އަމީތާބު ބައްޗަންގެ ނަމުގައި މިއުޒިއަމެއް ހަދަން ގަބޫލެއް ނޫން
އަމީތާބު ބައްޗަންގެ ނަމުގައި މިއުޒިއަމެއް ހަދަން ގަބޫލެއް ނޫން

އަމީތާބް ބައްޗަން ހިންދީ ސިނަމާ އަށް ކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް މިއުޒިއެއް ހަދަން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަމީތު ސަތަން ހުކުރު ދުވަހު ސްޓޭޓް އެސެމްބްލީ އަށް ހުށަހަޅުއްވައިފި އެވެ.

މި ވާހަކަ ޓްވިޓާގައި މީހަކު އަމީތާބާ ހިއްސާ ކުރުމުން އޭނާ ބުނެފައި ވަނީ އެކަމާ ގަބޫލު ނޫން ކަމަށެވެ. އަދި އެކަންކޮށްގެން ނުވާނެ ކަމަށް އަމީތާބް ކުރި ޓްވީޓްގައި ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުމްބާއީގައި އަމީތާބް ދިރިއުޅޭ ގެ، ޖަލްސާ ވެސް ހުންނަ ޖުހޫގައި އޭނާ އަށް ނިސްބަތްވާ ގޮތަށް މިއުޒިއަމެއް ހަދަން އަމީތު ހުށަހެޅީ އަމީތާބުގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ

"އަމީތާބުގެ ނަމުގައި މިއުޒިއަމެއް ހަދަން ބޭނުންވާ އެއް ސަބަބަކީ މުމްބާއީ އަށް މިހާރަށް ވުރެ ވެސް ބޮޑަށް ޓޫރިސްޓުންގެ ޝައުގުވެރިކަން ހޯދުން. މީގެ ސަބަބުން އިންޑިއާގެ ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ،" ވެރިކަންކުރާ ބީޖޭޕީގެ މެންބަރެއް ކަމަށް އަމީތު ވިދާޅުވި އެވެ.

އަދި ޖުހޫއަކީ ވަރަށް ގިނަ އޭ ލިސްޓް ފިލްމީ ތަރިން ދިރިއުޅޭ ތަނަކަށްވާތީ، އެ ތަން އަމީތު ސިފަކޮށްފައި ވަނީ ހޮލީވުޑްގެ ބެވަލީ ހިލްސް އަށް ދޫނުކުރާ ވަރުގެ ތަނެއްގެ ގޮތުގަ އެވެ. ބެވެލީ ހިލްސްކީ ހޮލީވުޑްގެ އޭ ލިސްޓް ގިނަ ތަރިންގެ މައި އެއް ވަޒަނެވެ.

އަމީތާބުގެ އުމުރުން މިހާރު 75 އަހަރުވެފައިވާ އިރު، އޭނާގެ ފިލްމީ ކެރިއަރު ވަނީ 40 އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފަ އެވެ. އަމީތާބަކީ ފަނޑުވުމެއް އަދި ހުއްޓުމެއް ނެތި ފިލްމީ ދާއިރާގައި މިހާރު މަސައްކަތް ކުރަމުން އަންނަ އެންމެ ދުވަސްވީ އެއް އެކްޓަރެވެ.

ފިލްމް "ސާތު ހިންދުސްތާނީ" އިން 1969 ގައި ފިލްމް ކުޅެން ފެށި އެކްޓަރު މިހާތަނަށް 200 އަށް ވުރެ ގިނަ ފިލްމް ކުޅެފައިވާ އިރު އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ވާނީ މެއި 4 ގައި ރިލީޒް ކުރާ "100 ނޮޓް އައުޓް" އެވެ.

އަމީތާބްގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި ތަގްސް އޮފް ހިންދުސްތާން، ޖުންދު އަދި ބްރައްމަސްތުރާ ފާހަގަކޮށްލެވެ އެވެ.