27 މާޗް 2018 - 09:57

ލަންޑަން (މާޗް 27) - އެކުވެރިކަމުގެ މެޗެއްގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނައިރު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި އެ ޓީމު އަތުން 7-1 އިން ބްރެޒިލް ބަލިވި ހަނދާންތައް އަދިވެސް އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ޓީޓޭ ބުނެފި އެވެ.
އޭގެ ފަހުން ފުރަތަމަ ފަހަރަށް މިރޭ ބާލިންގައި ބްރެޒިލާއި ޖަރުމަނާއި ބައްދަލުކުރާއިރު ޓީޓޭ ހުރީ މޮޅެއް ހޯދުމުގެ އަޒުމުގަ އެވެ.
"މި ދައްކަން ޖެހެނީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ކުޅުންތެރިންނަށް ކުރި އަސަރުތަކެއްގެ ވާހަކަ. އެއްވެސް މީހަކު އެ މެޗުގެ ވާހަކަ ދައްކައިގެން އެ މީހުން މޮޔަ ހެއްދުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ޓީޓޭ ބުންޏެވެ. "7-1 އިން ބަލިވި މެޗުން އަދިވެސް ބައެއް ކުޅުންތެރިން ބިރުގަންނަވާ."
ޓީޓޭ ބުނީ އެ ވާހަކަތައް ހުއްޓޭނީ މީހުންގެ ލޯ މަތީގައި ބްރެޒިލަށް ގިނަ ކާމިޔާބީތަކެއް ހޯދައިގެން ކަމަށާއި އޭނާ ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ.
"މީގެ އޮތް ގޮތަކީ އެ ވާހަކަތައް ނުދެއްކުން. އެކަމަކު އެއީ ނުވާ ކަމަކަށް ވެސް ހެދެން ނެތް. ދެން އޮތް ހައްލަކީ ގިނަ ކާމިޔާބީތަކެއް ބްރެޒިލުން ހޯދުން. އެއީ އަހަރެން މިހާރު ކުރަމުން މި އަންނަ މަސައްކަތް. މި ޓީމާ މެދު އަހަންނަށް ބޮޑު އުއްމީދެއް ކުރެވޭ،" ޓީޓޭ ބުންޏެވެ.
ބްރެޒިލުން ވަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލިކޮށްފަ އެވެ. އެކަމަކު އެއީ ސީނިއާ ލެވެލްގައި ކަމަށް ނުވާތީ ޓީޓޭ ބުނީ އެއީ ދައްކަން އެންމެ ރަނގަޅު ވާހަކަ އަށް ނުވާނެ ކަމަށެވެ.
މިރޭގެ މެޗުގައި ޖާމަނީން މެސުޓް އޮޒިލް އާއި ތޯމަސް މުލާ ނުކުޅޭނެ އެވެ. އެހެން ނަމަވެސް އެ ޓީމުގެ ކޯޗު ޔަކީމް ލޯވް ބުނީ ބްރެޒިލާ ދެކޮޅަށް އެ ދެ ކުޅުންތެރިން ނުލައި ވެސް މޮޅުވެވޭނެ ފެންވަރު ޖަރުމަނުގައި އެބަހުރި ކަމަށެވެ.
ޓީޓޭ ބުނީ ޖަރުމަނުން ކޮންމެ ކުޅުންތެރިޔަކު ނެރުނަސް ސަމާލުވާން ޖެހޭ ކަމަށެވެ.
"އަހަރެމެންނަށް ފެނުނު ކޮންފެޑެރޭޝަން ކަޕުގައި ޖަރުމަނުން ދިޔައީ ނިސްބަތުން ގިނަ އާ ކުޅުންތެރިންތަކެއް ގޮވައިގެން އެ މުބާރާތް ވެސް އެ މީހުން ކާމިޔާބުކުރީ. އެހެންވެ ވަކި ކުޅުންތެރިއަކު ނުކުޅޭތީ މެޗު އާދައިގެ ގޮތަކަށް ވިސްނުމުގެ ބޭނުމެއް ނެތް،" ޓީޓޭ ބުންޏެވެ.
ޖަރުމަނާއި ބްރެޒިލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.