29 މާޗް 2018 - 13:48

އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ވިޔަފާރީގައި ނަލަހިޔާ ޓްރޭޑިން އަކީ ރާއްޖޭގެ އެންމެ ކުރީ ސަފުގައި ގުނާލެވޭނެ ކުންފުންޏެކެވެ. މީގެ 33 އަހަރު ކުރިން އުފެދުނު ކުންފުނިން އަންނަނީ އިމާރާތްކުރަން ބޭނުންކުރަން ސާމާނު އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ.

ނަލަހިޔާއިން ވަނީ 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޭނުންވާ ސިމެންތި އާއި ހިލަ، ހިލަވެލި، ދަގަނޑު، އަދި އެ ނޫން ވެސް އެކި ބާވަތްތައް ގިނަ އަދަދަކަށް، އެތެރެކޮށް ވިއްކަމުންނެވެ. އޭގެ އިތުރުން ކ. ތިލަފުށީގައި އަމިއްލަ ބަނދަރެއް ހަދައި، އެތަނަށް ކޮންސްޓަރަކްޝަން ސާމާނު ގެނެސް ބޭލުމުގެ ހިދުމަތް ދެމުންގެންދެ އެވެ.

އެ ކުންފުނީގެ މައިގަނޑު ވިޔަފާރީގެ ތެރޭގައި ހިމެނެނީ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ކޮންސްޓްރަކްޝަން ސާމާނު ވިއްކުން، ކަނޑައެޅިފައިވާ ވަގުތައް މުދާ ފޯރުކޮށްދިނުން، އިމާރާތްކުރުމާއި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ކުއްޔަށް ދިނުން، ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި މުދާ އިމްޕޯޓްކުރުން، ބައިނަލްއަގުވާމީ ބަނދަރު ހިންގުން އަދި ރިއަލްއެސްޓޭޓް މެނޭޖް ކުރުން ވެސް ހިމެނެ އެވެ.
އެ ކުންފުނިން ވަނީ ދާދިފަހުން އެ ކުންފުންޏަށް 33 އަހަރު ފުރުން ފާހަގަކޮށްފަ އެވެ. އަހަރީ ދުވަސް ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފުލާގައި އެ ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ވަނީ އެވޯޑުދީފަ އެވެ.
އެ ކުންފުނިން ވަނީ ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންނަށް ވައިޓް ސެޓްފިކެޓް ދީފަ އެވެ. އަދި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ބްލޫ އެވޯޑް ދިންއިރު، 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ސިލްވާ އެވޯޑުދިނެވެ. އަދި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ގޯލްޑް އެވޯޑް ދީފައިވެ އެވެ.
އެ ހަފުލާގައި ވަނީ އެ ކުންފުނީގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މ. ކަހެކްޝަން، ހަސަން ޒަރީރަށް ދީފަ އެވެ.
އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޖުމައިލް ވަހީދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން މުވައްޒަފުން ފެންވަރު ބަލައި ވަޒަންކުރަން މިހާރަށް ވުރެ ރަނގަޅު މިންގަނޑެއް އެކުލަވާލާނެ ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެއް މުވައްޒަފަކު ހައްޖަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. އެގޮތުން ފަސް ފިހާރަ ހިންގާއިރު މިހާރު ނަލަހިޔާގެ ހިދުމަތް ފުޅާކޮށް ހުޅުމާލޭގައި ވެސް ފިހާރައެއް ހިންގަ އެވެ.