27 މާޗް 2018 - 12:42

އެންމެ ގިނަ އަދަދަކަށް ފައިސާގެ އިނާމު ލިބޭ ރޯދަ ސޭލް، މަޝްހޫރު ރެޑްވޭވް އިން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މި ފަހަރު ރޯދަ ސޭލްގެ އިނާމުގެ ގޮތުގައި ދޭ ފައިސާގެ އަދަދު އިތުރު ކޮށްފައިވާނެ ކަމަށެވެ. އެއްވަނަ އިނާމަކަށް 100،000ރ. ދޭ އިރު، ދެ ވަ ނަ އިނާމަކަށް ދޭނީ 50،000ރ. އެވެ. އޭގެ އިތުރުން ތިން ވަނަ އިން ފެށިގެން 10 ވަނައާ ދެމެދު ކޮންމެ ވަނައަކަށް 10،000ރ.ގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
"މިއީ ރާއްޖޭގައި އިނާމުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ނަގުދު ފައިސާ ދޭ ސޭލަށް ވާނެ. އަޅުގަނޑުމެން ބޭނުން ވަނީ ކަސްޓަމަރުންނަށް ތަފާތު ހަދިޔާ ދިނުމުގެ ބަދަލުގައި ނަގުދު ފައިސާ ދޭން. އޭރުން ރޯދަ އަށް އެ މީހަކު ބޭނުންވާ އެއްޗެއް ފަސޭހަ އިން ހޯދޭނީ ވެސް،" އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރެޑްވޭވްގެ އޮފިޝަލް ވިދާޅުވީ ރޯދަ މަސް ނިމެންދެން ކުރިޔަށް ގެންދާ ސޭލްގެ ގުރުއަތުގައި ބައިވެރިވޭނީ 300ރ. އިން މަތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ ރޯދައާ ދިމާކޮށް ބަދިގެ އާއި ގޭތެރެ އަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ގެނެސްފައި. އަދި މި ތަނުން މި ވިއްކަނީ ރާއްޖޭގެ ބާޒާރުން ލިބެން ހުރި އެންމެ ހެޔޮ އަގުގައި،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ މި ފަހަރުގެ ސޭލްގައި އެ ކުންފުނިން ހިންގާ ދިހަ ފިހާރަ އިން ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
ކާބޯތަކެއްޗާއި ބަދިގެ އަށް ބޭނުންވާ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ފަދަ ތަކެތި ވިއްކާ ނުވަ ފިހާރަ މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އިރު، ހުޅުމާލޭގައި ވެސް ބޮޑު ސުޕަ މާކެޓެއް ހިންގަ އެވެ.