ކުއްޔަށް ދިން ފްލެޓެއް އަތުލަން މިނިސްޓްރީން ނިންމައިފި
ކުއްޔަށް ދިން ފްލެޓެއް އަތުލަން މިނިސްޓްރީން ނިންމައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުން މިދިޔަ އަހަރު ހުޅުމާލެއިން ދޫކުރި ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ކުއްޔަށް ދީފައިވާތީ އެ ފްލެޓްގެ އެގްރިމެންޓް ބާތިލްކޮށް ފްލެޓް އަތުލުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ކޮންމެ ފަހަރަކުވެސް ސަރުކާރުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފްލެޓްތައް ކުއްޔަށް ދޭކަން ފާހަގަވެ އެވެ. އެންމެ ފަހުން ދޫކުރި 661 ފްލެޓްގެ ތެރެއިން ވެސް ގިނަ ފްލެޓްތަކެއް ކުއްޔަށް ދިން ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. ހައުސިން މިނިސްޓްރީން ކޮންމެ ފަހަރަކު ވެސް އަންގާފައިވަނީ ފްލެޓް ލިބުނު ފަރާތް، ދިރިނޫޅެ ކުއްޔަށް ދޭ ނަމަ އެ ފްލެޓްތައް އަތުލާނެ ކަމަށެވެ.

މި މަހު 10 ވަނަ ދުވަހުން ފެށިގެން ފްލެޓްތައް ސާވޭ ކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން ވަނީ އޭގެން ފްލެޓެއްގައި ފްލެޓް ލިބުނު މީހާ އާއި އޭނާގެ އާއިލާ ދިރިނޫޅޭތީ އެ ފްލެޓް ހުސްކުރުމަށް އަންގއިފަ އެވެ.

ހައުސިން މިނިސްޓްރީން އެގޮތަށް އެންގި ލިޔުން ލިބުނު ނަމަވެސް ފްލެޓްގެ މައުލޫމާތުތައް ކަނޑާލާފައި ހުރުމުން އެއީ ކޮން ފްލެޓެއްކަން އެނގޭ ގޮތެއް ނުވި އެވެ.

އެނގިފައިވާ ގޮތުގައި މިއީ އެފަދަ މައްސަލައެއްގައި ފްލެޓް ހުސްކުރަން އެންގި ފުރަތަމަ ފަހަރެވެ.

"މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފްލެޓް ހުސްކޮށް މިނިސްޓްރީއާ ހަވާލު ކުރުމަށް އަންގަމެވެ." ހައުސިން މިނިސްޓްރީން ފްލެޓްގެ ވެރިފަރާތައް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.