ކެޓަލޯނިއާގެ ކުރީގެ ލީޑަރު ފިންލެންޑުގައި ހައްޔަރު ކުރެވޭ ގޮތެއް ނުވި
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ފިންލެންޑުގައި ހައްޔަރު ކުރެވޭ ގޮތެއް ނުވި

ހެލްސިންކީ (މާޗް 25) - ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖްޑެމޮން ހައްޔަރު ކުރަން ސްޕޭނުން އަމުރު ނެރުނު ނަމަވެސް އެ އަމުރުގެ ކުރިން އޭނާ ފިންލެންޑުން ފުރާވަޑައިގެންފައިވާ ކަމަށް ފިންލެންޑުގެ ޕާލަމެންޓް މެންބަރަކު ވިދާޅުވެއްޖެ އެވެ.

ޕުޖްޑެމޮން ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ ހުކުރު ދުވަހު އެވެ. އެއީ އޭނާ ފިންލެންޑަށް ވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ. އޭނާ އެ ގައުމުން ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އިއްޔެ އެވެ. އެކަމަކު އަމުރު ތަންފީޒު ކުރުމުގެ ކުރިން ޕުޖްޑެމޮން ވަނީ ބެލްޖިއަމަށް ވަޑައިގެންފަ އެވެ. މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އޭނާ ދިރިއުޅުއްވަނީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ބެލްޖިއަމްގަ އެވެ.

ކެޓަލޯނިއާގެ 25 ލީޑަރެއްގެ މައްޗަށް ގައުމަށް ޣައްދާރުވުމުގެ ދައުވާ ކުރާނެ ކަމަށް ސްޕޭނުގެ ސުޕްރީމް ކޯޓުން އެންގުމާ އެކު ކެޓަލޯނިއާގައި މިހާރު ވަނީ ހަމަނުޖެހުންތައް ބޮޑުވެފަ އެވެ. އެ ކުށުގެ އަދަބަކީ މަދުވެގެން 30 އަހަރަށް ޖަލަށްލުމެވެ. ކެޓަލޯނިއާގެ ލީޑަރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމަށް މިދިޔަ އަހަރު ފަހުކޮޅު ބޭއްވި އިންތިޚާބަށް ފަހު ސްޕޭނުގެ މައި ސަރުކާރުން ވަނީ ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލައިފަ އެވެ. އަދި ސްޕޭނުގެ ސީދާ ބާރުގެ ދަށަށް ވަނީ އެ ސަރަހައްދު ގެނެސްފަ އެވެ.