ވެމްކޯގެ ވެހިކަލަކުން ޖެހި ޒުވާނެއްގެ ފައި ބިނދިއްޖެ
ވެމްކޯގެ ވެހިކަލަކުން ޖެހި ޒުވާނެއްގެ ފައި ބިނދިއްޖެ

ވެމްކޯގެ ވެހިކަލަކުން ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާން ފިރިހެނެއްގެ ފައި ބިންދައިގެން ހިނގައްޖެ އެވެ.

ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާކޮށި ކައިރީގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާގެ ކަނާތު ފައިގެ ކަށިގަނޑު ބިންދައިގެން ދިޔުމުން މިހާރު ވަނީ ޕްލާސްޓަރު އަޅައިފަ އެވެ.

ރޭ 9:15 ހާއިރު އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ ބުނީ އޭނާގެ ފައިގައި ވެހިކަލުން ޖެހުނީ ރައްޓެހިންތަކަކާ ވާހަކަ ދައްކަން ކަޅުތުއްކަލާ ކޮއްޓާ ވީ ފަޅީގައި މަޑުކޮށްލައިގެން ހުއްޓައި ކަމަށެވެ. އެ އުޅަނދު ދިޔައީ ކުނި އުކަން އިންޑަސްޓްރިއަލް ވިލެޖުގައި ހާއްސަކޮށްފައިވާ ދިމާލަށް ދާށެވެ.

"ވާހަކަ ދައްކަން ހުއްޓައި އެ ވެހިކަލް އައިސް ޖެހުނީ. އެ ތަނުގައި އެ އުޅަނދަށް ދުއްވޭނެ ޖާގަ ވެސް އޮތް،" އެ ޒުވާނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވެމްކޯގެ ވެހިކަލް ދުއްވަން އިނީ ދިވެއްސެކެވެ.