އެމްޑީޕީ ދިދަ ނުބޭލިގެން ނޮޅިވަރަންފަރުގައި ރުކެއް ކަނޑާލައިފި
އެމްޑީޕީ ދިދަ ނުބޭލިގެން ނޮޅިވަރަންފަރުގައި ރުކެއް ކަނޑާލައިފި

ހދ. ނޮޅިވަރަމްފަރުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަ ނުބޭލިގެން، އެ ދިދަ ނަގާފައި ހުރި ރުއް ރޭ ކަނޑާލައިފި އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައި ނަގާފައި ހުރި ދިދަ ތިރިކުރަން ފުލުހުން އިއްޔެ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް 70 ފޫޓުގެ ރުކުގައި ގިރިސް އުނގުޅާފައި ހުރުމުން އެކަން ކާމިޔާބުނުވީ ކަމަށް ބުންޏެވެ.

ދިދަ ތިރިކުރަން ފުލުހުން މަސައްކަތް ކުރި ކަމުގައި ވިއަސް ރުއް ކަނޑާލި ކަމުގެ ތުހުމަތު އެ ރަށުގެ ބައެއް މީހުން ކުރަނީ ޕީޕީއެމް އެކްޓިވިސްޓަކަށެވެ.

"ފުލުހުން އިއްޔެ ހަވީރު އުޅުނު މީހަކު ގެނެސްގެން ވެސް އެ ދިދަ ތިރިކުރަން. އެކަމަކު އެކަން ކާމިޔާބު ނުވީ. އޭގެ ފަހުން ރުއް މި ކަނޑާލީ. ތުހުމަތު ކުރެވެނީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކުރި ކަމަކަށް،" ނޮޅިވަރަމްފަރުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެ ރަށުން ވާހަކަދެއްކި މީހާ ބުނިގޮތުގައި 10 ފޫޓުގެ ދިދަ ހަރުކުރި ރުކުގެ އިތުރުން އެތަނާ ކައިރީގައި ހުރި ނިކަގަހާއި އިތުރު ރުކެއް ވެސް ކަނޑާލާފައިވާ ކަމަށެވެ.

ނޮޅިވަރަންފަރުގެ އިތުރުން އެހެން ރަށްރަށުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައް ވެސް ފުލުހުން ނަގާފައި ވެ އެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި ގއ. ކޮލަމާފުށީގައި ހުރި އެމްޑީޕީގެ ދިދަ ވެސް، ގައުމީ ދިދަ އަށް ވުރެ އުސްކޮށް ނަގާފައި ހުރި ކަމަށް ބުނެ އެ އެއްޗެހިތައް ވަނީ ނަގައިފަ އެވެ.

ދިދައެއް ބާލަން ފުލުހުން އެހާ ބުރަ މަސައްކަތްކުރާ އިރު ގާނޫނުއަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމާއި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށްދޭން އެވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.