މާޒިޔާ އަށް ލަންކާ ކީޕަރެއް
މާޒިޔާ އަށް ލަންކާ ކީޕަރެއް

މިދިޔަ ސީޒަނުގައި މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅުނު ސްރީ ލަންކާ ގޯލްކީޕަރު މުހައްމަދު އިފްހާމް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ގެންނަން ނިންމައިފި އެވެ.

އޭނާ މިއަދުގެ ވަގުތެއްގައި ރާއްޖެ އައިސް މާޒިޔާއާ ގުޅޭނެ އެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) ވިދާޅުވީ، އެ ޓީމުގައި ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިމްރާން މުހައްމަދު ހުރި ނަމަވެސް، އިތުރު ކީޕަރެއް ގެންނަން ނިންމީ ބެންޗް ވަރުގަދަކުރުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ބަދަލު ދެ ކީޕަރުން ވެސް މުޅިން ފިޓެއް ނޫން. އެހެންވެ އިތުރު ކީޕަރެއް ގެނެސް ޓީމު ވަރުގަދަކުރަން ބޭނުންވެފައި ތިބީ. އިމްރާން ހުރި ނަމަވެސް، ބެންޗުގައި ރަނގަޅު ފެންވަރުގެ އިތުރު ކީޕަރެއް ހުންނަން ޖެހޭ،" ވައްހާބް ވިދާޅުވި އެވެ.

މިދިޔަ ސީޒަނުގައި އިމްރާނަށް އަނިޔާވުމުން މާޒިޔާ އިން ކިރްގިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު މަތިއާސް ޕަވެލް ގެނަ އެވެ. މިދިޔަ ސީޒަނުގައި މަތިއާސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް އިމްރާން ފިޓްވުމުން، އޭނާ ނުގެންނަން ނިންމީ އެވެ.

މާޒިޔާ އިން ލަންކާ ކީޕަރެއް ގެނައިރު، ލަންކާ ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ސުޖަން ޕެރޭރާ ވެސް ކުޅެމުން އަންނަނީ ރާއްޖޭގެ ކްލަބް އީގަލްސް އަށެވެ. ލަންކާ ގައުމީ ޓީމުގެ ގޯލް ބަލަހައްޓާފައިވާ ތިން ކީޕަރަކު ވަނީ މީގެ ކުރިން ރާއްޖޭގައި ކުޅެފަ އެވެ. އެއީ 1980ގެ އަހަރުތަކުގެ ފަހުކޮޅު ނިއު ރޭޑިއަންޓަށް ކުޅުނު ސުޖިތު ހެމަންތަ އާއި 2000ގެ އަހަރުތަކުގައި ނިއު އަށް ކުޅުނު ސަދުން ދެވިންދަ އާއި ސަމްޕޫ ރޯހަން އެވެ. މީގެ ތެރެއިން ސަދުން ވަނީ ނިއުގެ ލޯނެއްގެ ދަށުން 2007 ވަނަ އަހަރު މާޒިޔާ އަށް ކުޅެފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް، އަދި ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ޓާގެޓްކޮށްފައިވާ މާޒިޔާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެނެސްފަ އެވެ. ވައްހާބް ވިދާޅުވީ އިތުރު ކުޅުންތެރިންނަށް ވެސް ބަލަމުން އަންނަ ކަމަށެވެ.