"ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން ސެޕްޓެމްބަރުގައި ފަށަނީ
"ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން ސެޕްޓެމްބަރުގައި ފަށަނީ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ، މަޝްހޫރު ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން ސެޕްޓެމްބަރު މަހު ފަށަން ނިންމައިފި އެވެ.

މިއީ ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ތަރިން އެ މީހުންގެ ފިލްމީ ކެރިއަރާއި ޒާތީ ދިރިިއުޅުމާ ބެހޭ ގިނަ ވާހަކަތައް ހިއްސާކުރާ ޝޯއެކެވެ. ކަރަންގެ ކުޅަދާނަ ކަމަކީ ސެލެބްރިޓީން ލައްވައި އެ މީހުންގެ ސިއްރުތައް ވެސް ފަޅައިއަރުވައިލުމެވެ.

އެހެންވެ ބައެއް ފަހަރު "ކޮފީ ވިތު ކަރަން" ގައި ދައްކާ ވާހަކަތައް ވަރަށް ހޫނު ވެސް ވެ އެވެ.

ދެހާސް ހަތަރަކުން ފެށިގެން ގެނެސް ދެމުން އަންނަ މި ޓޯކްގެ ޝޯގެ ފަސް ވަނަ ސީޒަން ދެއްކީ 2016 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކޮފީ ވިތު ކަރަން" އަށް ކަރަން ސީދާ ތައްޔާރު ވާން ފަށާނީ ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ އަދި އޭނާ ޖަޖްކަން ކުރާ ރިއަލިޓީ ޝޯ "އިންޑިއާސް ނެކްސްޓް ސްޕަސްޓާ" ނިންމައިލުމަށް ފަހު އެވެ.

ދެހާސް ސޯޅައިގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު، ކަރަން ޑައިރެކްޓް ކުރާނެ އިތުރު ފިލްމެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އޭނާގެ ޕްރޮޑަކްޝަން ހައުސް ދަރްމާގެ ވަރަށް ޝައުގުވެރި ޕްރޮޖެކްޓްތަކެއް ކުރިއަށް އެބަ ހުއްޓެވެ.

އެގޮތުން ދެން އެންމެ އަވަހަށް ކަރަން ޕްރޮޑިއުސް ކުރާ ފިލްމަކަށް ސިނަމާ އަށް އަންނާނީ މެއި މަހު 11 ރިލީޒް ކުރާ ފިލްމް "ރާޒީ" އެވެ. މެގްނާ ގުލްޒާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ތަރިންނަކީ އާލިއާ ބަޓް އާއި ވިޝާލް ކޯޝަލް އެވެ.

އަންނަ މަހުގެ 13 ގައި ރިލީޒް ކުރާ ވަރުން ދަވަންގެ ފިލްމް "އޮކްޓޯބާ" އާ އެކު "ރާޒީ" ގެ ޓްރެއިލާ ދައްކައިލަން ވަނީ ހަމަޖެހިފަ އެވެ.