މިއަހަރު ނިމުމުގެ ކުރިން އާބާދީގެ 65 ޕަސެންޓަށް ސާފު ބޯފެން ފޯރުކޮށްދޭނަން: މިނިސްޓަރު
މިއަހަރު ނިމުމުގެ ކުރިން އާބާދީގެ 65 ޕަސެންޓަށް ސާފު ބޯފެން ފޯރުކޮށްދޭނަން: މިނިސްޓަރު

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 65 ޕަސެންޓަށް ސާފު ބޯފެން ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ފެނުގެ ދުވަހާ ގުޅިގެން ބޭއްވި އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރައްކާތެރި ބޯފެން ގާއިމްކޮށްފައިވަނީ މާލެ ހިމަނައިގެން އެންމެ ހަ ރަށުގައި ކަމަށެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ އަދަދު ވަރަށް ބޮޑަށް އިތުރު ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މިހާރު ވެސް 21 ރަށެއްގައި ރައްކާތެރި ބޯފެނުގެ ނިޒާމް ގާއިމްކޮށްދީ ފެން ފޯރުކޮށްދީފައިވާ ކަމަށެވެ.

"އެއީ ވަރަށް ބޮޑު އަދަދެއް. އާބާދީގެ 44 ޕަސެންޓާ ހަމައަށް ފެން ފޯރުކޮށްދެވިފައި މި ވަނީ. މި ވަގުތަށް ބަލާ ކަމުގައި ވާނަމަ 25 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އިރާދަ ކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ޕަސެންޓޭޖް، 65 ޕަސެންޓަށް އަރާ ހަމަވެގެންދާނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި އަށް ވުރެ ވެސް ބޮޑަށް އެ އަދަދު އިތުުރުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިރުވައި މޫސުމުގައި ބައެއް ރަށްރަށް ފެނަށް ޖެހޭ މައްސަލަ އަށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ރަށްތަކުގައި ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި 70 އަށް ވުރެ ގިނަ ރަށުން ފެން ހުސްވެގެން ފެން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް މިހާރު ކުރަމުން އަންނަ މަސައްކަތުން އެ އަދަދު މަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުގެ އަމާޒަކަށް ވީ މި ފެން ގެންދިއުން ވެސް ހަމަ މަގަށް އަޅުވައި ހުއްޓުވަން މަސައްކަތް ކުރުން. ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްރަށް މަދުކޮށް ހުއްޓާލަން މަސައްކަތް ކުރުން. އެ ޓާގެޓަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދިޔައީ. ...ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 29 ރަށެއްގައި، ރައްކާތެރި ގޮތުގައި ވާރޭފެން ބަހައްޓާނެ ނިޒާމްތައް ގާއިމް ކޮށްފައިވަނީ،" ތޯރިގް ވިދާޅުވި އެވެ.

މި ހަފުލާފައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމްގެ ކަންކަން ހަރުދަނާކުރަން އެކަމަށް ހާއްސަ ގާނޫނެއް ހެދުމަަށް، ބިލެއް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަނީ އާއްމު ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް އެކަމަށް ވަކި ހާއްސަ ގާނޫނެއް ހެދުމުން، ރަނގަޅަށް ބެލެހެއްޓި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.