20 ޖުލައި 2016 - 05:19

އަހަރެންގެ ދަރިފުޅު މަނާރަތާ އެކުގައި އަހަރެން އުޅެނީ މާލޭގައެވެ. ފަޔާޒްގެ ގޭގައެވެ. ފަޔާޒަކީ އަހަރެންގެ ފިރިމީހާއެވެ. އަހަރެން މަންމަގެ ރަށު މީހުންނަކީ ފަންޑިތައަށް ވަރަށް މަޝްހޫރު ބައެކެވެ. މަންމަ ހުންނަނީ ރަށުގައެވެ. މަނާރަތުގެ އުމުރުން ހައެއްކަ މަހުގައި އަހަރެން އިންޑިޔާއަށް ދަތުރެއް ކުރީމެވެ. އޭނަ ގައިން ފިއްތަކެއް ނަގައިގެން މާލެއިން އެ ކަން ޙައްލު ނުވެގެންނެވެ. ފަޔާޒަށް ޗުއްޓީ ނުލިބިގެން އޭނައެއް ނާދެއެވެ. އަހަރެން ހުރީ، އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ ހުމޭރު ހުރި ގޭގައެވެ. އަހަރެންގެ އުމުރުން އޭރު އަށާވީސް އަހަރެވެ. ހުމޭރުގެ އުމުރުން ފަންސަވީސް އަހަރެވެ.
ހުމޭރުގެ ކިޔެވުމުގެ ފަހު އަހަރެވެ. އޭނަ އުޅުނީ އެކަންޏެވެ. ވީމާ، އޭނަ ހުރީ އެ ގެއަށް އާދަވެފައެވެ. އެހެންނަމަވެސް، އަހަރެން އެ ގޭގެ ދޮރާށިން ވަނުމާއެކު ވެސް ހިތަށް ބިރުވެރިކަން ވަނެވެ. އެއްޗެއް ފެނިގެނެއް ނޫނެވެ. އަހަރެން އެ ވާހަކައެއް ނުބުނަމެވެ. ގެ ބޮޑުވެފައި، ގޯތިތެރެ ވަރަށް ތަނަވަހެވެ. މެދުގައި ހިނގަން އޮންނަ މަގުގައި އޮންނަނީ ތަޅުންއަޅައިފައެވެ. އެހެން ހުރިހާ ހިސާބެއްގައި އޮންނަނީ ވިނަ ބޯވެފައެވެ. ބޮޑު ސައްކެޔޮ ގަހެއް ހުރެއެވެ. މާއަޅާ ކުދިކުދި ގަސްތައް ވެސް ހުރެއެވެ. މާތައް ފޮޅިފައި ހުންނައިރު، ދުވާލު ވަރަށް ރީއްޗެވެ. މީރު ވަސް ދުވައެވެ. ހިތަށް ބިރުވެރިކަން ވަންނަނީ އަނދިރިވުމުންނެވެ. އެ ގެއަކީ ޒަމާނީ ގެއެއް ނޫނެވެ. ގެ އާއި ފަރުނީޗަރުތައް ވެސް މުސްކުޅިއެވެ. ގޭގެ ޚާއްޞަ ދެ ކަމަކީ، މުސްލިމުން އުޅޭ ހިސާބެއްގައި އެ ގެ ހުރުމެވެ. ތިން ކޮޓަރީގެ، ބޮޑު ގެއަކާ އަޅާބަލައިފައި ކުލި ކުޑަކަމެވެ.
