ފޭސްބުކުގެ ސީއީއޯ މި ފަހަރު މައާފަށް އެެދުނީ ފުލްޕޭޖް އިޝްތިހާރަކުން
ފޭސްބުކުގެ ސީއީއޯ މި ފަހަރު މައާފަށް އެެދުނީ ފުލްޕޭޖް އިޝްތިހާރަކުން

ލަންޑަން (މާޗް 26) - ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސި ވިލާތުގެ ކޭމްބްރިޖް އެނަލިޓިކާ ކުންފުނިން ސިޔާސީ ގޮތުން ނާޖާއިޒް ފައިދާއެއް ހޯދުމަށް ބޭނުންކުރި މައްސަލާގައި ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ސީއީއޯ މާކް ޒުކަބާގު ދެ ވަނަ ފަހަރަށް މައާފަށް އެދިވަޑައިގެންފި އެވެ.

މައާފަށް އެދިވަޑައިގަތުމަށް ޒުކަބާގު މި ފަހަރު ބޭނުން ކުރެއްވީ އިނގިރޭސި ވިލާތުގެ ނޫސްތަކުގެ ފުލް ޕޭޖް އިޝްތިހާރެކެވެ. ޒުކަބާގް ވިދާޅުވީ ސިޔާސީ ގޮތުން ކޮންސަލްޓެންސީ ދޭ ކެމްބްރިޖް އެނަލިޓިކާ އިން ފޭސްބުކުގެ ޑޭޓާ އަމިއްލަ ފައިދާ އަށް ބޭނުން ކުރުން ހުއްޓުވުމުގައި ފޭސްބުކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.

"އެއީ އިތުބާރުގެ މައްސަލައެއް. އެކަމަށްޓަކައި މައާފާށް އެދެން،" އިޝްތިހާރުގައި ޒުކަބާގު ވިދާޅުވި އެވެ.

ފޭސްބުކުގެ ޑޭޓާ ނަހަމަގޮތުގައި ބޭނުންކޮށްފައި މިވަނީ ޑޭޓާ ހިމާޔަތްކުރާ ސިޔާސަތުތައް މާބަލިކަށި ކަމަށް ބުނެ ފޭސްބުކަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ފޭސްބުކުން މައާފަށް އެދުނު އިޝްތިހާރު ވަނީ އިނގިރޭސި ވިލާތުގެ ބްރޯޑްޝީޓް އަދި ޓެބްލޮއިޑް ނޫސްތަކުގައި ވެސް ޖަހައިފަ އެވެ. ސަންޑޭ، ޓެލެގްރާފް، ސަންޑޭ ޓައިމްސް، މެއިލް އޮން ސަންޑޭ، އޮބްޒާވާ، ސަންޑޭ މިރާ އަދި ސަންޑޭ އެކްސްޕްރެސްގެ ފަހަތު ސަފްހާގައި ވަނީ އިޝްތިހާރު ޖަހައިފަ އެވެ.

ޒުކަބާގު ވިދާޅުވީ ޔުނިވާސިޓީ ރިސާޗަރަކު ތައްޔާރު ކުރި ކުއިޒް އެޕެއްގައި ވަނީ ފޭސްބުކުގެ އެތައް މިލިއަން ބައެއްގެ ޑޭޓާ 2014 ވަނަ އަހަރު ލީކުކޮށްލާފައި ކަމަށެވެ.

"ފޭސްބުކް ބޭނުން ކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ދެން އެބާވަތުގެ ކަމެއް ނުހިނގާނެ ގޮތަށް މިހާރުއްސުރެ މިދަނީ ފިޔަވަޅުތައް އަޅަމުން،" ޒުކަބާގު ވިދާޅުވި އެވެ.

މި މައްސަލާގައި ޒުކަބާގު މިދިޔަ ހަފުތާގައި ވެސް ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.