27 މާޗް 2018 - 07:01

މަރަކީ އެއްވެސް މީހެއްގެ ބާރެއް އޮންނަ ކަމެއް ނޫނެވެ. އެކަމަކު ނޯވޭގެ އެކަހެރި ހިސާބެއްގައި އޮންނަ 2000ގެ އާބާދީއެއް އޮންނަ އަވަށެއް ކަމަށްވާ ލޯންގްޔާބައިން ގައި މަރުވުން މަނަލެވެ.
ނޯތު ޕޯލްގެ ގަދަ ފިނީގެ ތެރޭގައި އޮންނަ މި އަވަށަށް އަވި ލިބެނީ ކޮންމެ އަހަރެއްގެ ވެސް ކުޑަ ދުވަސްކޮޅަކަށެވެ. އެ އަވަށުގައި މީހަކު މަރުވެގެން ވަޅުލިޔަސް އެ ހަށިގަނޑު ކުނި ނުވެ އޮންނަނީ އެވެ. މި އަވަށުގައި މީހުން ވަޅުލުން ހުއްޓާލީ އަވަށުގެ މީހުންނަށް މިކަން އެނގުމުން 1950 ވަނަ އަހަރު އެވެ.
އާންމުން މިކަމާ ވަރަށް ބިރުގަތެވެ. ނުރައްކާތެރި ބަލިތަކުގައި މަރުވާ މީހުންގެ ހަށިގަނޑުގައި އެތައް އަހަރެއް ވާއިރު ވެސް އެ ބަލިތަކުގެ ވައިރަސް ހުންނާނެ ކަމަށް އާންމުން ގަބޫލުކުރި އެވެ. މިއީ ކުށް ހީއެއްކަން ނޫންކަން ސައިންސްވެރިން ވަނީ ކަށަވަރު ވެސް ކޮށްދީފަ އެވެ. މީގެ 80 އަހަރު ކުރިން ޕްލޫ ޖެހިގެން އެތައް ހާސް ބަޔަކު މަރުވި އިރު، އޭގެ ތެރެއިން ބައެއް މީހުންގެ ގަބުރުތަކުން މި ވައިރަސް ސައިންސްވެރިންނަށް ފެނުނެވެ.
މި އަވަށުގެ ވަޒަންވެރިއެއް ކަމަށް ވިޔަސް މަރުވުމުން އެތަނުގައި ވަޅެއް ނުލާނެ އެވެ. މި އަވަށުގެ މީހަކު ބަލިވެ ގަދަނުވާނެ ކަމަށް ހީވެއްޖެ ނަމަ ނޯވޭގެ މައި އަވަށްތަކުން އަވަށަކަށް ގެންދަނީ އެވެ.
ކުޑަކުޑަ ހޮސްޕިޓަލެއް ހުންނަ މި އަވަށުގައި ބަލި މީހުން އަދި މާބަނޑު މީހުން ވެސް އާންމުކޮށް ދަނީ އެހެން ހިސާބުތަކަށެވެ. އެއީ މަރުވެދާނެ ކަމުގެ ބިރު އޮންނާތީ، ވަޅުލެވޭނެ ހިސާބެއްގައި ފަރުވާ ހޯދުމަށެވެ.