27 މާޗް 2018 - 13:09

ވޮޝިންޓަން (މާޗް 27) - ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުން ބޭއްވި ކަމަށް ބުނެ، ބަރަހަނާ ފިލްމުތައް ގުޅޭ އެމެރިކާގެ ބަތަލާ ސްޓޯމީ ޑެނިއަލްސް ދެއްކި ވާހަކަތައް ވައިޓް ހައުސް އިން ދޮގުކޮށްފި އެވެ.
ޓްރަމްޕާ އެކު 2006 ގައި ބޭއްވި ގުޅުންތަކާ ބެހޭ ގޮތުން ޑެނިއަލްސް ވަނީ ސީބީއެސްގެ 60 މިނިޓް ޕްރޮގްރާމްގައި ވާހަކަ ދައްކައިފަ އެވެ.
"ޑެނިއަލްސްގެ އިންޓަވިއުގައި ދެއްކި އެއްވެސް ވާހަކައެއް ރައީސް ޓްރަމްޕް ގަބޫލެއް ނުކުރައްވާ،" ވައިޓް ހައުސްގެ ތަރުޖަމާން ރާޖް ޝާހް ވިދާޅުވި އެވެ.
ޓްރަމްޕުގެ ވަކީލުން މިހާރު ދަނީ ގެއްލުމުގެ ބަދަލަށް 20 މިލިއަން ޑޮލަރު ޑެނިއަލްސް އަތުން ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ވަނީ އާއްމު ނުކުރުމަށް އެއްބަސްވެފައިވާ ވާހަކަތަކެއް އާއްމުކޮށްފައި ކަމަށް ވަކީލުން ބުނެ އެވެ.
ސީބީއެސްގައި ވާހަކަ ދައްކަމުން ޑެނިއަލްސް، 39، ބުނީ 2016 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން ޓްރަމްޕުގެ ވަކީލް މައިކަލް ކޯއެން ދިން 130،000 ޑޮލަރު ގަބޫލް ކުރި ކަމަށެވެ. އަދި އެ ފައިސާ ދީފައި ވަނީ ޓްރަމްޕް ބޭޒާރު ނުކުރާ މަތިން ކަމަށް އޭނާ ބުންޏެވެ. އޭނާ ހިމޭނުން ހުރުމަށް ބިރު ދައްކާފައިވާ ކަމަށް ޑެނިއަލްސް ބުނެފައިވެ އެވެ.
ޑެނިއަލްސް ބުނީ އޭނާ ސޮއިކުރި ބައެއް ކަންކަން އާއްމު ނުކުރުމުގެ އެއްބަސްވުމަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. ސަބަބަކީ އެ ލިޔުމުގައި ޓްރަމްޕް ސޮއި ކުރައްވާފައި ނުވާތީ އެވެ.