ބޮޑު މުސާރަ ލިބުމަކީ މަޝްހޫރުކަމެއް ނޫން: ލެމާ
ބޮޑު މުސާރަ ލިބުމަކީ މަޝްހޫރުކަމެއް ނޫން: ލެމާ

ޕެރިސް (މާޗް 26) - ފުޓްބޯޅަ ކެރިއަރުގައި މަޝްހޫރުކަން ހޯދަން ބޭނުންވަނީ ބޮޑު މުސާރަ ހޯދައިގެން ނޫން ކަމަށާއި ކުޅުމުގެ ފެންވަރު ސާބިތު ކޮށްދީގެން ކަމަށް ފްރާންސްގެ މޮނާކޯ އަށް ކުޅެމުން އަންނަ އުއްމީދީ ކުޅުންތެރިޔާ ތޯމަސް ލެމާ ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ލެމާ ހޯދަން ބާސެލޯނާ، ލިވަޕޫލް، އާސެނަލް އަދި ޕީއެސްޖީން މަސައްކަތްކުރި އެވެ. އެހެން ނަމަވެސް މޮނާކޯ އިން އޭނާ ވިއްކާލަން ބޭނުމެއް ނުވި އެވެ.

ދާދި ފަހުން ފްރާންސް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ލެމާ ބުނީ ބައެއް ކްލަބްތަކުން އޭނާ އަށް ހުށަހެޅުންތައް ލިބުނުއިރު ވިސްނުން ހުރީ ބޮޑު މުސާރައެއް ދީގެން ގެންދާން ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ލެމާ އިޝާރާތްކުރީ ޕީއެސްޖީ އާއި ބާސެލޯނާ އިން ލިބުނު ހުށަހެޅުންތަކަށެވެ.

"އަހަރެންނަށް އިނގިރޭސި ކްލަބްތަކުން ވެސް ހުށަހެޅުން ލިބުނު. ދެން އެހެން ޓީމުތަކުން ވެސް. މީގެ ތެރެއިން ބައެއް ކްލަބްތަކުން ބޭނުންވި އަހަންނަށް ބޮޑު މުސާރައެއް ދީގެން ގެންދާން. އެކަމަކު އެއީ އަހަރެން އެންމެ ހިތް އެދޭ ގޮތެއް ނޫން،" ލެމާ ބުންޏެވެ.

އޭނާ ބުނީ މި ސީޒަނަށް ފަހު އިނގިރޭސި ކްލަބްތަކުގެ ހުށަހެޅުމަށް އިންތިޒާރުކުރާނެ ކަމަށެވެ.

"އަހަރެން އޮޅުވާލަން ނެތިން. ކުޑަ ހިތްހަމަ ނުޖެހުމެއް އައި ސީޒަން ފެށުމުގެ ކުރިން ރަނގަޅު ހުށަހެޅުންތައް ލިބުނު ކްލަބަކަށް ބަދަލުނުވެވުމުން. އަހަރެން ވަރަށް ބޮޑަށް އެދެން މި ސީޒަނަށް ފަހު ވެސް އެ ކްލަބްތަކުން އަހަރެން ހޯދަން އަންނާނެކަމަށް،" ލެމާ ބުންޏެވެ.

ލެމާ ހޯދުމުގެ ރޭހުގައި އެންމެ ބޮޑަށް ވާދަކުރާ ތިން ކްލަބަކީ އާސެނަލާއި ލިވަޕޫލް އަދި ޓޮޓެންހަމް އެވެ. ލެމާ ބުނީ ބަދަލުވާނީ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ވާދަކުރެވޭ ޓީމަކަށް ކަމަށެވެ.

މި ސީޒަން ފެށުމުގެ ކުރިން އާސެނަލާއި ލިވަޕޫލުން ވަނީ ލެމާ ގަންނަން 90 މިލިއަން ޔޫރޯ ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް މޮނާކޯ އިން ލެމާ ނުވިއްކީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކްލަބްދޫކޮށް ގޮސްފައިވާތީ އެވެ.