ހެނދުނުހެނދުނާ ހުމޭރު ކޮލެޖަށް ދިޔައެވެ. އެ ބީރައްޓެހި ގޭގައި އަހަންނާއި މަނާރަތު އެކަނިވިއެވެ. މަނާރަތު ނިންދަވައިފައި އަހަރެން އުޅުނީ އެއްޗެހި ދޮވުމުގައެވެ. ކުއްލިއަކަށް މަނާރަތު ރޯން ފެށިއެވެ. އެހެންޏާ ރޯ ގޮތާއި ތަފާތު ގޮތަކަށެވެ. ހީވީ ކުއްލިއަކަށް އޭނައަށް ސިހުމެއް ލިބުނުހެންނެވެ. އާންމުކޮށް މަނާރަތު ހޭލައިފައި ފުރަތަމަ ރޯން ފަށާނީ މަޑުމަޑުންނެވެ. އެ ދުވަހު، ކުއްލިއަކަށް ވަރަށް ބާރަށް ރޮއިގަތެވެ. އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. ދަރިފުޅު ފިޔަވައި އެހެން މީހަކު ނެތެވެ. ގައިމު ވެސް އަހަރެންގެ ލޮލަކަށް އެހެން މީހަކު ނުފެނެއެވެ. މަނާރަތު ގިސްލަގިސްލާފައި ރުޔެވެ. އޭނަ ނަގައި ނާނާކިޔުމުން ވެސް ހުއްޓައެއް ނުލިއެވެ. އަޑު މަޑުވުމުގެ ބަދަލުގައި ވީ ބާރެވެ. ބުއްޖެއްސީމައި ބުއްބޯކަށް ވެސް ނޫޅުނެވެ. ހިތުގައިޖެހިޖެހިފައި ރުއީއެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. ކޮލެޖުގައި އުޅެނިކޮށް ހުމޭރަށް ގުޅާކަށް ނުކެރުނެވެ. ގާތްގަނޑަކަށް ވިހި މިނެއްޓު ރުއިމަށް ފަހު، ކުއްލިއަކަށް ހުއްޓައިލިއެވެ. އަހަރެން ބަލައިލިއިރު އޭނަ އޮތީ ނިދިފައެވެ. އެއީ، ދުވަހަކު ވެސް ވީ ގޮތެއް ނޫނެވެ. އެނދުގައި ބޭއްވުމުން، ނިދައިފައި އޮވެ ހިނިތުންވެލިއެވެ. ވިސްނަން އިރުކޮޅަކު ހުރުމަށް ފަހު އަނެއްކާ ވެސް އަހަރެން ދިޔައީ އެއްޗެހި ދޮންނާށެވެ. އިރުކޮޅެއް ނުވެ، އަނެއްކާ ވެސް ކުރިން ރޮއިގަތްހެން ރޮއިގަތެވެ. އެ ފަހަރު ވެސް ކަންތައްވީ ކުރީ ފަހަރު ވީ ގޮތަށެވެ. ދެވަނަ ފަހަރު އެހެން ވުމުން، މަނާރަތު ބާއްވައިފައި އަހަރެން ދުރަކަށް ނުދަމެވެ. ގާތުގައި އޮށޯވެގެން އޮތީއެވެ. އޮތްހާއިރަކު ނުރޮއެވެ. ދިޔަތާ އިރުކޮޅެއް ނުވެ، އަނެއްކާ ވެސް ރޯން ފެށިއެވެ. މުޅި ދުވަހު އެ ކަން، އެ ގޮތަށް ތަކުރާރުވިއެވެ. އަހަރެން އިންޑިޔާއަށް ފުރިއިރު، ފަޔާޒް ކޮންމެވެސް ގޮތަކުން ސިމްކާޑެއް ހޯދައިގެން އަހަންނަށް ސިމެއް ވެސް ދިނެވެ. ކިރިޔާ ވެސް ކަމެއް ޖެހޭއިރަށް ގުޅުމަށް އެތައް ފަހަރަކު އެދުނެވެ. ފަޔާޒަކީ ކަންކަމާ ވަރަށް އަވަހަށް ހާސްވާ މީހެކެވެ. އެހެންވެ އޭނައަށް ގުޅަން ނުކެރުނީއެވެ. ހުމޭރު ކޮލެޖުން އައީ ހަވީރުއެވެ. އޭނަ އެދުނީ ޤުރުއާން ޖެހުމަށެވެ. ޙައްލެއް ލިބުނީ އެ ހިސާބުންނެވެ. ހަމައެއާ އެކު ހިތުގައި އިތުރު ޝައްކު އުފެދެން ފެށިއެވެ. ކުރިން ނުބުނެ އޮތް ވާހަކަ ވެސް ބުނެވުނެވެ.
