އެކްޓް ކުރާކަށް މިހާރު ޝައުގެއް ނެތް، ބޭނުމީ ލިޔަން: ޝޯން ޕެން
އެކްޓް ކުރާކަށް މިހާރު ޝައުގެއް ނެތް، ބޭނުމީ ލިޔަން: ޝޯން ޕެން

ފިލްމްތަކުގައި މިހާރު އެކްޓް ކުރަން އެއްގޮތަކަށް ވެސް ޝައުގުވެރި ކަމެއް ނެތް ކަމަށާއި ބޮޑަށް ބޭނުން ވަނީ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ކަމަށް، ދެ ފަހަރަށް އޮސްކާ ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝޯން ޕެން ބުނެފި އެވެ.

ފިލްމް މިސްޓިކް ރިވާ (2003) އާއި މިލްކް (2008) އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހޯދާފައިވާ ބަތަލު ބުނީ ވަރަށް ގިނަ ދުވަހު އެކްޓް ކުރެވިއްޖެ ކަމަށެވެ.

"އަހަންނަށް ހީވަނީ މިހާރު އެކަން ކުރެވިއްޖެހެން. އަދި މިހާރު މާ ބޮޑު ޝައުގެއް ވެސް ނެތް ކެމެރާ ކުރިމަތީގައި އެކްޓް ކުރާކަށް،" ސީބީއެސް ސަންޑޭ މޯނިންގައި ޝޯން، 57، ބުންޏެވެ. "މޮޅު އެކްޓަރުންނާއި ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރުމަކީ ހަމަ މުޅިން ވެސް ތަޖުރިބާ. އެކަމަކު އަހަންނަށް ހީވަނީ ކޮންމެ ކަމެއް ވެސް ކުރެވޭނީ ވަކި މުއްދަތަކަށްހެން. އެހެންވެ ކަންނޭނގޭ އެކްޓް ކުރުމަކީ މިހާރު އަހަރެން އެހާ ގަޔާވާ ކަމެއް ނޫން."

ޝޯން ބުނި ގޮތުގައި ލިޔުމަކީ އަބަދުވެސް އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެގޮތުން އޭނާގެ ފުރަތަމަ ފޮތް "ބޮބް ހަނީ ހޫ ޖަސްޓް ޑޫ ސްޓަފް" ވަނީ މިދިޔަ އަންގާރަ ދުވަހު ނެރެފަ އެވެ.

"އަހަންނަށް ހީވަނީ މި ފޮތް ބައެއް މީހުންނަށް ވަރަށް ކަމުދާނެހެން. އަދި ކަމުދާނެ ބަޔަކު ވެސް ތިބެދާނެ. އެއީކީ މައްސަލައެއް ވެސް ނޫން،" ޝޯން ބުންޏެވެ. "އަހަރެން ބޭނުން ގިނަ ފޮތްތައް ލިޔަން."

ކުރިން ޕޮޕް ލަވައިގެ ރާނީ މެޑޯނާއާ ކައިވެނި ކުރުމުގެ އިތުރުން ވެސް ދެވަނަ ކައިވެންޏެއްކޮށް، އެ ކައިވެނި ވެސް ރޫޅި އެކަމަކު ދެ ދަރިން ތިބި އެކްޓަރު އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ 2015 ގައި ރިލީޒް ކުރި "ދަ ގަންމޭން" އިންނެވެ.

ދެހާސް ސޯޅައިގައި "ދަ ލާސްޓް ފޭސް" ޑައިރެކްޓް ކުރި އެކްޓަރުގެ ފިލްމެއް މި އަހަރު ރިލީޒް ވާން އެބަ އޮތެވެ. އެއީ އަދި ތާރީހެއް އިއުލާންކޮށްފައި ނުވާ "ދަ ޕްރޮފެސާ އެންޑް ދަ މެޑަމް" އެވެ. މި ފިލްމްގައި ޝޯންއާ އެކު މެލް ގިބްސަން ވެސް ފެނިގެން ދާނެ އެވެ.