ޑިޒައިނަރެއްގެ ގައިގެ ހަމުން ހެދުންތަކެއް ފަރުމާކުރަނީ
ޑިޒައިނަރެއްގެ ގައިގެ ހަމުން ހެދުންތަކެއް ފަރުމާކުރަނީ

އިނގިރޭސިވިލާތުގެ އާޓްސް އަދި ޑިޒައިން ޔުނިވާސިޓީ، ސެންޓްރަލް ސެއިންޓް މާޓިންސްގައި ފެޝަން ޑިޒައިން ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ ޓީނާ ގޯޖެންކުގެ އެންމެ ފަހުގެ ޑިޒައިން ޕްރޮޖެކްޓަށް ބޭނުންކުރަނީ މަޝްހޫރު ޑިޒައިނާ އެލެކްޒޭންޑާ މެކްކުއިންގެ ގައިގެ ހަމެވެ.

ޑިޒައިނަރެއްގެ ގައިގެ ހަމުން ހެދުންތަކެއް ފަރުމާކުރަނީ
ޑިޒައިނަރެއްގެ ގައިގެ ހަމުން ހެދުންތަކެއް ފަރުމާކުރަނީ

އެލެކްޒޭންޑާ މެކްކުއީނަކީ އިނގިރޭސިވިލާތް ފަހުރުވެރިކަމާ އެކު ރަމްޒުކުރި ހުނަރުވެރި ފަންނުވެރި އެކެވެ. ނަމަވެސް މެކްކުއީން ކުއްލި ގޮތަކަށް 2010 ގައި މަރުވި އެވެ. ނަމަވެސް އޭނާގެ ޑިޒައިންތަކުން އެތައް ބަޔަކު އަދިވެސް ހިޔާލު ހޯދަ އެވެ. ލަންޑަނުގައި މަސައްކަތް ކުރަމުން އަންނަ ޓީނާ އަކީ ވެސް އޭގެ ތެރެއިން މީހެކެވެ.

ޓީނާގެ "ޕިޔޯ ހިއުމަން" ޑިޒައިން ޕްރޮޖެކްޓުގައި މެކްކުއީންގެ ޑީއެންއޭ ބޭނުންކޮށްގެން އަތް ދަބަހާއި ޖެކެޓު ފަރުމާކޮށްލަނީ އެވެ. ލެބޯރަޓަރީއެއްގައި ޓިޝޫ އެންޖިނިއަރިން ޓެކްނޮލޮޖީ ބޭނުންކޮށްގެން މެކްކުއިންގެ ޑީއެންއޭއިން ހަންގަނޑެއް އުފައްދަނީ އެވެ. އަދި އެ ހަންގަނޑުގައި ކަޅު ތިލަ، ފްރެކްލްސް އަދި ޓެޓޫޒް ވެސް ހުންނާނެކަމަށް ޓީނާ ބުނެފައިވެ އެވެ. މެކްކުއިންގެ "ޖެކް ދަ ރިޕާ ސްޓޯކްސް ހިޒް ވިކްޓިމްސް"ގެ ނަމުގައި 1992ގައި ހުށަހެޅި ފެޝަން ޝޯގައި އޭނާގެ އަމިއްލަ އިސްތަށިގަނޑު ހެދުންތަކުގެ ތެރެއަށް ފަހާފައި ހުއްޓެވެ. ޓީނާ މެކްކުއިންގެ ޑީއެންއޭ ނަގަން ބޭނުންކުރީ އެ އިސްތަށިތަކެވެ.

ޓީނާގެ މި ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ މުސްތަގުބަލުގައި އަގުބޮޑު މޮޅު ޕްރޮޑަކްޓުތަކަށް ކުންފުނިތަކުން އިންސާނުންގެ ޑީއެންއޭ ބޭނުންކުރާނެ ކަމާއި ޑީއެންއޭ ރައްކާކުރަން ދީފައިވާ އަހައްމިއްޔަތުކަން ކުޑަކަން ފާހަގަކުރުމަށެވެ.

"ޕިޔޯ ހިއުމަން" ޕްރޮޖެކްޓަށް ޓީނާ ފަރުމާކުރާ އެއްވެސް ޑިޒައިނެއް އަދި ލެވޭގޮތަކަށް ނުވިއްކާނެ އެވެ. އެ ޑިޒައިންތައް ހަމައެކަނި ގެލެރީ އެއްގައި ދައްކާލާނީ އެވެ.

"މެކްކުއިންގެ ރެޕްރެޒެންޓޭޓިވްސް އަށް މި ޑިޒައިންތައް ވަރަށް ކަމުދިޔަ. އެމީހުންނަށް މި ހިޔާލު ވަރަށް ތަފާތުވި،" ޓީނާ ބުންޏެވެ.