ހާލަތު ދެނެގަންނަން ބޫޓާން ކޯޗު އިމްތިހާނަކަށް
ހާލަތު ދެނެގަންނަން ބޫޓާން ކޯޗު އިމްތިހާނަކަށް

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ބޫޓާން މި ވަގުތު އޮތް ހާލަތު ދެނެގަންނަން ލިބިފައި އޮތް ފުރުސަތެއް ކަމަށާއި އޭނާގެ ނަޒަރުގައި މިއީ އިމްތިހާނެއް ކަމަށް ބޫޓާނުގެ އާ ކޯޗު އިންގްލެންޑުގެ ޓްރެވާ މޯގަން ބުނެފި އެވެ.

ހާލަތު ދެނެގަންނަން ބޫޓާން ކޯޗު އިމްތިހާނަކަށް
ހާލަތު ދެނެގަންނަން ބޫޓާން ކޯޗު އިމްތިހާނަކަށް

ޔޫއޭއީގައި އަންނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ދޮރު ރާއްޖެ އާއި ބޫޓާނަށް ވަނީ ބަންދުވެފަ އެވެ. ކޮލިފައިން ގްރޫޕް ޑީ އިން އޭޝިއަން ކަޕްގައި ވާދަކުރާނީ ފަލަސްތީނާއި އޮމާން އެވެ. ރާއްޖެ ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އިންޑިއާ ސުޕަ ލީގުގެ ކެރެލާ ބްލާސްޓާސް އާއި އައި ލީގުގައި ވާދަކުރާ އީސްޓް ބެންގޯލަށް ކޯޗުކޮށްދިން މޯގަން ފުރަތަމަ ފަހަރަށް ބޫޓާން ގޮވައިގެން މެޗަކަށް ނުކުންނައިރު، މި މެޗަކީ އޭނާ އަށާއި ބޫޓާން ފުޓްބޯޅަ އަށް މުހިއްމު މެޗެއް ކަމުގައި ވަނީ ބުނެފަ އެވެ.

"މިއީ އަހަންނަށް ވަރަށް މުހިއްމު މެޗެއް. އެއީ އަހަރެން ހަވާލުވި ފަހުން ކުޅޭ ފުރަތަމަ މެޗުކަމަށްވާތީ. މިއީ އެއްވެސް އެއްޗަކަށް ކުޅޭ މެޗަކަށް ވިޔަސް މީގެ އިން ހާސިލްކުރެވޭނެ ކަންތައްތައް އެބަހުރި. ފުޓްބޯޅައިގައި ކޮންމެ މެޗެއްގައި ވެސް ހާސިލްކުރެވޭނެ ކަންތައްތައް ހުންނާނެ. ރަނގަޅު ފެށުމެއް އަހަންނަށް ވަރަށް މުހިއްމު،" އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ބޯންމައުތަށް ކުޅެފައިވާ ފޯވާޑް ބުންޏެވެ.

މާދަމާގެ މެޗަށް ނުކުންނައިރު ރާއްޖެއާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތު މޯގަން އަށް ލިބިފައި ނެތެވެ. އެކަމަށް އޭނާގެ އެހީތެރިޔަކީ ވީޑިއޯ އެވެ.

"އަހަރެން ދުށިން އޭއެފްސީ ކަޕްގައި ރާއްޖޭގެ ބައެއް ޓީމުތައް ކުޅުނު މަންޒަރު. އެއީ އަހަރެން އީސްޓް ބެންގޯލްގައި ހުރިއިރު. ޔޫޓިއުބުން ލިބުނު ވަރަކަށް އަހަރެން ރާއްޖެއާ ބެހޭގޮތުން މައުލޫމާތު އެއް ކުރަމުން މިއައީ. އެއީ ދޯ އެންމެންވެސް ބަލާ ގޮތަކީ،" މޯގަން ބުންޏެވެ.

އޭނާ ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޫޓާން ކުޅުންތެރިންނާ އެކު ބޭއްވި ތަމްރީންތަކުން އެ ކުޅުންތެރިންގެ މަސައްކަތްކުރުމުގެ ރޫހު ފެނިފައި ލިބުނީ ހައިރާންކަމެއް ކަމަށެވެ. އެ ފަދަ ކުޅުންތެރިންތަކަކާ އެކު ކޮންމެ މެޗަކަށް ނުކުތަސް އޭނާގެ ވިސްނުމަކީ މޮޅެއް ކަމަށާއި އެހެން ނަމަވެސް އޭނާ ބޭނުންވާ ސިސްޓަމަށް ހާނުވަން އަދި ވަގުތުނަގާނެ ކަމަށް ވެސް ބުންޏެވެ.

މޯގަން ބުނީ އޭނާ ދެކޭގޮތުގައި މި މެޗަކީ ވަރަށް އެޓޭކިން ފުޓްބޯޅައެއް ފެނިގެންދާނެ މެޗެކެވެ.

"ޕޮއިންޓެއް ހޯދައިގެން ހޯދޭނެ އެއްޗެއް ނެތުމުން ދެ ޓީމު ވެސް މޮޅަކަށް ކުޅޭނީ. ވަރަށް ގިނަ ފުރުސަތުތަކެއް ވެސް ލިބޭނެ. އަހަރެން އަބަދުވެސް ވިސްނަނީ މޮޅުވާން. ދެން މޮޅުނުވެވިއްޖެނަމަ ވަރަށް މުހިއްމު ބަލިނުވެ ފަރުޖައްސާލުން. އަހަރެން ބޭނުމީ އެޓޭކިން ފުޓްބޯޅައެއް. ގިނަ ލަނޑުތަކެއް ޖަހަން ބޭނުން،" އޭނާ ބުންޏެވެ.

ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަށް ސަމާލުވާން އެނގޭނީ ވާދަވެރި މެޗެއް ކުޅުމަށް ފަހު ކަމަށާއި އެ ނަޒަރުން ބަލާއިރު މި މެޗަކީ އިމްތިހާނެއް ކަމަށް މޯގަން ވަނީ ބުނެފަ އެވެ.

"މި މެޗުން އަހަރެމެން އޮތް ހިސާބެއް ވެސް އެނގިގެންދާނެ. ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރަން ހުރިކަން ވެސް އެނގޭ. ކޮންމެ ނަތީޖާއެއް ނުކުތަސް އަހަރެން ހޯދާނީ މީގެން ޕޮޒިޓިވް ކަންތައްތައް. ނަތީޖާ ވެސް މުހިއްމު. އަހަރެން ކޯޗިން ކެރިއަރުގައި ކުރިމަތި ލައިފިން ވަރަށް ދަށްކޮށް ކުޅެފައި މޮޅުވެފައި ހުރި ފަހަރުތަކާ ވެސް. ވަރަށް މޮޅަށް ކުޅެފައި ބަލިވެފައި ހުރި ހާލަތްތަކާ ވެސް،" އޭނާ ބުންޏެވެ.

ބޫޓާނަށް މި ވަގުތު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ތަރި ޗެންޗޯ ގެޔެސްޓެން ރަނގަޅު ފޯމެއްގައި ހުރުމެވެ. އިންޑިއާގެ މިނެރްވާ ބަންޖާބާ އެކު އިންޑިއާގެ އައި ލީގު ކާމިޔާބުކުރިއިރު، ޗެންޗޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

"ޗެންޗޯ ހުރީ ވަރަށް ފޯމުގައި. ޓީމު ކުޅުންތެރިން ވެސް ތިބީ ވަރަށް އުފަލުން އޭނާ ރަނގަޅު ފޯމެއްގައި ހުރީމަ،" މޯގަން ބުންޏެވެ.

ބޫޓާން ޓީމުގެ ކެޕްޓަން ކަރްމާ ޝެޑްރަޕް ޝެރިން ބުނީ ބޭނުންވަނީ އާ ކޯޗާ އެކު ރަނގަޅު ފެށުމެއް ކަމަށެވެ.

"އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ކުޅެފައިހުރި މެޗުތައް ވަރަށް ވާދަވެރިކޮށް ގޮސްފައިހުރީ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ވެސް ރަނގަޅު މެޗެއް. އުއްމީދަކީ ދައްކާ ކުޅުމާ އެއްވަރުގެ ނަތީޖާއެއް މި މެޗުގައި ނެރެވޭނެކަމަށް،" ޝެރިން ބުންޏެވެ.

ބޫޓާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.