"ޤުރުއާން ޖެހީމަ ހުއްޓާލަންޏާ އޭގެ މާނައަކީ..." އަހަންނަށް ބުނެވުނެވެ.
"އެއްކަލަ ދޮންތަގެ ޝައްކުބަލި،" ސަމާސާ ރާގަކަށް ހުމޭރު ބުންޏެވެ. "މި ގޭގަ މަ އުޅޭތާ ކިތައް އަހަރު؟ މަ އަބަދު ވެސް ޤުރުއާން ކިޔަވަން ނޫނީ ޖަހަން. ވަކި ކަމެއް ވެގެނެއް ނޫން. އެކަމަކު އެއީ ރަނގަޅުކަމަކަށް ވާތީ އެ ކަން ކުރަނީ. ދޮންތަ ވެސް ކިޔަވަބަލަ! އެކަމަކު ފާޑުފާޑުގެ ބިރުވެރި ޝައްކު ނުކުރާތި. ދޮންތަ ދިޔާމަ މަ އެކަންޏޭ މި ގޭގަ އުޅެން ޖެހޭނީ."
އަހަރެން އިތުރު އެއްޗެއް ނުބުނީ ހިތަށް ހަމަޖެހުމެއް ލިބިގެނެއް ނޫނެވެ. އެކަމަކު، ހުމޭރުގެ ކިޔެވުމަށް ބުރޫ އަރާފާނެތީއެވެ. އަހަރެން ބޭނުންވީ ވީހާ ވެސް އަވަހަކަށް މާލެދާށެވެ. މައްސަލައަކަށްވީ މަނާރަތުގެ ބޭސްފަރުވާގެ ކަންތައް ތަންކޮޅެއް ދިގުލުމެވެ. ޑޮކްޓަރު ހެދި ޓެސްޓުތަކެއްގެ ނަތީޖާ ލިބުން ލަސްވުމެވެ. ދުވަހަކީ، އެ ގެއަށް އަހަރެން އައިތާ ތިންވަނަ ދުވަހެވެ. ހެނދުނުގެ ވަގުތެވެ. ހުމޭރަށް ސައިހަދައިފައި އޭނަ ކޮލެޖަށް ދިޔުމުން އަހަރެން ވެސް ސައިބޮއިގެން އެނދުގައި އޮށޯވެލީމެވެ. ގޭގެ ހުރިހާ ދޮރެއް ހުންނާނީ ތަންޑުއަޅައިފައެވެ. މަނާރަތު އޮތީ އަހަރެންގެ ބިއްދޮށުގައެވެ. އެހެން އޮއްވާ އަހަންނަށް ނިދުނެވެ. ސިއްސައިގެން ގޮސްފައި ހޭލެވުނެވެ. ގަޑިން އޭރު ހެނދުނު ދިހައެއް ޖަހަނީއެވެ. ހޭލެވުނީ ގޭގެ މައި ދޮރު ހުޅުވާ އަޑަށެވެ. މަޑުމަޑުން އެ ދޮރު ހުޅުވާއިރު، ދޮރުގެ ހުޅުތަކުގައި ކުރަކި އަޑުތަކެއް ހުރެއެވެ. ދޮރު ހުޅުވައިފައި، އަލުން އެ ދޮރު ލައްޕާލި އަޑު ވެސް އިވުނެވެ. ހިނގާ އަޑެއް ނީވެއެވެ. ދެން ފެނުނީ އަހަރެންގެ ކޮޓަރީގެ ދޮރުގެ އަތްގަނޑު، މަޑުމަޑުން އެނބުރޭ ތަނެވެ. އެ ވަގުތު، މަނާރަތު އަޑެއް ލައްވައިލިހެން ހީވިއެވެ. އަހަންނަށް ބަލައިލެވުނީ މަނާރަތަށެވެ. އޭނަ އޮތީ ނިދާފައެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެހާ ހިސާބުން އަހަރެންގެ މުޅި ގައިން ވަރު ދޫވިއެވެ. އެއީ، އާންމުކޮށް އަހަންނަށް ވާ ގޮތެކެވެ. ހުވަފެނެއްގައި ވެސް އެ ކަހަލަ ބިރުވެރިކަމެއް އަހަންނަށް ކުރިމަތިވެއްޖެއްޔާ، ހޭލެވޭއިރު އަހަރެންގެ ގައިން ވަރު ދެއެވެ. ހަމައަކަށްއެޅެން ބައެއް ފަހަރު ވަރަށް ގިނަ ވަގުތު ވެސް ބޭނުންވެއެވެ. އެ ދުވަހު ވެސް އެ ގޮތަށް އިރުކޮޅަކު އޮންނަން ޖެހުނެވެ. ހަރަކާތް ކުރެވުނީ ކަޅި އެކަންޏެވެ. އެ ވަރަކުން ދޮރެއް ނުފެނެއެވެ. އަހަންނަށް އެނގޭ ކަމަކީ، އެ މީހަކު ނުވަތަ އެ އެއްޗެއް އަހަރެން ކޮޓަރިއަށް ވަންކަމެވެ. އިރުކޮޅަކުން މަނާރަތު ރޮއިގަތެވެ. ސިއްސައިގެން ގޮސްފައި އަހަރެންގެ އަތްފައި ހަރަކާތް ކުރަން ފެށިއެވެ. ކޮށިއެރިއެވެ. އަހަރެންގެ އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއްހެންނެވެ. އެ ދުވަހު ހުމޭރަށް ނުގުޅައެއް ނުހުރެވުނެވެ.
"ހުމޭރު ދެންމެ އައިންތަ ގެއަށް؟" އަހަރެން ސުވާލުކުރީމެވެ.
"އުހުނ!" ހުމޭރު ވަރަށް ހަމަޖެހިލައިފައި ޖަވާބުދިނެވެ. "ނާންނަން. ކިހިނެއްވީ؟"
"ކަމެއްނުވޭ!" އަހަރެންގެ އަޑުގައިވާ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. "ނިދުނީއޭ. ދޮރު ހުންނާނީ އެތެރެއިން ތަންޑުއަޅާފަ. އެހެންވެ ހުމޭރު އައިސް ޓަކިޖެހިޔަސް ނީވޭނެއްނު."
ހުމޭރަށް އޮޅުވައިލައިފައި ފޯނު ކަނޑައިލީމެވެ. އެކަމަކު، އަހަރެންގެ އަމިއްލަ ނަފުސަކަށް އޮޅުވައެއް ނުލެވުނެވެ. އަހަރެންގެ ހިތަކަށް ލުޔެއް ނުލިބުނެވެ. މަނާރަތު ރޯވަރުން އެހެން ކަމަކާ ވިސްނާކަށް ނުވިސްނުނެވެ. އޭނަ އުރައިގެން ނާނާކިޔަމުން ކޮޓަރިން ނުކުތީމެވެ. ކޮޓަރީގެ ދޮރު ހުރީ އެއްކޮށް ނުލެއްޕިއެވެ. އަހަރެން ކޮޓަރިއަށް ވަނީ ދޮރު ލައްޕައިފައިކަން ކަށަވަރެވެ. ބޭރު ދޮރު ހުރީ ލައްޕައިފައެވެ. ތަންޑު ވެސް އަޅުވައިފައެވެ. އެކަމަކު، އަހަންނަށް ކުރެވުނީ ކުށްހީއެއް ނޫނެވެ.
