ދަގަނޑޭ ކޮށްދިން ހިދުމަތުގެ އަގު ކޮބާ؟
ދަގަނޑޭ ކޮށްދިން ހިދުމަތުގެ އަގު ކޮބާ؟

ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުން އިއްޔެ ވަކިކުރުމަކީ ދިވެހި ފުޓްބޯޅަ ތާރީހުގައި މިހާތަނަށް ގައުމީ ޓީމުގެ ކޯޗަކު ނެގި އެންމެ ވަރުގަދަ އެއް ޑިޒިޝަނެވެ. އެއީ ކުޅުންތެރިން ޑިސިޕްލިންކުރުމަށްޓަކައި ކޯޗު ޕީޓާ ސެގާޓް ނެގި ކެރޭ ނިންމުމެއް ކަމަށް ބުނެ އެއް ބަޔަކު އޭނާ އަށް ސާބަސްދެ އެވެ. މައްސަލައެއް ނެތެވެ. ކޯޗުގެ އެންގުންތަކަށް ކުޅުންތެރިން ތަބާވާން ޖެހެ އެވެ. ނުވެއްޖެ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ވެސް ކޯޗަށް އޮންނާނެ އެވެ. އެކަމަކު އެއީ އެޔަށް ވުރެ ޒިންމާދާރު ނިންމުމަކަށް ވާން ޖެހޭނެ އެވެ. ވަށައިގެން ހިނގާ ކަންކަމާ މާޒީގައި ވެފައި ހުރި ކަންކަމަށް ވެސް ނަޒަރު ހިންގަން ޖެހެ އެވެ.

ދަގަނޑޭ ކޮށްދިން ހިދުމަތުގެ އަގު ކޮބާ؟
ދަގަނޑޭ ކޮށްދިން ހިދުމަތުގެ އަގު ކޮބާ؟

ހަގީގަތަކީ ފެށުނީއްސުރެ ގައުމީ ޓީމުގައި އެއްވެސް ކުޅުންތެރިޔަކަށް ހާއްސަކޮށް ސީނިއާ ކުޅުންތެރިންނަށް މާބޮޑު ގަވާއިދުތަކެއް ނޯވެ އެވެ. އަންނަ ގިނަ ކޯޗުން ވެސް އުޅެނީ ކުޅުންތެރިން އުރާލައިގެންނެވެ. ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުން ވެސް ލާޒިމް ކަމަކަށް ނުވެ އެވެ. ޕްރެކްޓިހަށް ފަހު ނުވަތަ މެޗަށް ފަހު ކުޅުންތެރިންގެ އިންޓަވިއުއެއް ހޯދަން ނޫސްވެރިން ކުރާ މަސައްކަތުގައި އެފްއޭއެމްގެ ފަރާތުން ވެސް އަދި އޮފިޝަލުންގެ ފަރާތުން ވެސް މާބޮޑު އެއްބާރުލުމެއް ނުލިބެ އެވެ.

ދަގަނޑޭ ކޮށްދިން ހިދުމަތުގެ އަގު ކޮބާ؟
ދަގަނޑޭ ކޮށްދިން ހިދުމަތުގެ އަގު ކޮބާ؟

އެ ހުރިހާ ކަމެއް އެއް ކިބައިގައި އޮއްވާ ދަގަނޑޭ އަކީ އަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މީޑިއާއާ ދުރު ކުޅުންތެރިޔެކެވެ. ނޫސްވެރިންނާ ގުޅުން ނޯންނަނީކީ ނޫނެވެ. ވަކިން ވާހަކަ ވެސް ދައްކަ އެވެ. އިންޓަވިއު ވެސް ދެ އެވެ. އެކަމަކު ޓީވީ ކެމެރާގެ ކުރިމަތީގައި ގިނަ ބަޔަކާ ކުރިމަތިލާން އޭނާ ޖެހިލުން ވަނީ އެވެ. އެއީ އޭނާ ބަދަލުކުރަން ޖެހޭ ކަމެކެވެ. އެކަމަކު ކުޑަކުޑަ ކުއްޖެއްގެ ގޮތުގައި ދިވެހި ފުޓްބޯޅައިގެ ތެރެއަށް ނުކުތް ދަގަނޑޭގެ އެކަންކަން ބަދަލުކުރުވަން ނުވަތަ އެހެން ކުޅުންތެރިންގެ ކިބައިން އެކަންކަން ފިލުވަން އެފްއޭއެމުން މަސައްކަތެއް ކުރި ތަނެއް ނުފެނެ އެވެ. އެ އެސޯސިއޭޝަނުން 2011 ހިސާބުގައި އިންޓަ ސްކޫލް ފައިނަލް މެޗުތަކުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވި އެވެ. ޖޫނިއާ އުމުރުގައި ކުޅުންތެރިން ހޭނުވުމަށެވެ. އެކަމަކު ފަހުން އެފަދަ ކަމެއް ނެތެވެ.

