26 މާޗް 2018 - 06:30

ފަށްޖަހައި ލެވޭ ގޮތަށް ފަރުމާކުރާ އައިފޯންގެ ވާހަކަ މީގެ ކުރިން ވެސް އަހަރެމެން އަޑު އެހީމެވެ. ސެމްސެންގާއި ލެނޯވޯ އިން މީގެ ކުރިން މި ވައްތަރުގެ ފޯންގެ ސާމްޕަލްތަކެއް ވެސް ދައްކައިލި އެވެ. އެކަމަކު އަދިވެސް ފޯން ބާޒާރަށް ނެރެވޭ ގޮތެއް ނުވެ އެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ އަރާ ހުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލް އިން މިހާރު ބުނަނީ އެ މީހުން ވެސް ފަށްޖަހައިލެވޭ އައިފޯން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެންމެ ލަސްވެގެން 2020 ގައި މި ވައްތަރުގެ އައިފޯން ލޯންޗް ކުރަން އެޕަލް އިން އަމާޒު ހިފާފައިވާ ކަމަށް ބޭންކް އޮފް އެމެރިކާ މެރިލް ލީންޗްގެ އިސް އޮފިޝަލަކު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ މިހާރު ބެލެވޭ ގޮތުން ފަށް ޖެހޭ ފޯން އާންމުންނަށް ފުރަތަމަ ފޯރުކޮށް ދޭނީ އެޕަލް އިންނެވެ.
މީގެ ކުރިން އަޑު އަރާފައިވާ ގޮތުން އެޕަލް އިން ފަށްޖަހައިލެވޭ އައިފޯން ފަރުމާ ކުރަނީ އެލްޖީއާ ގުޅިގެންނެވެ. ނަމަވެސް އާ ޑިޒައިނާ ބެހާ މާ ބޮޑު ތަފުސީލެއް މިހާތަނަކަށް ހާމަކޮށްފައެއް ނުވެ އެވެ.
ފޮތެއްހެން ފަށްޖަހައި، ހުޅުވޭ ގޮތަށް ފަރުމާ ކުރާ އެޕަލްގެ އައިފޯނާ ބެހޭ ގޮތުން އެޕަލްއާ ހަވާލާދީ ބޭންކް އޮފް އެމެރިކާގެ އެނަލިސްޓް ވަމްސީ މޯހަން ސީއެންބީސީއަށް ވިދާޅުވީ މި ވައްތަރުގެ ފޯންވެގެން ދާނީ މިހާރު އާންމުކޮށް މި ބޭނުން ކުރާ އައިފޯންތަކަށް ވުރެ ސައިޒްގެ ގޮތުން ތަފާތުތަކެއް ހުންނާނެ އުފެއްދުމަކަށް ކަމަށެވެ.
ފޯން އާންމުކުރަން ދެން މާ ގިނަ ދުވަހެއް ވެސް ނެތުމާ އެކު، ފޯން ސަޕްލައިކޮށް، އޭގެ ވިޔަފާރި ކުރާ ކުންފުނިތަކަށް އާ ފޯނާ ބެހޭ މައުލޫމާތު ވެސް އެޕަލް އިން މިހާރު އަންނަނީ ފޯރުކޮށް ދެމުންނެވެ.