އިކާޑީ އާއި މެޑްރިޑާ ދެމެދު އޮތީ ކޮން ހުރަހެއް؟
އިކާޑީ އާއި މެޑްރިޑާ ދެމެދު އޮތީ ކޮން ހުރަހެއް؟

މެޑްރިޑް (މާޗް 26) – މަޝްވަރާތަކުގައި އޭނާގެ އަންހެނުން ވެންޑާ ނާރާ ބައިވެރިވާ ނަމަ ރެއާލް މެޑްރިޑުން އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑޯ ހޯދަން މަސައްކަތްނުކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ވެންޑާ އަކީ އިކާޑުގެ އޭޖެންޓް ވެސް މެ އެވެ. އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް އިންޓައާ އެކު ބޭއްވީ ވެސް ވެންޑާ ކަމަށްވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ވެންޑާ އަކީ ރެއާލް މެޑްރިޑުން ބްލެކް ލިސްޓްކޮށްފައިވާ މީހެކެވެ. އޭނާގެ އިތުރުން ޒަލަޓާން އިބްރަހިމޮވިޗާއި މާރިއޯ ބަލޮޓެލީ އަދި ޕައުލް ޕޮގްބާ ފަދަ ކުޅުންތެރިންގެ އޭޖެންޓް މިނޯ ރައިއޯލާ ވެސް އެ ކްލަބުން ބްލެކް ލިސްޓްކޮށްފައިވާ އޭޖެންޓެއް ކަމަށްވެ އެވެ.

ވެންޑާ އަކީ އިކާޑީއާ އެކު ސަމްޕްޑޯރިއާ އަށް ކުޅުނު މެކްސީ ލޮޕޭޒުގެ ކުރީގެ އަންހެނުންނެވެ.

ރެއާލް މެޑްރިޑުން ކަރިމް ބެންޒެމާގެ ބަދަލުގައި ގެންނަން އެންމެ ބޭނުންވާ ފޯވާޑަކީ އިކާޑީ ކަމަށްވެ އެވެ. އޭނާ ގެނައުމުގެ ވާހަކަތައް، އިތުބާރުކުރެވޭ ފަރާތެއް މެދުވެރިއަކަށްވެއްޖެ ނަމަ ފެށިދާނެ ކަމަށް ބެލެވެ އެވެ.

އުމުރުން 25 އަހަރުގެ އިކާޑީ ވަނީ އިންޓަ އަށް 172 މެޗުން 100 ގޯލް ޖަހައިފަ އެވެ.