މި ހުރިހާ ކަމެއް މިހެން ހިނގައިފައި އޮއްވާ އާ ކޯޗު އައިސް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ކުރިމަތިލާން އެދުނު އެދުމަށް ދަގަނޑޭ ފުރަގަސް ދިނުމަކީ އޭނާ ގައުމީ ޓީމުން ވަކިކުރުން ހައްގު ކަމެއް ހެއްޔެވެ؟ ގައުމީ ޓީމަށް 14 އަހަރު ކުޅުނުއިރު ނުދިން އަދަބެއް، ރަނގަޅުކުރުވަން ނޫޅުނު ކަމެއް، ކެރިއަރުގެ ފަހުކޮޅު ވުމުން އޭނާ ނަގާ އެއްލާލުމަކީ ހިތާމަހުރިކަމެކެވެ. މިރޭގެ މެޗަށް ވުރެ މުހިއްމު މެޗުތައް، މުބާރާތްތައް ރާއްޖެ ކުޅެފި އެވެ. ދަގަނޑޭގެ ހަބަރެއް ނުވެ ދިޔައީ މަދެއްކޮށެއް ނޫނެވެ. އެކަމަކު މުހިއްމު ކަމެއް ނެތް މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް އޭނާ ހާޒިރުނުވުމުން ގައުމީ ޓީމުން ބޭރު ކުރުމަކީ ޒިންމާދާރު ނިންމުމެއް ހެއްޔެވެ؟ ކެޕްޓަންގެ ހައިސިއްޔަތުން ނޫސްވެރިންގެ ބައްދަލުވުމަށް ދާން އެދުމުން އެކަމާ ދެކޮޅު ހަދައިފި ނަމަ ބޭންޑް ނެގިދާނެ އެވެ. ނުވަތަ އެތެރެއިން އަދަބެއް ދެވިދާނެ އެވެ. އެކަމަކު އޭނާގެ ކެރިއަރުގައި އަމިއްލަ ދަނޑުގައި ގައުމީ ޓީމަށް ކުޅޭނެ ފަހު މެޗަށް ވުން ވެސް ގާތް މެޗުގައި އޭނާ މި ޖެހުނީ ކުޅި ބަލަން ހުންނާށެވެ.

ކުޅުންތެރިން އަހުލާގު ރަނގަޅުކުރަން ޖެހެ އެވެ. އެކަމަކު އެއީ ހަމަ ތިބެފައި ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ޖޫނިއާ ލެވެލުން ފެށިގެން ރަނގަޅު ކުރުވަން ޖެހޭ ކަމެކެވެ. ކޯޗަކު ހަމަ ހުރެފައި އައިސް ކުޅުންތެރިންގެ މިވެނި ކަމެއް އެވެނި ކަމެއް ބަދަލުކުރާށޭ ބުނެ ގަދަކަން ދެއްކިޔަސް ނަތީޖާއެއް ނުނުކުންނާނެ އެވެ. ވަކި ގޮތަކަށް ބައްޓަންވެފައި ތިބި ބަޔެއްގެ ދިރިއުޅުމުގެ އާދަތައް ޖެހޭނީ ފެށުމާ ހަމައިން ބަދަލުކުރާށެވެ. ސަތޭކަ ޕަސެންޓް ކީއްކުރަން 200 ޕަސެންޓް ދޭން ބުންޏަސް ކުޅުންތެރިންގެ ނެތް ހިތްވަރެއް، ނެތް ހަކަތައެއް ހަމަ އެންމެ މެޗަކުން ނުނެރެވޭނެ އެވެ. އެކަންކަން ބަދަލުކުރަން ވަގުތު ދޭން ޖެހެ އެވެ.

މިރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަކީ ނަތީޖާ އަށް ބަލާއިރު އެއްވެސް މުހިއްމު މެޗެއް ނޫނެވެ. އެކަމަކު މުހިއްމު މެޗުތަކެއްގެ ކުރިން އެކުވެރިކަމުގެ މެޗު ނުކުޅެ، މިރޭގެ މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއް ކުޅެފައިވާތީ ފަހަރުގައި މިރޭގެ މެޗު އެފްއޭއެމްގެ ނަޒަރުގައި ހަމަ މުހިއްމީ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވާ ގޮތުން ނަމަ މި ކޯޗު ގެނައީ ޒުވާން ޓީމެއް ބިނާކުރުމުގެ މަސައްކަތަށެވެ. ސަރަހައްދީ ޓީމަކާ ދެކޮޅަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން މިރޭގެ މެޗަށް ވުރެ ރަނގަޅު ފުރުސަތެއް ލިބޭނެ ހެއްޔެވެ؟ އެހެންކަމުން މިއީ ދަގަނޑޭ މެން އަރުވައިގެން މެޗު ޕްރޮމޯޓްކުރުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިން ނެރެންވީ ވަގުތެއް ނޫން ހެއްޔެވެ؟ އެހެން ނޫނަސް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް ގެންނަނީ އެކި ފަހަރު އެކި ކުޅުންތެރިންނެވެ. ކެޕްޓަން ގެނައުން މަޖުބޫރެއް ނޫނެވެ.

އަނިޔާ އާއި އެހެން މައްސަލަތަކާ ހެދި މިދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމު ދަގަނޑޭ އަށް އެހާ ބޮޑަށް ބަރޯސާއެއް ނުވެ އެވެ. ޒުވާން ކުޅުންތެރިން ނަތީޖާ ނެރެދިނެވެ. ގިނަ ބަޔަކު ހީކޮށްގެންތިބީ، ޒުވާން ކުޅުންތެރިންގެ ވާހަކަ ބައްސާމް ވެސް ދައްކާފައިވާތީއާ އެކު، ކޯޗުގެ ނަޒަރު ވެސް ދާނީ އެ ދިމާލަށް ކަމަށެވެ.

އެކަމަކު ސެގާޓުގެ ކުރިމަތީގައި، އިންޑިއާގެ އައިޒޯލް ކޮޅަށް ދަގަނޑޭ ހެޓްރިކް ހެދުމާ އެކު އޭނާ އަށް ކެތެއް ނުވި ކަހަލަ އެވެ. ދަގަނޑޭ އަށް ތައުރީފްކޮށް މީޑިއާ އަށް މެސެޖެއް ދިނީ އެވެ. ދިވެހި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި ދަގަނޑޭ ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެ އެވެ. ދަގަނޑޭގެ ލީޑާޝިޕް ކޯޗު ބޭނުންވަނީ މުހިއްމު ކަމެއް ނެތް މެޗެއްގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވެއްގައި ހެއްޔެވެ؟ ނުވަތަ ކުޅުންތެރިން ބިނާކުރުމުގައި ހެއްޔެވެ؟ ކުޅުންތެރިން ބިނާކުރުމުގައި ނަމަ ދަގަނޑޭގެ ބޭނުން ވަރަށް ގިނަ ގޮތްގޮތުން ހިފޭނެ އެވެ. އެކަމަކު ސިންގަޕޫރު މެޗުގައި ދަގަނޑޭ ބޭނުންނުކޮށް ބޫޓާން މެޗުގައި އޭނާގެ މުހިއްމުކަން ކޯޗަށް ކުއްލިއަކަށް މިބޮޑުވީ، ފަހަރެއްގައި ބޫޓާން މެޗުން ކޯޗު ސަލާމަތުގެ އައްސޭރިއަކަށް ދާން ބޭނުންނުވުމުން ކަމަށް ވެދާނެ އެވެ.

