ޕާތުން ލަންޑަނަށް ފުރަތަމަ ޝެޑިއުލް ފްލައިޓް، ދަތުރަށް 17 ގަޑިއިރު
ޕާތުން ލަންޑަނަށް ފުރަތަމަ ޝެޑިއުލް ފްލައިޓް، ދަތުރަށް 17 ގަޑިއިރު

ލަންޑަން (މާޗް 25) - އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތާ ދެމެދު ނުހުއްޓި ފުރަތަމަ ސީދާ ޝެޑިއުލް ދަތުރުކޮށްފި އެވެ.

ޕާތުން ލަންޑަނަށް ފުރަތަމަ ޝެޑިއުލް ފްލައިޓް، ދަތުރަށް 17 ގަޑިއިރު
ޕާތުން ލަންޑަނަށް ފުރަތަމަ ޝެޑިއުލް ފްލައިޓް، ދަތުރަށް 17 ގަޑިއިރު

ކުއަންޓަސް އެއާލައިންސްގެ ފްލައިޓް ކިޔޫއެފް9 ލަންޑަނުގެ ހީތުރޯ އެއާޕޯޓަށް ޖެއްސިއިރު ވަނީ 14،498 ކިލޯ މީޓަރު (9،009 މޭލު) އަށް ދަތުރުކޮށްފަ އެވެ. އޮސްޓްރޭލިއާގެ ޕާތުން ފެށި ދަތުރަށް 17 ގަޑިއިރު ވަނީ ހޭދަވެފަ އެވެ. ދަތުރަށް އެއާލައިނުން ބޭނުންކޮށްފައި ވަނީ ބޮއިން 787-9 ގެ ޑްރީމްލައިނާއެކެވެ. އެއީ ބޮއިން 747 އަކަށް ވުރެ ދެބައިކުޅަ އެއްބައި ތެޔޮ ޚަރަދު ކުޑަ ބޯޓެކެވެ.

ޝެޑިއުލް ފްލައިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއާލައިނުގެ ޗީފް އެގްޒެކެޓިވް އެލަން ޖޯއިސް ވިދާޅުވީ އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތާ ދެމެދު މީގެ ކުރިން ކުއަންޓަސް އިން ކުރާ ދަތުރަކަށް ހަތް މަންޒިލެއްގައި މަޑުކޮށް ހަތަރު ދުވަސްވަރު ހޭދަވާ ކަމަށެވެ.

ވެސްޓަން އޮސްޓްރޭލިއާ ސްޓޭޓް ސަރުކާރުން ބުނެފައި ވަނީ އަލަށް ފެށި ޑައިރެކްޓް ރޫޓުގެ ސަބަބުން ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ތާރީޚީ ފްލައިޓުން 200 ޕަސިންޖަރުންނާއި 16 ކްރޫން ދަތުރުކުރި އެވެ.

މިއީ އެއާލައިނަކުން ދެ ވަނަ އަށް ކުރި އެންމެ ދިގު ދަތުރެވެ. ގަތަރު އެއާވޭސްގެ ބޯޓަކުން ވަނީ ދޯހާ އިން ނިއު ޒީލެންޑުގެ އޯކްލެންޑަށް 14،529 ކިލޯ މީޓަރުގެ ދަތުރެއް ކޮށްފަ އެވެ. އެމިރޭޓްސް އާއި ޔުނައިޓެޑް އެއާލައިންސް އިން ވެސް ވަނީ 14،000 ކިލޯ މީޓަރަށް ވުރެ ދިގު ދަތުރުތައް ކޮށްފަ އެވެ.