ގިނަ މީހުން ބުނަނީ "ރޭވުމުން" ރީތި ކަމަށް: އަމްޖޭ
ގިނަ މީހުން ބުނަނީ "ރޭވުމުން" ރީތި ކަމަށް: އަމްޖޭ

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އެއް ޑައިރެކްޓަރު ކަމަށްވާ އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 52 ވަނަ ޑައިރެކްޝަން ކަމަށްވާ "ރޭވުމުން" ގިނަ މީހުންނަށް ކަމުދާ ކަމަށް އަމްޖޭ ބުނެފި އެވެ.

ގިނަ މީހުން ބުނަނީ "ރޭވުމުން" ރީތި ކަމަށް: އަމްޖޭ
ގިނަ މީހުން ބުނަނީ "ރޭވުމުން" ރީތި ކަމަށް: އަމްޖޭ

"އަޅުގަނޑު ކައިރި ބުނި ގިނަ މީހުން ބުނީ ރަނގަޅޭ. ވަރަށް ރީއްޗޭ ބުނާ މީހުން ގިނައީ،" މިހާރު އޮލިމްޕަހުގައި ދައްކާ ފިލްމުގެ ފުރަތަމަ ޝޯއަށް ފަހު ފޯނުން ދިން އިންޓަވިއުއެއްގައި އަމްޖޭ ބުންޏެވެ.

"ރޭވުމުން" އަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަނަށް އިންތިޒާރުކޮށްގެން ތިއްބާ ގެނައި، އޭނާގެ 52 ވަނަ ޑައިރެކްޝަނެވެ. ފަންސާސް ވަނަ ޑައިރެކްޝަނަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔެފައިވާ "ގިލަން" އަށް އެ ނަމުގައި އުފައްދާ ފިލްމެވެ. އެ ފިލްމުގެ މަސައްކަތް ވެސް ކުރިއަށް ދަނީ އެވެ. އެ ފިލްމު އޮލިމްޕަހަށް ގެންނަން އަމްޖޭ ބޭނުންވަނީ ނިކަން ހާއްސަ ގޮތަކަށެވެ. ހާއްސަ ނަމްބަރެއްވީމަ އެވެ.

"50 ވަނަ ފިލްމަށް ވެގެން މިއުޅޭ ގޮތަކީ 50 ވަނަ ފިލްމަކީ ބޮޑަށް ފާހަގަކޮށްލަން ޖެހޭ ކަހަލަ ފިލްމެއްވީމަ އެކަމުގެ ތައްޔާރީތައް ނުވެވި އޮތީމަ ކޮންމެ ކޮންމެ ގޮތަކަށް ރިލީޒްކޮށްލަން ބޭނުންނުވާތީ ފިލްމު އެއޮތީ ބާއްވާފަ،" އަމްޖޭގެ އެންމެ ހާއްސަ އެއް ފިލްމު "ގިލަން" އާ ބެހޭގޮތުން އަމްޖޭ ބުންޏެވެ.

"ރޭވުމުން" މިއީ އަމްޖޭ، ޝާޒް ސައީދު (ތަޖޫބެ) އަދި މުހައްމަދު މަނިކު މި ތިން މީހުން ސިފައިންގޭގެ ޑްރާމާ ހެދި ދުވަސްވަރު ދުށް ހުވަފެނެއްގައި ކުލަ ޖައްސަން ތިން މީހުން ޕްރޮޑިއުސްކޮށްގެން ގެނެސްދިން ފިލްމެކެވެ. ފިލްމުގެ ވާހަކަ، ސްކްރީންޕްލޭ ހަދައި ޑައިރެކްޓްކުރި އަމްޖޭ އެވެ.

މިއީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މި ފިލްމުން ލޯބީގެ އަދި ބިރުވެރި ކަންތައްތަކެއް ފެނިގެންދާއިރު ގެވެށި އަނިޔާގެ މައްސަލަތަކެއް ވެސް ފެނިގެންދެ އެވެ. މި ފިލްމުން އާ ބަތަލާއެއް ވެސް ވަނީ ފިލްމީ ދާއިރާއަށް ނެރެފަ އެވެ.

އަމްޖޭ ބުނީ ފިލްމުގެ 12 ޝޯ އޮލިމްޕަހުގައި އަޅުވަން ގަސްތުކުރާ ކަމަށާއި ޓިކެޓުވެސް ވިކެމުން އަންނަ ކަމަށެވެ. ފިލްމުގެ ޓިކެޓެއްގެ އަގު އުޅެނީ 100 ރުފިޔާ އަށެވެ. ފިލްމުގައި ދެ ލަވައެއްވެސް ހިމެނޭއިރު އަމްޖޭ ބުނީ ފިލްމު ހެދުމަށް ހަރަދުވީ ގާތްގަނޑަކަށް ދެލައްކައެއްހާ ރުފިޔާ ކަމަށެވެ. އަމްޖޭ ބުނީ "ރޭވުމުން" އަކީ ތިން މަހެއްހާ ދުވަހުގެ މަސައްކަތް ކަމަށެވެ.

"ފިލްމަށް ފުދޭވަރެއް ހަރަދުވި. ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ ހަރަދުވި. އެއީ ޕްރޮމޯޝަން ހަރަދު ނުލާ. " އަމްޖޭ ބުންޏެވެ.

"ރޭވުމުން" ފިލްމު ރަސްމީކޮށް ރިލީޒްކޮށްދެއްވަމުން މަޝްހޫރު ލަވަކިޔުންތެރިޔާ އޮގަރު މުހައްމަދު ވަހީދު ވަނީ އަމްޖޭއާ އެކު އެތައް ހަނދާންތަކެއް އާ ކުރައްވާފަ އެވެ. އަދި އެތައް ހިތްވަރެއް ވެސް ދެއްވާފަ އެވެ. އޭގެ އިތުރުން އަމްޖޭގެ ޑައިރެކްޝަންގެ އަދަދު 100 އަށް ހަމަކުރަން ވެސް އެދިވަޑައިގެންނެވި އެވެ. އަމްޖޭ ވަނީ އެ ވައުދު ފުއްދާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދުނިޔޭގައި ހުރިއްޔާ އިރާދަކުރެއްވިއްޔާ 100 ހަމަކުރެވޭތޯ [ޑައިރެކްޝަންގެ އަދަދު] މަސައްކަތްކުރާނަން. އެއީ އަޅުގަނޑު ވަރަށް ރެސްޕެކްޓްކުރާ ބޭފުޅެއް ވަހީދަކީ،" މިހާރު އާ ވާހަކަ ދައްކަމުން އަމްޖޭ ބުންޏެވެ.

އަމްޖޭގެ އެންމެ ފުރަތަމަ ޑައިރެކްޝަނަކީ 1994 ވަނަ އަހަރު ނައިފަރު ދޮހޮއްކުގެ "މަސްލަހަތު ނެތް އަނބިން" އަށް އަމްޖޭ ޑައިރެކްޓްކޮށްފައިވާ ވީޑިއޯ އެވެ. އޭނާއަށް ގައުމީ އެވޯޑްސްގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ވަނީ ލިބިފަ އެވެ.