27 މާޗް 2018 - 10:26

ރާއްޖޭގެ މަޝްހޫރު ޑެސްޓިނޭޝަން މާކެޓިން އޭޖެންސީ، މޯލްޑިވްސް ޕްރޮމޯޝަން ހައުސް އިން "މޯލްޑިވްސް އިންސައިޑާ ޓްރެވަލް އެންޑް ޓުއަރިޒަމް"ގެ ނަމުގައި އާ މަޖައްލާއެއް ނެރެފި އެވެ.

ދެ މަހުން އެއް މަހު ނެރެން ހަމަޖެހިފައިވާ މަޖައްލާގެ ފުރަތަމަ އަދަދު ނެރުނީ، މިދިޔަ ހުކުރު ދުވަހު ސީހައުސް ބްރެސަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އިންޑަސްޓްރީ އަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މޯލްޑިވްސް އިންސައިޑާ ޓްރެވަލް އެންޑް ޓުއަރިޒަމް މި ނެރެވުނީ ވަރަށް މުހިންމު ދުވަސްކޮޅެއްގައި. އަޅުގަނޑަށް ޔަގީން މި މެގަޒިންގެ ސަބަބުން، އަޅުގަނޑުމެންގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެކަން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިފަދަ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިތަކުން މިފަދަ މަސައްކަތްތައް ކުރުމުން، ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މޯލްޑިވްސް ޕްރޮމޯޝަން ހައުސް އިން ބުނީ، އަލަށް ނެރެން ފަށާ މެގަޒިންގެ އަމާޒަކީ ރާއްޖޭގެ ރީތިކަން ބަލާލުމަށް މީހުންނަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކާއި، ބީޗް ޑައިނިން ފަދަ ކަންކަން ތަޖުރިބާ ކޮށްލާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކަށް ހުޅުވިފައި ހުރި ފުރުސަތުތައް އަންގައިދީ، އެކަންކަން ޕްރޮމޯޓް ކުރުމެވެ.
މޯލްޑިވްސް އިންސައިޑާ ޓްރެވަލް އެންޑް ޓުއަރިޒަމް ނެރޭނީ ކޮންމެ ފަހަރަކު ވެސް ވަކި ތީމަކަށް ހާއްސަ ކޮށްގެން ނުވަތަ ވަކި ހާއްސަ ކަމަކަށް ބިނާ ކޮށްގެންނެވެ. ފަތުރުވެރިންގެ އިތުރުން، އިންޑަސްޓްރީގެ ބޭފުޅުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ވެސް މި މެގަޒިން އިން ލިބިގެން ދާނެ އެވެ.
"މޯލްޑިވްސް އިންސައިޑާ ޓްރެވަލް އެންޑް ޓުއަރިޒަމް އަކީ އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް ނެރެމުން އަންނަ މޯލްޑިވްސް އިންސައިޑާގެ އެކްސްޓެންޝަން އެއް... އަޅުގަނޑުމެން މި އާ މެގަޒިން އަށް ވަރަށް އަވަހަށް އިނޮވޭޓިވް ޑިޖިޓަލް ޕްލެޓްފޯމެއް ވެސް ތައްޔާރުކޮށް، ލޯންޗް ކުރާނަން،" މޯލްޑިވްސް ޕްރޮމޯޝަން ހައުސްގެ މެނޭޖިން ޑައިރެކްޓާ އިބްރާހިމް މަހުދީ ވިދާޅުވި އެވެ.
އާ މެގަޒިންގެ ފުރަތަމަ އަދަދު ޚާއްސަ ކޮށްފައިވަނީ މިދިޔަ އަހަރު ޓޫރިޒަމް އިންޑަސްޓްރީގެ ތަފްސީލީ މައުލޫމާތު ތަކުގެ މައްޗަށެވެ. މެގަޒިން ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާ ފަދަ ތަންތަނަށް ބަހާއިރު، އިންޑަސްޓްރީގެ އިސް ބޭފުޅުންނަށް ޚާއްސަ ކޮޕީތައް ފޮނުވާނެ އެވެ. އަދި މާލޭގައި ހުންނަ ކޯޕަރޭޓް އޮފީސްތަކާއި އެއާޕޯޓް ލައުންޖްތަކުގައި ވެސް ބަހައްޓާނެ އެވެ.