ޓިވެޓާއި އެމްއެންޔޫ ގުޅިގެން 500 ނަރުހުން ހިލޭ ތަމްރީނުކޮށްދެނީ
ޓިވެޓާއި އެމްއެންޔޫ ގުޅިގެން 500 ނަރުހުން ހިލޭ ތަމްރީނުކޮށްދެނީ

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން 500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޓިވެޓުން ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މި ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. ޕްރޮގްރާމަށް ހޮވޭ ދަރިވަރުން ސްޕޮންސާކޮށްފައިވާތީ ފީގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހޭނެ ކަމަށް ޓިވެޓުން ބުންޏެވެ.

ސިއްހީ ދާއިރާއަށް ދިވެހި ނަރުހުން އުފައްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ހިންގަނީ ސެޓްފިކެޓް ލެވެލް ހަތަރެއް އަދި ޑިޕްލޮމާ އިން ނާސިންނެވެ.

ސެޓްފިކެޓް ލެވެލް ހަތަރަކަށް، ސާނަވީ އިމްތިހާނަކުން ތިން މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވާ ދަރިވަރުންނަށް ކުރިމަތިލެވޭނެ އެވެ. އަދި ޑިޕްލޮމާއަށް ކުރިމަތިލެވޭނީ ސާނަވީ އިމްތިހާނުން ސައިންސް ސްޓްރީމުގައި ކިޔަވައި ތިން މާއްދާއިން ސީ ފާސް ލިބިފައިވާ އަދި ނާސިންގެ ލެވެލް ހަތަރެއް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ކަމަށް ވެސް ޓިވެޓުން ބުންޏެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ދެނީ ރާއްޖެއިންނާއި ރާއްޖޭން ބޭރުންނެވެ. އަދި ކޯސް ފުރިހަމަކޮށް ފާސްވާ ދަރިވަރުންނަށް ދޭން ހަމަޖައްސާފައިވަނީ ގައުމީ ޔުނިވާސިޓީގެ ސަނަދެކެވެ.