އަހަރެން ބިރުގަންނަކަން ހުމޭރަށް ފޮރުވުނު ނަމަވެސް، އެކަނި ނިދަން އޮންނާކަށް އަހަންނަކަށް ނުކެރުނެވެ. ފޫހިވުން ބަހަނާއަކަށް ހަދައިފައި، ހުމޭރުގެ ކޮޓަރީގައި ނިދަން ފެށީމެވެ. ހުމޭރު އޮންނަނީ ގޮދަޑިއަޅައިގެން ތަޅުންގަނޑުގައެވެ. އޭނަ ކޮލެޖަށް ދިޔުމުން، އަބަދުވެސް އަހަރެން ބަހައްޓަނީ ޤުރުއާން ޖަހައިފައެވެ. ވަރަށް ގިނައިން ކަރަންޓު ދެއެވެ. އެ ފަދަ ވަގުތުގައި އަހަރެން ޤުރުއާން ކިޔަވަމެވެ. ހިސާބުގަނޑުގައި އުޅޭ މީހުން ވަރަށް އެކުވެރިއެވެ. ފެނުނީމައި ހިނިތުންވެލައި، މަދުމަދުން ވާހަކަދައްކައި ވެސް ހަދައެވެ. ލަތާއަކީ، އަހަރެން ހުންނަ ގެއާ ޖެހިގެން ވައަތަށް ހުންނަ ގޭގައި އުޅޭ މީހެކެވެ. އަހަންނަށް ވުރެ އުމުރުން ދޮށި، މުރާލި މީހެކެވެ. ގޭގެ ގަސްތަކުން ވަރަށް ގިނަ ފަތް ފައިބައެވެ. ދުވާލަކު ދެ ދަޅައަށް ލަތާ ކުނިކަހައެވެ. ބައެއް ފަހަރު އަހަރެން ހުންނަ ގޭގެ ދޮރުމަތި ވެސް ކަހައިދެއެވެ. ބަދަލުގައި، މަދުމަދުން އޭނައަށް ފައިސާ ދެމެވެ. އޭނަ ވާހަކަދައްކަނީ ހިންދީބަހުންނެވެ. އަހަންނަށް ވެސް ކުޑަކޮށް އެ ބަސް އެނގޭތީ، ބައެއް ދުވަސްދުވަހު އަހަރުމެން ވަރަށް މަޖާކޮށް ވާހަކަދައްކަމެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" ހިންދީބަހުން ލަތާ ސުވާލުކުރިއެވެ. "ކީއްވެ ތި ގޭގަ ތި އުޅެނީ؟"
"ތީ ކޮންކަހަލަ ސުވާލެއް؟" އަހަރެން ބުނީމެވެ. "އެހެން ގެއަކާ މިގެއާ ހުރި ތަފާތަކީ ކޮބާ؟"
ލަތާ ބުނަނީ އޭނަ ބުނަން އުޅޭ އެތި ނޫން އެއްޗެއްހެން އަހަންނަށް ހީވިއެވެ. ޖަވާބު ދޭން އުޅުމުން އަޅައިގަތީމައެވެ. ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރީތީއެވެ.
"ތި ގޭގަ މާ ގިނަ ދުވަހަކު އެއްވެސް ބަޔަކަށް ނޫޅެވޭނެ،" ލަތާ ޖަވާބުގައި ބުންޏެވެ. "ކޮއްކޮ ތީ އެންމެ ގިނަ ދުވަހު ތި ގޭގަ އުޅުނު މީހާ. އަމުދުން އަންހެނަކާ ކުޑަ ކުއްޖަކު ތި ގެއަށް ކުއްޔަށް އަތުވެއްޖެއްޔާ..."
ލަތާގެ ވާހަކަ ހުއްޓުނީ އޭނަގެ ފިރިމީހާ ގޮވައިލީމައެވެ. އޭގެ ފަހުން ލަތާއެއް ނުފެނެއެވެ. އޭނައަށް ވީ ގޮތެއް ނޭނގެއެވެ. ދެން ލިބުނީ، އެކްސިޑެންޓެއްގައި ލަތާ މަރުވި ޚަބަރެވެ. ނޫހެއްގައި އެ ޚަބަރު ޖަހައިފައި އޮއްވައި ފެނުނު ރޭ ނިދަން ވަރަށް އުނދަގޫވިއެވެ. ހުމޭރު އޮތީ ގަދަ ނިދީގައެވެ. އެކަމަކު، ގަޑިން ދަންވަރު ދޭއްޖެހީ ވެސް އަހަރެން ފުރޮޅިފުރޮޅި އޮއްވައެވެ. އެހެން އޮއްވައި، އަހަރެންގެ ކަންފަތްދޮށުގައި އަންހެނަކު ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ.
ނުނިމޭ