ރިޔާޒްގެ ބަންދު މުރާޖައާ ކޮށްދޭން ރިޔާޒްގެ އާއިލާ އިން ޕީޖީ އަށް
ރިޔާޒްގެ ބަންދު މުރާޖައާ ކޮށްދޭން ރިޔާޒްގެ އާއިލާ އިން ޕީޖީ އަށް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދޭން ރިޔާޒްގެ އާއިލާ އިން ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން އެދެފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް ކުރިން ދައުވާ ކޮށްފައިވާ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާ ގުޅިގެންނެވެ. މިދިޔަ އަހަރުން ފެށިގެން ކޯޓުގައި ހިނގަމުން ދިޔަ އެ މައްސަލައިގައި ރިިޔާޒް ބަންދުގައި ބަހައްޓަން ނިންމީ މިދިޔަ ހަފުތާގަ އެވެ.

އެކަމާ ގުޅިގެން ޕީޖީ އައިޝަތު ބިޝާމަށް ރިޔާޒްގެ އަނބިކަނބަލުން އައިޝަތު ނަދާ މިދިޔަ ބުދަ ދުވަހު ފޮނުއްވި ސިޓީގައިވަނީ ރިޔާޒް ބަންދުކުރަން އަމުރުކުރި މައްސަލައަކީ މިދިޔަ އަހަރުން ފެށިގެން ތަހުގީގު ހިނގަމުން ދިޔަ މައްސަލައެއް ކަމަށާއި އެ މައްސަލައާ ގުޅިގެން ޕީޖީގެ އެދުމަކަށް މިހާރު ރިޔާޒް ބަންދު ކުރުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

ރިޔާޒް ބަންދުގައި ބަހައްޓަން ނިންމީ އެންމެ ފަހުން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ވަކީލަކު އައްޔަަން ކުރަން ރިޔާޒަށް ފުރުސަތު ދީ، އެ ދުވަހުގެ އަޑުއެހުން ނިންމައިލުމަށް ފަހު އޭގެ އިރުކޮޅެއް ފަހުން ރިޔާޒް އަލުން ޝަރީއަތަށް ވައްދައިގެން ކަމަށް އެ ސިޓީގައިވެ އެވެ.

"އިތުރު އަޑުއެހުމެއް ބާއްވައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުދީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 48 ވަނަ މާއްދާ އިން ލިބިދޭ ހައްގުތައް ނިގުޅައިގަތުމަށް ފަހު ކޮށްފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ،" އެ ސިޓީގައިވެ އެވެ.

އެހެންވެ، އެ ސިޓީގައި ނަދާ އެދިވަޑައިގެންފައިވަނީ ރިޔާޒް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުގައި އެދުމަށް ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށެވެ.

މީގެ އިތުރުން މާފުށީ ޖަލުގައި ރިިޔާޒް މިހާރު ބަންދު ކޮށްފައި ހުންނަ ގޮޅިީގައި ބަހައްޓާފައި ހުންނަނީ އެހެން މީހަކާ މުއާމަލާތު ނުކުރެވޭ އަދި އެހެން މީހަކަށް ނުފެންނަ ގޮތަށް ކަމަށާއި އެ ސަރަހައްދުގައި މަދިރި ގިނަ ކަމުން އެ ތަނުގައި ރިޔާޒް ބެހެއްޓުމަކީ އަނިޔާއެއް ކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި މާފުށީ ޖަލަށް ބަދަލުކުރި ފަހުން އާއިލީ ބައްދަލުވުން ވެސް ރިޔާޒަށް މިހާތަނަށް ނުލިބޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.