27 މާޗް 2018 - 08:47

ޖެނީވާ، ސްވިޒަލެންޑް (މާޗް 27) - ރަހުމަތްތެރިކަމުގެ މެޗެއްގައި ނެދަލެންޑްސް އަތުން 3-0 އިން ޕޯޗުގަލް ރޭ ބަލިވިއިރު އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ސިލްސިލާ އަށް ނިމުމެއް އައިސްފި އެވެ.
ރޮނާލްޑޯ ވަނީ އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ނެދަލެންޑްސް ޑިފެންޑަރުން ކައިރީގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
ރޭގެ މެޗުގައި ނެދަލެންޑްސްގެ ލަނޑުތައް ކާމިޔާބުކުރީ މި ސީޒަނުގައި ލިޔޯނަށް މޮޅުކުޅުމެއް ދައްކަމުން އަންނަ މެމްފިސް ޑިޕާއި އާއި ރަޔާން ބަބެލް އަދި ލިވަޕޫލަށް ކުޅޭ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. މި މެޗުގައި ނެދަލެންޑްސް އިން ވަނީ ކުރީގެ ތަރި ޕެޓްރިކް ޖްލައިވަޓްގެ ދަރިފުޅު ޖަސްޓިން ކްލައިވަޓަށް ފުރުސަތު ދީފަ އެވެ.
މިއީ ނެދަލެންޑްސް ކޯޗުކަމާ ރޮނާލްޑް ކޫމަން ހަވާލުވި ފަހުން އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ. ކޫމަންގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗުން ވަނީ އިންގްލެންޑް އަތުން 1-0 އިން ބަލިވެފަ އެވެ.
ކޫމަން ބުނީ މި މެޗުގައި އޭނާ ބޭނުންކުރީ ތަފާތު ޓެކްޓިކްސްތަކެއް ކަމަށާއި ނެދަލެންޑްސް އިން މިހާރު ތައާރަފް ކުރަން ޖެހެނީ ތަފާތު ރޭވުންތެރިކަމެއް ކަމަށެވެ.
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މި މެޗުން ބަލިވުމަކީ ވޯލްޑް ކަޕަށްދާއިރު ކުރިމަތިވާނެ މާބޮޑު މާޔޫސްކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އެމީހުންނަށް ލިބުނު ހަތަރު ފުރުސަތުން ތިން ގޯލު ޖަހައިފި. މިއީ އެ މީހުންނަށް ހައްގު މޮޅެއް. އަހަރެމެން ވޯލްޑް ކަޕަށް ތައްޔާރުވާއިރު މި ލިބުނީ ފިލާވަޅެއް. މިއީ މާޔޫސްކަމެއް ނޫން. އެއީ ޔޫރޯ އަށް ދިއުމުގެ ކުރިން އަހަރެމެން ބަލިވި ބަލްގޭރިއާ އަތުން ވެސް،" ސަންޓޯސް ބުންޏެވެ.
ރޭ ކުޅުނު އެހެން މެޗަކަށް ބަލާއިރު ވޭލްސް 1-0 އިން ބަލިކޮށް އުރުގުއާއީ އިން ވަނީ ޗައިނާ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.