27 މާޗް 2018 - 14:02

ކީރިތި ގުރުއަނާ ބެހޭ މަރުކަޒުން ފުވައްމުލަކާއި، ލ. ފޮނަދޫގައި ގުރުއާން ކްލާސް ހިންގުމަށް ދިރާގުން މުޅިން ހިލޭ، މެގަ އެކްސެސް ނެޓްވަކް ފޯރުކޮށްދީފި އެވެ.
މެގަ އެކްސެސް ނެޓްވޯކަކީ، ޓީޗަރުން މާލޭގައި ތިބެގެން ރަށްރަށުގައި އުޅޭ ދަރިވަރުންނަށް ވީޑިއޯ ކޮންފަރެންސުން ކިޔަވައިދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ ނެޓްވޯކެކެވެ. ދިރާގުން މިއަދު ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ އެކު މިކަމާ ގުޅޭ އެއްބަަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ، މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ދޭ ހިދުމަތެއް ކަމަށެވެ.
"މި ދެ ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މި ހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު ނަންގަވައިދެއްވާ، ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ވަގުތުން ދެއްވޭނެ،" ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މި ހިދުމަތުގެ ދަށުން މިފަހަރު ދަރިވަރުންނަށް ތިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމާމް ފައުންޑޭޝަން ކޯހާއި، އިމާމް ޑިގްރީ ކޯހުގެ އިތުރުން ގުރުއާން މުދައްރިސް ޑިގްރީ ކޯހެވެ.
މީގެ ކުރިން 2016 ވަނަ އަހަރު ވެސް ދިރާގުން ވަނީ ހަތަރު އަތޮޅަކަށް، ކީރިތި ގުރުއަނާ ބެހޭ މަރުކަޒާ ގުލިގެން މި ހިދުމަތް ފޯރުކޮށްދީފަ އެވެ.