26 މާޗް 2018 - 10:34

މޮސްކޯ (މާޗް 26) - ރަޝިޔާގެ ސަރަހައްދެއް ކަމަށްވާ ސައިބީރިއާގެ ބޯޓުދެލި ނަގާ ސިޓީއެއް ކަމަށްވާ ކެމެރޮވޯގެ ޝޮޕިން މޯލެއްގައި ރޯވި އަލިފާނުގައި މިހާތަނަށް 48 މީހުން މަރުވެއްޖެ އެވެ.

ރަޝިޔާގެ އޮފިޝަލުން ބުނީ މަރުވި މީހުންގެ ތެރޭގައި 41 ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި އިތުރު 27 މީހަކު ވަނީ ގެއްލިފަ އެވެ. މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް އޮފިޝަލުން ބުނެ އެވެ. އަލިފާން ރޯވެފައި ވަނީ ވިންޓަ ޗެރީ ކޮމްޕްލެކްސްގެ މަތީ ބުރީގަ އެވެ. ގިނައިން މަރުވެފައި ވަނީ ސިނަމާ ހޯލްތަކުގައި ތިބި މީހުންނެވެ. ބައެއް މީހުން ކުޑަ ދޮރުން ފުންމާލާ މަންޒަރު ވެސް ސޯޝަލް މީޑިއާގެ ވީޑިއޯތަކުން ފެނެ އެވެ.
މީހުން ސަލާމަތް ކުރުމަށް ވަނީ 660 މީހުން ފޮނުވައިފަ އެވެ. އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ. ކެމެރޮވޯ ސިޓީގެ އިމަޖެންސީ ޑިޕާޓްމަންޓުގެ ވެރިޔާގެ ނައިބް ޔެވްގެނީ ޑެޑީކިން ވިދާޅުވީ 1،500 އަކަ މީޓަރަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށެވެ.