އިންޑޮނީޝިއާ އަށް 6.4 ގެ ބިންހެލުމެއް، ސުނާމީގެ ބިރެއް ނެތް
އިންޑޮނީޝިއާ އަށް 6.4 ގެ ބިންހެލުމެއް، ސުނާމީގެ ބިރެއް ނެތް

ޖަކާޓާ (މާޗް 26) - އިންޑޮނީޝިއާގެ އިރުމަތީގެ ހިސާބުތަކަށް 6.4 ގެ ބާރުމިނުގެ ބިންހެލުމެއް މިއަަދު އަތުވެއްޖެ އެވެ.

ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު ކުރިން ދިން ނަމަވެސް މިހާރު ވަނީ އެ އިންޒާރު އުވާލައިފަ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައިސްފައި ވަނީ ޖަކާޓާގެ ހުޅަނގު އުތުރުން 222 ކިލޯ މީޓަރު ދުރުގައި އޮންނަ ބަންޑާ ސީގެ 171 ކިލޯ މީޓަރު އަޑިއަށް ކަމަށެވެ. ސުނާމީގެ އިންޒާރު ފުރަތަމަ ދިނީ އިންޑިއަން އޯޝަން ސުނާމީ ވޯނިން އެންޑް މިޓިގޭޝަން ސިސްޓަމުންނެވެ. އެކަމަކު ފަހުން ވަނީ ބިންހެލުން އައި ނަމަވެސް އިންޑިއާ ކަނޑުގެ ގައުމުތަކަށް ސުނާމީ އަރާނެކަމުގެ ބިރެއް ނެތް ކަމަށް ބުނެފަ އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު ވެސް އިންޑޮނީޝިއާ އަށް ވަނީ 6.1 ގެ ބާރު މިނުގެ ބިންހެލުމެއް އައިސްފަ އެވެ. އެ ބިންހެލުމުގައި އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އިންޑޮނީޝިއާ އޮންނަނީ ބިންހެލުން އެންމެ ގިނައިން އަންނަ ޕެސިފިކް ރިންގް އޮފް ފަޔާގަ އެވެ.

އިންޑޮނީޝިއާގެ ސުމަތުރާ އަށް 2004 ވަނަ އަހަރު 9.3 ގެ ބާރު މިނުގައި އައި ބިންހެލުމުގައި ވަނީ އެ ގައުމުން 168،000 މީހުން މަރުވެފަ އެވެ. އަދި އިންޑިއާ ކަނޑުގެ ގައުމުތަކާ އެކު ވަނީ 220،000 މީހުން މަރުވެފަ އެވެ.