25 މާޗް 2018 - 11:52

ބާސެލޯނާ (މާޗް 25) – ބާސެލޯނާގެ ކުރީގެ ތަރި ނޭމާ ވާދަވެރި ރެއާލް މެޑްރިޑާ ގުޅިދާނެ ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނުފެންނަ ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ބުނެފި އެވެ.
ބާސެލޯނާ އަށް ގިނަ ދުވަސްތަކެއްގައި ކުޅުމަށް ފަހު ނޭމާ ދުނިޔޭގެ ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވީ މި ސީޒަނުގަ އެވެ. އެކަމަކު އަންނަ ސީޒަނުގައި އޭނާ މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެއްޖެ ނަމަ ބާސެލޯނާގެ ސަޕޯޓަރުންގެ ނުރުހުން ނޭމާ އަށް އަމާޒުވާނެ ކަމަށް ބެލެވެ އެވެ.
"އާނ. އަހަންނަށް ވިސްނޭ ގޮތުގައި އޭނާ މެޑްރިޑާ ގުޅިދާނެ. އަހަންނަށް އެކަމުން އެއްވެސް މައްސަލައެއް ނުފެނޭ. އޭނާ އަކީ ޕްރޮފެޝަނަލެއް އަނެއްކާ އެއީ ނުވުމުގެ ފުރުސަތު މާބޮޑު ކަމެއް ނޫން. އެކަމަކު އަހަންނަށް ވިސްނޭ ގޮތުގައި އޭނާ އަށް އުނދަގޫވާނެ ޕީއެސްޖީ ދޫކޮށްލަން. ސަބަބަކީ އެ ޓީމުން އޭނާ ލައްވާ ސޮއިކުރަން ވަރަށް ބައިވަރު ފައިސާ ހޭދަކޮށްފައިވާތީ،" ޕުޔޯލް ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ ބޭނުންވަނީ އަލުން ބާސެލޯނާ އަށް ބަދަލުވާށެވެ. ސްޕެއިނުގެ ނޫހަކުން ބުނެފައިވާ ގޮތުގައި ނޭމާ ވަނީ ބާސެލޯނާ އަށް އެނބުރި ދެވޭނެ ގޮތަކީ ކޮބައިތޯ ބަލަން އެ ކްލަބާ ގުޅައިފަ އެވެ. އެކަމަކު ނޭމާ އަލުން ބާސެލޯނާ އަށް ނުގެންދާނެކަން ވަރަށް ބޮޑަށް ޔަގީނެވެ. އެހެންވެ މިއީ ވާދަވެރި ރެއާލް މެޑްރިޑަށް ބަދަލުވާން ވެގެން ނޭމާ ކުރި ކަމެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މެޑްރިޑަށް ބަދަލުވުމުގެ ކުރިން ނޭމާ ބާސެލޯނާ އަށް އެނބުރި ދާން މަސައްކަތްކޮށްފައި އޮވެއްޖެ ނަމަ، މެޑްރިޑަށް ބަދަލުވިޔަސް ފަހުން ސަޕޯޓަރަކަށް ވެސް ކިޔޭނެ އެއްޗެއް ނޯންނާނެ އެވެ.