ގައުމީ ޓީމާ ސެގާޓް ހަވާލުވެ ފުރަތަމަ ވެސް ދިވެހި ކޯޗުންނަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ފޮނުވާލި އެވެ. ގައުމީ ޓީމުން ކުޅޭއިރު، ލައިންތަކުގެ ދެމެދުގައި ހުންނަ ދުރުމިން ބޮޑުކަމަށާއި އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށް ބުނެ އެވެ. އޭނާ އެހެން ބުނުއިރު ރާއްޖޭގެ ކްލަބްތަކުން ޕްރެކްޓިސް ކުރަން ބޭނުންކުރަނީ ދަނޑެއްގެ އެއްބަޔެވެ. އެހާ ކުޑަ ތަނެއްގައި ތަމްރީން ހަދައިގެން ހައި ޕްރެސިން ގޭމަކަށް ކުޅުންތެރިން ތައްޔާރެއް ނުކުރެވޭނެ އެވެ. އޭނާ ފުރަތަމަ ނެގި ސްކޮޑުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެޓޭކިން ކުޅުންތެރިޔާ ނާއިޒް ހަދަން (ދާދު) ބާކީކޮށްލީ އެވެ.

ރޭވުންތެރިކަމުގެ ވާހަކަ އޭނާ ދެއްކީ ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތް ނޭގި ކަމަށް ވެދާނެ އެވެ. ދާދު ނުނެގީ އޭނާ އަށް ދާދުގެ ފެންވަރު ނޭގޭތީ ކަމަށް ވެދާނެ އެވެ. ދިވެހި ފުޓްބޯޅައިގެ ހަގީގީ މަންޒަރު އޭނާގެ ސިކުނޑީގައި ކުރަހާލަން ވަގުތު ބޭނުންވާނެ ކަމަށް ވެސް ސެގާޓް ވަނީ ބުނެފަ އެވެ. އެހެންވެއްޖެ ނަމަ ކުޅުންތެރިޔަކު ސްކޮޑުން ވަކިކުރުން ފަދަ ބޮޑު ނިންމުމެއް ނިންމަން ވެސް ވާނީ ކަންކަން އެނގި ހުރެ އެވެ. އަނެއްކާ މިކަމެއްވީ އިރު ކޯޗަށް އެހީތެރިވާން ނެގި ގައުމީ ޓީމުގެ ކޮމިޓީ ކޮބާ ހެއްޔެވެ؟

ގައުމީ ޓީމަށް 100 ޕަސެންޓް ނުދޭ ކުޅުންތެރިން ނުނަގާނެ ކަމަށް ބުނެ ނުސީދާކޮށް ދަގަނޑޭ އަށް ބަހުގެ ހަމަލާތަކެއް ސެގާޓް ދިން އިރު ދަގަނޑޭ ނުދިން ސަތޭކަ ޕަސެންޓް ވަކި އެހެން ކުޅުންތެރިޔަކަށް ދެވިފައި ހުންނާނެ ހެއްޔެވެ؟ މޫނުމަތި ފަޅައިގެން ގޮސް ވޭން އަޅަމުން ދިޔައިރު ވެސް އޭނާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ގަދަގަދަ އިންޑިއާއާ ދެކޮޅަށް ކުރި ހިތްވަރު މިއަދު އެއްޗަކަށް ނުވޭ ހެއްޔެވެ؟ ކަކުލުގެ އަނިޔާއެއްގައި ހުރެ އޭނާ ކުޅުނު މޮޅު ކުޅުމާއި ޖެހި ގޯލްތަކުން އަހަރެމެންނަށް ލިބުނު އުފާވެރިކަން ގެއްލުނީބާވަ އެވެ؟ އޭނާ 14 އަހަރު ގައުމީ ޓީމަށް ކޮށްދިން ހިދުމަތުގެ އަގަށް ވުރެ ބޮޑުވީ މުހިއްމު ކަމެއް ނެތް މެޗެއްގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސެއް ބާވައެވެ؟