26 މާޗް 2018 - 13:28

ވަކީލުންގެ ޖަމްއިއްޔާއެއް ރަޖިސްޓްރީ ކުރަން ހުށަހެޅިތާ ފަސް މަސް ވީއިރު ވެސް އެ ޖަމްއިއްޔާ ސަރުކާރުން ރަޖިސްޓްރީ ކޮށްދީފައިނުވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ވަކީލުންގެ ހައްގުތައް ހިމާޔަތް ކުރުމަށް "ދަ ލޯ ކައުންސިލް އޮފް މޯލްޑިވްސް" ގެ ނަމުގައި ޖަމްއިއްޔާއެއް ރަޖިސްޓްރީ ކުރަން ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ޖަމްއިއްޔާގެ ފައުންޑަ މެމްބަރުންނަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.
ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެ ޖަމްއިއްޔާ ރަޖިސްޓްރީކުރަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުށަހެޅި ހުށަހެޅުމާ މެދު އަދިވެސް ގޮތެއް ނުނިންމާ ކަމަށާއި އެކަން އަވަސް ކޮށްދޭން ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
މީގެ ކުރިން މަޝްހޫރު ވަކީލުންތަކެއް ގުޅިގެން ބާ އެސޯސިއޭޝަންގެ ނަމުގައި 2014 ގައި ޖަމްއިއްޔާއެއް އުފައްދައި، ރަޖިސްޓްރީކުރި އެވެ. އެކަމަކު ގާނޫނެއް ނެތި އެ ނަމުގައި ޖަމްއިއްޔާއެއް ނުހިންގޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު އެންގުމުން އެ ޖަމްއިއްޔާ ފަހުން ވަނީ އުވާލައިފަ އެވެ.
އެހެން ގައުމުތަކުގައި ވަކީލުންނަކީ އެ ގައުމެއްގެ ބާ ކައުންސިލަކުން ރެގިއުލޭޓްކުރާ ބައެކެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް އެފަދަ ކައުންސިލެއް ނެތުމުން އެކި ދުވަސްވަރު ވަކީލުން ރެގިއުލޭޓް ކުރަނީ ދައުލަތުގެ އެކި އިދާރާތަކުންނެވެ. ކުރިން ބަންޑާރަ ނައިބުގެ އޮފީހުން ވަކީލުން ރެގިއުލޭޓް ކުރަމުން އައި ނަމަވެސް މިހާރު އެކަން ކުރަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުގައި އޮންނަ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.