަބުން އިބްތިހާލް މަރުވި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރާ، ގަސްދުގައި ކުއްޖަކު މަރައިލުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން އާފިޔާގެ މަންމަ ޝާފިއާ މުހައްމަދުގެ ބަސް މިއަދު ހޯދީ އިބްތިހާލްގެ ވާރިސެއްގެ ގޮތުންނެވެ. އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ވަނީ ކޯޓުގައި ކުރިން އެއްބަސްވެފަ އެވެ.
އާފިޔާ ވެސް ހާޒިރުކޮށްފައި އިން އެ އަޑުއެހުމުގައި، އާފިޔާއަކީ ކާކުތޯ އާއި އޭނާގެ ކިބައިން މަރުގެ ދިޔަ ބޭނުންވޭތޯ ޝާފިއާ ކުރެން ގާޒީ ސުވާލު ކުރެއްވުމުން އޭނާ ފުރަތަމަ ވެސް ބުނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. ޝާފިއާ އެގޮތަށް ބުނުމުން، މަރުގެ ދިޔައަކީ ކޮން އެއްޗެއް ކަން އެނގޭތޯ ގާޒީ މުހުތާޒް ފަހުމީ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ޝާފިއާ ބުނީ "އަޅުގަނޑަކަށް ނޭނގެ އެއީ ކޯއްޗެއް ކަމެއް" މިހެންނެވެ. އެހެންވެ، ގާޒީ މުހުތާޒް ވަނީ މަރުގެ ދިޔައަކީ ކޮން އެއްޗެއްކަން އޭނާ އަށް ސާފުކޮށް ދެއްވައިފަ އެވެ.
މަރުގެ ދިޔައަކީ މަރުގެ މައްސަލަތަކުގައި މަރަށް މަރު ނުހިފޭ ހާލަތެއް އަތުވެއްޖެ ނަމަ، ވާރިސުން ބޭނުންވާ ނަމަ ހޯދިދާނެ އެއްޗެއް ކަމަށާއި ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދެނީ އެއް ލައްކަ ރުފިޔާކަން ގާޒީ ސާފުކޮށް ދެއްވި އެވެ. އަދި އާފިޔާގެ ކިބައިން މަރުގެ ދިޔަ ބޭނުންވޭތޯ އަނެއްކާ ވެސް ގާޒީ ސުވާލު ކުރެއްވި ޝާފިޔާ ބުނީ "އަޅުގަނޑު ބޭނުމެއް ނޫން" ކަމަށެވެ.
ޝަރީއަތުގައި ޝާފިއާއާ ގާޒީ ސުވާލު ކުރައްވަމުން ގެންދެވިއިރު ކައިރީގައި އާފިޔާ އިނެވެ. ޝާފިއާ ވާހަކަ ދައްކަމުން ދިޔައިރު، ޖަލު ހެދުމުގައި ކުރިމައްޗަށް ބިޑި އަޅުވާފައި އިން އާފިޔާ އިނީ އިސްދަށަށް ޖަހައިގެންނެވެ.
އިބްތިހާލްގެ ވާރިސުންގެ ގޮތުގައި ދެން ތިބީ ކޮން ބައެއްތޯ ޝާފިިއާ ކުރެން ގާޒީ ސުވާލު ކުރެއްވުމުން ޖަވާބުގައި އޭނާ ބުނީ ނޭނގޭ ކަމަށެވެ. އާފިޔާގެ އިތުރު ކުދިން ތިބޭތޯ އާއި އެ ކުދިންގެ ނަމާއި އުމުރަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ވެސް ޝާފިއާ އަށް އެ ކުދިންގެ ގިނަ މައުލޫމާތުތަކެއް ބުނެދޭކަށް ނޭނގުނެވެ.
"އަޅުގަނޑަކަށް ނޭނގެ އެ ކުދިންނަށް ކިޔާ ނަމެއް ވެސް. އަޅުގަނޑު ކައިރިއަކު ނޫން އެ ކުދިން ތިބެނީކީ. އެ ކުދިންގެ ބައްޕަ ކައިރީގައި އެ ކުދިން ތިބެނީ،" ޝާފިއާ ބުންޏެވެ.
