25 މާޗް 2018 - 16:02

މާހޭ (މާޗް 25) - ސީޝެލްސްގައި އަސްކަރީ މަރުކަޒެއް ހަދަން އިންޑިއާއާ އެކު ގާއިމްކުރި އެއްބަސްވުމަށް އެ ގައުމުގެ ޕާލަމެންޓުގައި ހިމެނޭ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދައިފި އެވެ.
ސީޝެލްސްގެ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮންނަނީ އިދިކޮޅު ފަރާތްކަށެވެ.
ދެ ގައުމުގެ މެދުގައި ގާއިމްކުރި އެއްބަސްވުމުގެ ދަށުން 550 މިލިއަން ޑޮލަރު އިންޑިއާ އިން ސީޝެލްސްގައި އިންވެސްޓްކުރާނެ އެވެ. ސީޝެލްސްގެ އެސަމްޝަން އައިލެންޑުގައި އިންޑިއާ އިން ގާއިމްކުރާ އަސްކަރީ މަރުކަޒުން ދެކުނު އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދޭނެ އެވެ. އެ މަރުކަޒުގައި އިންޑިއާ ސިފައިން ވެސް ތިބޭނެ އެވެ. އަދި ސީޝެލްސް ސިފައިން ތަމްރީނު ކުރުމުގައި އެހީތެރިވެދޭނެ އެވެ.
މި އެއްބަސްވުމަށް ސީޝެލްސްގެ އާއްމު ފަރާތްތަކުން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި އިދިކޮޅު ޑިމޮކްރެޓިކް ޔޫނިއަންގެ ލީޑަރު ވަވެލް ރަމްކަލަވަން ވިދާޅުވީ އިންޑިއާގެ މަރުކަޒެއް ސީޝެލްސްގައި ހެދުމުގެ އެއްބަސްވުމަށް ޕާލަމެންޓުން ރުހުން ނުދޭނެ ކަމަށެވެ. އަދި މިހާ ހިސާބުން އެ އެއްބަސްވުން ވަނީ މަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޝެލްސްގެ ރައީސް ޑެނީ ފައުރޭ ވިދާޅުވީ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިިދިކޮޅު ލީޑަރާ މާދަމާ ބައްދަލު ކުރާނެ ކަމަށެވެ. ސީޝެލްސްގައި އިންޑިއާގެ މަރުކަޒެެއް ހެދުމާ ބެހޭ ގޮތުން 2015 ގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އަމަލީ ގޮތުން އެއްބަސްވުން ގާއިމްކޮށްފައި ވަނީ ޖެނުއަރީ މަހު އެވެ.
ސީޝެލްސް ސަރުކާރުން ބުނެފައި ވަނީ އިންޑިއާ އިން ހަދާ މަރުކަޒުގެ ސަބަބުން އެ ގައުމުގެ 1.3 މިލިއަން އަކަ ކިލޯ މީޓަރު (500،000 އަކަ މޭލު) ގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބަލަހައްޓަން ފަސޭހަ ވާނެ ކަމަށެވެ.