27 މާޗް 2018 - 07:04

މިހާރު ކުޅޭނެ ފިލްމެއް ވެސް ނުލިބޭ ބޮލީވުޑްގެ ބަތަލާ ބިޕާސާ ބާސޫ އާއި އެކްޓަރު ކަރަން ސިންގް ގްރޯވާ 2016 ގައި ކައިވެނި ކުރި ފަހުން، ބިޕާޝާ ބަލިވެ އިން ކަމަށް މީޑިއާތަކުން އެކި ފަހަރު ޚަބަރު ފަތުރާފައިވެ އެވެ. މިކަމާ ބިޕާޝާ ވަރަށް ރުޅިގަދަވެ އެވެ.
އެކަމަކު މިހާރު އަނެއްކާ ވެސް މި ވާހަކަ އެބަ ދެކެވެ އެވެ. މިކަމަށް މި ފަހަރު ރައްދު ދެމުން އޭނާ ބުނީ އަންހެނަކު ކައިވެނި ކުރިޔަސް ދަރިން ހޯދަން މަޖުބޫރު ނުވާނެ ކަމަށެވެ.
"ދަރިން ހޯދައިގެން ދަރިން ބެލުމަށް ވުރެ މާ މުހިއްމު ކަންކަން ވެސް އެބަހުރި އަންހެނުން ކުރަން،" ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި، 39 އަހަރުގެ ބަތަލާ ބުންޏެވެ.
ބިޕާޝާ ބުނީ ދަރިން ހޯދަން އޭނާ ވެސް ބޭނުންވާ ކަމަށެވެ. އަދި ވަގުތު ޖެހި، އެކަމަށް ތައްޔާރުވެވުމުން ކުއްޖަކު ހޯދާނެ ކަމަށް ބުންޏެވެ.
"އެކަމަކު އަހަރެން ގަބޫލެއް ނުކުރަން ކައިވެންޏަކީ ދަރިން ހޯދަން މަޖުބޫރު ވާން ޖެހޭ ކަމެއް ކަމަކަށް. އަންހެނަކަށްވީތީ އޭނާ ނުޖެހޭ ކޮންމެހެން ކެރިއާ ހުއްޓާލައި، ދަރިން ހޯދައިގެން ގޭގައި އިންނާކަށް،" ބަލިވެ އިން ކަމަށް ހަބަރު ފަތުރާތީ އެކަމާ ހިތްހަމަނުޖެހިގެން ބިޕާޝާ ބުންޏެވެ.
އޭނާ ބުނީ ދަރިއަކު ހޯދުމަކީ ޒާތީ ކަމެއް ކަމަށާއި އެކަމާ އެހެން މީހުން ބެހެން ނުޖެހޭ ކަމަށެވެ.
"އަހަރެމެން ދެމަފިރިން ދަރިއަކު ހޯދަން ބޭނުންވީމަ އެނގޭނީ އަހަރެމެންނަށް. މީޑިއާތަކުން ވެސް ނުޖެހޭ އަބަދު އަހަރެން ބަލިވެއިނދެފިއޭ ކިޔައިގެން ހަބަރު ފަތުރާކަށް،" ޖިސްމް އާއި ރާޒް އަދި ދޫމް 2 ފަދަ ފިލްމްތައް ކުޅެފައިވާ ބިޕާޝާ ބުންޏެވެ. "އެކަމާ އަހަރެންގެ ބޮލަށް އުނދަގޫވޭ."
ބިޕާޝާ އެންމެ ފަހުން ކުޅުނު ފިލްމަކީ ފިރިމީހާ ކަރަންއާ ކައިވެނި ކުރުމުގެ ކުރިން ދެ މީހުން އެކުގައި 2015 ގައި ކުޅުނު ބިރުވެރި ފިލްމް "އެލޯން" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަލާޒުން މިހާރު ދައްކަމުން އަންނަ ކޮމެޑީ ޝޯ "އެންޓަޓައިންމަންޓް ކީ ރާތު" ގެ ދެވަނަ ސީޒަން "އެންޓަޓައިންމަންޓް ކީ ރާތު: އެކްސްޓެންޝަން" ގައި ބިޕާޝާ އާއި ކަރަން ހުށަހަޅައިދޭ ހާއްސަ ސެގްމަންޓެއް ހިމެނޭނެ އެވެ.
ބިޕާޝާ މީގެ ކުރިން ވަނީ 2015-2016 އަށް އެންޑް ޓީވީން ގެނެސް ދިން ބިރުވެރި ސީރީޒް "ޑަރް ސަބްކޯ ލަގްތާ ހޭ" ވެސް ހޯސްޓްކޮށް ދީފަ އެވެ.