އެ ކުދިންނާ ގުޅޭ މައުލޫމާތު އެނގޭނެ މީހަކު އެބަހުރިތޯ ސުވާލު ކުރެއްވުމުން ޝާފިއާ ފުރަތަމަ ބުނީ އެކަން އެނގޭނީ ރަކީދޫ ކައުންސިލަށް ކަމަށެވެ. އެ ކުދިންގެ މައުލޫމާތު އެނގޭނެ މީހެއްގެ ނަމެއް ދެވިދާނެތޯ ގާޒީ އަނެއްކާވެސް ސުވާލު ކުރެއްވުމުން ޝާފިއާ ވަނީ ރަކީދޫ ތިން މީހެއްގެ ނަން ބުނެފަ އެވެ.
މަރުގެ ދިޔައިގެ މައްސަލައިގައި ޝާފިއާގެ ބަސް ނަގަން ފެށުމުގެ ކުރިން ދައުލަތުން ވަނީ އޭނާގެ ބަސް ހޯދަން ނުޖެހޭނެ ކަމަށް ބުނެ އެކަމާ ދެކޮޅު ހަދައިފަ އެވެ. ސަބަބެއް ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ އިިސްލާމީ ޝަރީއަތުގެ އުސޫލުތަކުން ބަލާއިރު އާފިޔާގެ ކިބައިން މަރަށް މަރު ނުހިފޭނެތީ، އެ ހާލަތުގައި ވާރިސުންގެ ބަސް ހޯދުން މުހިންމު ނުވާ ކަމަށެވެ.
އާފިޔާގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ އަމިއްލަ ދަރިފުޅު މަރާލައިގެން ކަމަށް ވާއިރު، އިސްލާމީ ޝަރީއަތުގައި މައިންބަފައިން ދަރިން މަރައިލާ ހާލަތްތަކުގައި މައިންބަފައިންގެ ކިބައިން މަރަށް މަރު ނުހިފޭނެ ކަން ވަކީލާ ފާހަގަ ކުރެއްވި އެވެ. އެހެންވީއިރު އިބްތިހާލްގެ ވާރިސެއްގެ ގޮތުގައި ޝާފިއާގެ ބަސް ހޯދަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ދައުލަތުގެ އެ އިއުތިރާޒް ގަބޫލު ނުކުރައްވައި، ގާޒީ މުހުތާޒް ނިންމެވީ ޝާފިއާގެ ބަސް ނެގުމަށެވެ. ގާޒީ ވިދާޅުވީ އެ މައްސަލައަކީ ގާނޫނީ މައްސަލައަކަށް ވުރެ ބޮޑަށް ޝަރުއީ މައްސަލައެއް ކަމަށާއި މަރަށް މަރު ނުހިފޭ ހާލަތުގައި މަރުގެ ދިޔައަކީ ވެސް އިސްލާމީ ޝަރީއަތުގައި ވާރިސުންނަށް އޮންނަ ހައްގެއް ކަމަށެވެ. އެހެންވެ، ޝާފިއާގެ ބަސް ނަގަން ނުޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އިބްތިހާލްގެ ދެން ތިބި ވާރިސުންގެ މައުލޫމާތު ސާފު ކުރުމަށް ފަހު، އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
އަޑުއެހުން ނިންމާލުމުން ކަރެކްޝަންސްގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އާފިޔާ ކޯޓު ރޫމުން ނެރެގެން ކުށްވެރިން ބައިތިއްބާ ސަރަހައްދަށް ގެންދިޔައިރު އާފިޔާ ހުރީ އޭނާގެ މަންމަ ޝާފިއާގެ އަތުގައި ހިފަހައްޓައިގެންނެވެ.
އިބްތިހާލްގެ މަރާ ގުޅިގެން، އެކަމުގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.