26 މާޗް 2018 - 06:25

މިދިޔަ އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ހިތްގައިމު މަދަހަ ސީޑީއެއް ގެނެސްދިން ހަބޭސް ބޮޑުބެރުން މި އަހަރުގެ ރޯދަ ހަދިޔާއަކަށް "މިސްކް" ކިޔާ މަދަހަ ސީޑީއެއް ނެރެން ނިންމައިފި އެވެ.
ހަބޭސްގެ ވެރިޔާ އަލީ (ހަބޭސް އައްޔަ) ޝިފާއު ބުނީ މިދިޔަ އަހަރުގެ މަދަހަ ސީޑީ "ޒަމާން" އާ ހިލާފަށް މި އަހަރުގެ މަދަހަ ސީޑީގައި ހިމެނޭނީ ހަބޭސްއާ އެކު ރާއްޖޭގެ މަޝްހޫރު، ހަތް ބޮޑުބެރު ބޭންޑަކުން ހަދާފައިވާ މަދަހަތައް ކަމަށެވެ.
އޭގެ ތެރޭގައި ހަބޭސް، ގުރަހެލި، މަންދީރާ، ދަންމާނު، އެކަތި، ހޭރިޔާ، ހަރުބީ ބޮޑުބެރު ގްރޫޕް ހިމެނެ އެވެ.
"އެހެން ގްރޫޕްތަކަށް ފުރުސަތު ދިނީ އެ ބޭންޑްތަކުގައި ތިބި ހުނަރުވެރި ފަންނާނުންނަށް އަހަރެމެންގެ މަދަހަ ސީޑީން ފުރުސަތު ދިނުމުގެ ގޮތުން. މީގައި ޖުމްލަ ހަތް މަދަހަ ހިމެނޭ އިރު، ކޮންމެ މަދަހައަކީ ވެސް އެ ބޭންޑެއްގެ އަމިއްލަ ރާގަކަށް، އަމިއްލަ ޅެމަކަށް ހަދާފައިވާނެ މަދަހައެއް،" މިއުޒިކާ ނުލައި ނެރޭ "މިސްކް" އާ ބެހޭ ގޮތުން އައްޔަ ބުންޏެވެ.
އޭނާ ބުނީ ހުރިހާ މަދަހަތަކެއް މިހާރު ހުރީ ރިކޯޑިން މަރުހަލާގައި ކަމަށެވެ.
"އެހެންވީމަ ރޯދަ މަހާ އެކު މި ސީޑީ ނެރެ އާންމުންނަށް ހިލޭ ބަހާނަން،" އައްޔަ ބުންޏެވެ.
ހަބޭސްގެ މި އަހަރުގެ މަދަހަ ސީޑީ އަށް މަދަހަ ކިޔުމަށް ބޮޑުބެރު ބޭންޑަތަކަށް ފުރުސަތު ދިނުމަށް ފަހު، އަންނަ އަހަރު ސްކޫލް ކުދިންނަށް ވެސް ފުރުސަތު ދޭން ވެސް ވަނީ ނިންމައިފަ އެވެ.
"އެ ފުރުސަތު އަހަރެމެން އަންނަ އަހަރުގެ ތެރޭގައި ހުޅުވާލާނަން،" އައްޔަ ބުންޏެވެ.
ހަބޭސްއަކީ މިހާތަނަށް ވަރަށް ކާމިޔާބު ލަވަ އަލްބަމްތަކެއް ވެސް ނެރެފައިވާ އަދި ހަބޭސްގެ ތައްގަނޑުގައި އިތުރު ތިން ބޭންޑެއް ވެސް ހިންގާ ބޭންޑެކެވެ. އޭގެ ތެރޭގައި ހަބޭސް ލެވިޓޭޝަން، ގްރެވިޓީ ބައި ހަބޭސް އަދި ހަބޭސް ފިއުޝަން ހިމެނެ އެވެ.