ބޭލްއާ އެކަށީގެންވަނީ ރެއާލް މެޑްރިޑް: ގިގްސް
ބޭލްއާ އެކަށީގެންވަނީ ރެއާލް މެޑްރިޑް: ގިގްސް

ބެއިޖިން، ޗައިނާ (މާޗް 25) - ވޭލްސްގެ ފޯވާޑް ގަރެތު ބޭލްއާ އެންމެ އެކަށީގެންވާ ކްލަބަކީ ރެއާލް މެޑްރިޑް ކަމަށާއި އެ ޓީމުގައި އޭނާ މަޑުކުރަން ޖެހޭ ކަމަށް ވޭލްސް ގައުމީ ޓީމުގެ ކޯޗު ރިޔާން ގިގްސް ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ގިގްސްގެ ކޯޗުކަމުގައި ވޭލްސް ކުޅުނު ފުރަތަމަ މެޗުގައި ބޭލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި އެ ލަނޑުތަކާ އެކު ބޭލް ވެފައިވަނީ ވޭލްސް ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.

ބޭލް ހޯދުމުގެ މަސައްކަތް ގިގްސްގެ ކުރީގެ ކްލަބް ޔުނައިޓެޑުން ކުރަމުން އަންނައިރު، ގިގްސް ދެކޭ ގޮތުގައި ބޭލް އެހެން ކްލަބަކަށް ބަދަލުވުމަކީ ރަނގަޅު ނިންމުމަކަށް ނުވާނެ އެވެ.

"ބޭލް އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އެ ފަދަ ކުޅުންތެރިއަކު ކުޅެން ޖެހޭނީ ވެސް ފެންވަރުގެ ގޮތުން ހަމަހަމަ ކުޅުންތެރިން ހިމެނޭ ޓީމަކަށް. އަހަރެންގެ ނަޒަރުގައި ބޭލް ހުންނަން ޖެހެނީ ރެއާލުގައި. އޭނާއާ އެންމެ އެކަށީގެންވާ ކްލަބަކީ ރެއާލް،" ގިގްސް ބުންޏެވެ.

ގިގްސް ބުނީ ބޭލްއާ ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ކަހަލަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ރޮނާލްޑޯ އާއި ބޭލް އެއް ކަހަލަ ކަންތައްތަކެއް އެބަހުރި. ރޮނާލްޑޯ އަކީ ވެސް ފަޅިން ކުޅެން ފެށި ކުޅުންތެރިއެއް. (ޔުނައިޓެޑުގައި) ބޭލް ވެސް ފެށީ ފަޅިން. އެކަމަކު މިހާރު މި ދެ ކުޅުންތެރިންނަކީ ވެސް ސީދާ ފޯވާޑަށް ވެސް ކުޅެވޭނެ ފަދަ ގޯލާ ރައްޓެހި ދެ ކުޅުންތެރިން،" ގިގްސް ބުންޏެވެ.

މިހާރު ޗައިނާގައި ކުރިޔަށްދާ ޗައިނާ ފްރެންޑްލީ ކަޕްގެ ފައިނަލުގައި މާދަމާ ގިގްސްގެ ވޭލްސް ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ. އުރުގުއާއީ ފައިނަލުގެ ފުރުސަތު ހޯދީ 2-0 އިން ޗެކް ރިޕަބްލިކް ބަލިކުރުމަށް ފަހު އެވެ. އުރުގުއާއީގެ ލަނޑުތައް ޖެހީ އެޑިސަން ކަވާނީ އާއި ލުއިސް ސުއަރޭޒް އެވެ.