27 މާޗް 2018 - 11:23

މެޑްރިޑް (މާޗް 27) – ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާއާ އެއްވެސް މައްސަލައެއް ނެތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ޑީބަލާ ވަނީ މެސީ އާއި އޭނާ އަކީ އެއް މަގާމަކަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވުމުން މެސީއާ އެކު ކުޅެން އުނދަގޫ ކަމަށް ބުނެފަ އެވެ. ޑީބަލާ އަށް އާޖެންޓީނާ ސްކޮޑުން ފުރުސަތު ނުލިބޭއިރު، އެއީ މެސީގެ ނުފޫޒުން ކަމަށް ވެސް ވާހަކަދެކެވެ އެވެ. އެކަމަކު މެސީ ވަނީ ދެ ކުޅުންތެރިންގެ ގުޅުން ރަނގަޅު ކަމަށް ބުނެފަ އެވެ.
"ޕައޮލޯ އާއި އަހަރެން އެ ވާހަކަ ދެއްކިން. އޭނާ އެ ބުނި ވާހަކައަކީ ތެދެއް. ޔުވެންޓަސް އަށް އޭނާ ކުޅެނީ އަހަރެން ވެސް ކުޅޭ މަގާމަށް،" މެސީ ބުންޏެވެ. "އަހަންނާ އެކު ގައުމީ ޓީމުގައި އޭނާ ކުޅުނީ ވާތް ފަޅިން އަރިމައްޗަށް. އެއީ އޭނާ އާއްމުކޮށް ކުޅޭ މަގާމެއް ނޫން."
މެސީ ބުނީ ޑީބަލާ ދެއްކި ވާހަކަތައް އޭނާ އަށް އެނގޭ ކަމަށާއި އެ ވާހަކަތައް އިތުރަށް ތަފްސީލްކޮށް އެނގުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އާޖެންޓީނާގައި ވަރުގަދަ އެޓޭކެއް އޮތްއިރު ބައެއް ކުޅުންތެރިންނަށް ވަނީ ޖާގަ ގެއްލިފަ އެވެ. އެގޮތުން ކޯޗު ޖޯޖް ސަމްޕައޯލީ ވަނީ ވޯލްޑް ކަޕުގެ ސްކޮޑުން ޑީބަލާގެ އިތުރުން އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑީ އަށް ޖާގަ ނުލިބިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.