26 މާޗް 2018 - 09:44

ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްގެން އެކުލަވާލާފައި ސްކޮޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ސީއައިއޭސް އޮބްްޒާވާޓަރީގެ ދިރާސާތަކުން ދައްކާގޮތުގައި ސިޓީން ވަނީ މިހާރު އޮތް ސްކޮޑު އެކުލަވާލުމަށް ވަނީ 878 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. އެ ޓީމުން ވަނީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އެ ކްލަބްގެ ރެކޯޑް އަގަކަށް އެތުލެޓިކް ބިލްބާއޯ އަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓޭ ގަނެފަ އެވެ. އެއީ 65 މިލިއަން ޔޫރޯގެ ޓްރާންސްފާ އެކެވެ.
ލިސްޓުގެ ދެ ވަނައިގައި އޮތީ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އެވެ. ޕީއެސްޖީން މި ސީޒަނުގައި 222 މިލިއަން ޔޫރޯ ހަރަދުކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ނޭމާ ގަނެފަ އެވެ. އެ ޓީމުގައި މިހާރު އޮތް ސްކޮޑު އެކުލަވާލުމަށް އެންމެ ބޮޑު ހޭދައެއް ކުރީ ނޭމާ އަށެވެ. ޕީއެސްޖީ ސްކޮޑުގެ އަގަކީ 805 މިލިއަން ޔޫރޯ އެވެ.
ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވުރެ ކުރީގައި ލިސްޓުގެ ތިން ވަނަ މަގާމުގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ޔުނައިޓެޑުން ވަނީ މިހާރުގެ ސްކޮޑު އެކުލަވާލުމަށް 747 މިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ.
ލިސްޓުގެ ހަތަރު ވަނައިގައި 725 މިލިއަން ޔޫރޯ ހަރަދުކުރި ބާސެލޯނާ އޮތްއިރު، ފަސް ވަނައިގައި އޮތީ 592 މިލިއަން ޔޫރޯ ހަރަދުކުރި ޗެލްސީ އެވެ. ހަ ވަނައިގައި އޮތީ 497 މިލިއަން ޔޫރޯ ހަރަދުކުރި ރެއާލް މެޑްރިޑެވެ. ލިވަޕޫލް ހަތް ވަނައިގައި އޮތީ 461 މިލިއަން ޔޫރޯ ހަރަދުކޮށްގެންނެވެ.
އެވްރެޖް ގޮތެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ މިހާރު އޮތް ސްކޮޑު އެކުލަވާލުމަށް 291 މިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. އެއީ ޕްރިމިއާ ލީގުގެ ޓީވީ ޑީލްތަކުން ކްލަބްތަކަށް ލިބޭ އާމްދަނީ އިތުރުވުމުންނެވެ. ލަލީގާގެ ޓީމުތަކުން 131 މިލިއަން ޔޫރޯ ހޭދަކުރިއިރު، އިޓަލީގެ ކްލަބްތަކުން ވަނީ 124 މިލިއަން ހަރަދުކޮށްފަ އެވެ.
ސީއައިއޭސް ފުޓްބޯލް އޮބްޒާވޭޓަރީ އަކީ ފުޓްބޯޅައިގެ ސްޓެޓްސް ދިރާސާކުރާ ގްރޫޕެކެވެ. ސްވިޒަލެންޑަށް ނިސްބަތްވާ މި ގްރޫޕުގައި ހިމެނެނީ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކެވެ.