25 މާޗް 2018 - 06:23

ބުދަ ދުވަހާ ގުޅޭ
"ކިތެއް މީހުން ބައިވެރިވާ ކަމެއްބާ؟" ހިތާހިތުން ސަލްމާނަށް ބުނެވުނެވެ. އަދި ގާތުގައި ހުރި ފުލުސްމީހާއަށް އިޝާރާތް ކޮށްލައިފައި ބުންޏެވެ. "އެ ކާރުގެ ސްކްރީން ޝޮޓެއް ނަގައިފަ ނޫސްތަކަށް އާންމުކޮށްލާ! ކާރު ޕާކުކޮށްފަ އޮތް ހިސާބަށް ޓީމެއް ފޮނުވާ! ކާރު ދިޔަ ދިމާގަ ކެމެރާއެއް ހުރިތޯ ބަލާ! އަހަންނަށް ވަރަށް ހީވޭ އެއީ ޕްރައިވެޓް ކާރެއްހެން. ނަންބަރު ޕްލޭޓް ނުފެންނާތީ ދެރައީ."
ސަލްމާންގެ ވިސްނުން ރަނގަޅެވެ. އެ ކާރަކީ ކުލީކާރެއް ނޫނެވެ. ކާރު ދިޔަ ގޮތަށް ގޮސް މަޑުކުރީ މާލޭގެ ދެކުނުފަރާތަށެވެ. މެރީބްރައުން ހުންނަ ދިމާއަށެވެ. އޭރު އެ ތަނުގައި ލޯންޗެއް އިންތިޒާރުގައި އޮތެވެ. ކާރުން ފޭބި ބަސްމާއާއި، ޒުވާން އަންހެންކުއްޖާއާއި، ދެބައި އުމުރުގެ މީހަކު ލޯންޗަށް އެރިއެވެ. ވަގުތުން ލޯންޗު ނައްޓައިލިއެވެ. މާލޭގެ ހަތަރު އަވަށަކުން ބަސްމާ ގެއްލުނީއެވެ. ފުލުހުންނަކަށް އެ ކަމެއް ފަޅައެއްނާރައެވެ. ސައިކަލެއްގައި އައި ދެ ފުލުހުން ނާޒުގެ ގެއަށް މަޑުކޮށްލިއެވެ. ފުލުހުންގެ އެދުމަށް، ދުރާލައި އިސްމާއިލް ވެސް އިނީ ގެއަށް ގެނެސްފައެވެ. ދެމަފިރިން އެއްތަނެއްގައި ބައިތިއްބައިގެން ފުލުހުން ވާހަކަދައްކައިލަން ބޭނުން ވާތީއެވެ.
"ދަރިފުޅު ގެއްލުނުކަން އިސްމާއިލަށް އެނގުނީ ކިހިނެއްތޯ؟" ފުލުހުންގެ ދެ މީހުންގެ ތެރެއިން މުނައްވަރު ސުވާލުކުރިއެވެ. "އެ ކަން އެނގުނީމަ އެންމެ ފުރަތަމަ ހިތަށްއެރީ ކީކޭތޯ؟"
އިސްމާއިލްގެ މޫނުމަތިން ފެނުނީ ނަފުރަތާއި ފޫހިކަމެވެ. ނާޒް އިނީ ވަރަށް ދެރަވެފައެވެ. ރޮއިރޮއި ދެ ލޯ ރަތްވެފައެވެ. ޖަވާބު ދޭން ބޭނުން ނުވެފައި އިސްމާއިލް އިރުކޮޅަކު އިނެވެ.
"ދަރިފުޅެއް ނުގެއްލޭނެ،" އިސްމާއިލް ބުންޏެވެ. "އެ އުޅެނީ ދެބޯގެރި ދުއްވަން. ވެގެންއުޅޭ ކަންތައް އޮއްބައިލައިފަ އެހެން ކަމެއް ފެންމަތި ކުރަން. ޖަޒުބާތުގަ ޖައްސައިގެން މަ ބްލެކްމެއިލް ކުރަން ނާޒް އެ އުޅެނީ. ނާޒަށް ހަމަ ރަނގަޅަށް އެނގޭނެ ދަރިފުޅު ވީ ތަން. ދެން ކޮން ބޭކާރު ގޭސްގަނޑެއް އަނބުރާކަށް؟"
ދެ ފުލުހުން އެއްފަހަރާ ބަލައިލީ ނާޒްގެ މޫނަށެވެ. ނާޒް ދައްކާ ވާހަކަ އިސްމާއިލް ގަބޫލުނުކުރާނެކަން ނާޒަށް އެނގެއެވެ. އެހެންނަމަވެސް، ފުލުހުންގެ ކުރިމަތީގައި އިސްމާއިލް ތަމްސީލެއް ކުޅޭނެކަމަކަށް ނާޒް ހިއެއްނުކުރެއެވެ.
"އަޅުގަނޑު މިހާރު އެތައް ފަހަރަކު ބުނެފިން އަޅުގަނޑެއް ދަރިފުޅެއް ނުފޮރުވަމޭ،" ވަރުބަލިވެފައިވާ ރާގެއްގައި ނާޒް ބުންޏެވެ. "މިހާރު ވެސް ދިމާވެގެން އުޅޭ ކަންކަން މަދެއް ނޫން. ކީއްކުރަންތޯ އިތުރު ކަމެއް ފަށަންވީ؟"
"ވަރަށް އެބަ މާތް ވެއެއްނު!" މަލާމާތުގެ ރާގަކަށް އިސްމާއިލް ބުންޏެވެ. "މީނަގެ ކަމަކީ ފަތިހު ތެދުވެގެން ރަސްފަންނަށް ގޮސް އެ ތަނުގަ އިނދެގެން ފިރިހެނުންނަށް ފޯނުކުރުން. ތީ ފުލުހުން ނޫންތޯ! ހުރިހައި ކަމެއް ވެސް ބެއްލެވޭނެ ނޫންތޯ! މިހާރު ވެސް އޭނަގެ ފޯނު ރެކޯޑު ބައްލަވައިލަބަލަ!"
"ކީއްކުރަން ފޯނު ރެކޯޑު ބަލަނީ؟" ރުޅިއައިސްފައި އިސްމާއިލާ ދިމާއަށް ފޯނު އެއްލަމުން ނާޒް ބުންޏެވެ. "ހުޅުވައިގެން ބަލައިބަލަ! މަށެއް ނޫނޭ ފޯނުގަ ޕާސްވޯޑްތައް ޖަހައިގެން މި އުޅެނީ."
ވަރަށް ހުސިޔާރުކަމާ އެކުގައި އިސްމާއިލް ފޯނު ހިފިއެވެ. އެކަމަކު ފޯނެއް ނުބަލައެވެ.
"މިހާރު ހުރިހާ އެއްޗެއް ފުހެފަ އޮންނާނީ. ނޫންތަ އަޅެ؟" އިސްމާއިލް ސުވާލުކުރިއެވެ.
ފުލުހުންގެ ޖަވާބު ވަރަށް ސާދާއެވެ. ފުލުހުން އައީ ދެމަފިރިންގެ ޒާތީ މައްސަލަތައް ބަލާކަށް ނޫނެވެ.
"ދަރިފުޅު ކާރަކަށް އެރުވި ތަން ކެމެރާއަށް އަރައިފަ އޮތީ،" ފޯނުން މަންޒަރު ދައްކާލަމުން ފުލުހުން ބުންޏެވެ. "ސުވާލަކީ މި ކާރަކީ ދަންނަ ކާރެއްހޭ؟ ދަންނަ މީހަކު މި ކަހަލަ ކާރެއް ދުއްވާހޭ؟"
އިސްމާއިލް ކުޑަކޮށް ސީރިޔަސް ވިއެވެ. ނާޒް ބުނަނީ ތެދެއްހެން އިސްމާއިލަށް ހީވި ފުރަތަމަ ފަހަރަކީ އެއީއެވެ. ދެން ވެސް އިސްމާއިލް އިނީ ޝައްކެއްގެ މަތީގައެވެ. ބަސްމާ ވަގަށްނަގާނީ ކާކު ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ ރާއްޖެއަކީ އެ ފަދަ ކަންކަން ހިނގާ ތަނެއް ނޫނެވެ. އިތުރު މީހަކާ ގުޅިގެން ނާޒް އެ ކަހަލަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ ހިތްދަތިކަން ދައްކައިގެން ނާޒަށް ހަމްދަރުދީ ހޯދުމަށް ޓަކައެވެ.
"މަ ދަންނަ މީހަކު ތި ކަހަލަ ކާރެއް ނުގެންގުޅޭ ގައިމުވެސް،" އިސްމާއިލް ބުންޏެވެ. "އެކަމަކު ހާދަ ހީވެޔޭ ތީ ބަޔަކު ދުރާލާ ރާވައިގެން ކުރި ކަމެއްހެން. ހީވަނީ އެ ޕާކަށް ބަސްމާ އަންނާނެކަން އެނގި، އިންތިޒާރުގަ ކާރު މަޑުކޮށްގެން އޮތްހެން. ސިގުނަލު ވެސް ޖައްސައިފަ އޮތީ."
ފުލުހުންނަށް ލިބުނު ޖަވާބަށް ވުރެ އުފެދުނު ސުވާލު ގިނައެވެ. ކައިވެނި ސަލާމަތް ކުރުމަށް ޓަކައި ތިލަފަތުގެ އެއްކޮޅަށް ދަރިފުޅު ލާން މަންމަޔަކަށް ކެރިދާނެ ހެއްޔެވެ؟ އަނބިމީހާގެ ކިބައިން ސަލާމަތް ވުމަށް ޓަކައި ދޮގު ތުހުމަތެއް އަނބިމީހާގެ ބޮލުގައި އަޅުވަން ފިރިމީހާއަށް ކެރިދާނެ ހެއްޔެވެ؟ ތިނެސްކަން ލޯބީގެ އަސާރަގަނޑުގައި ބިދޭސީ އަންހެންކުއްޖަކު ޝާމިލުވާތީ އެ ކުއްޖާޔާ ވެސް ފުލުހުން ސުވާލުކުރިއެވެ. އެކަމަކު މައްސަލައަށް އިތުރު ކުރިއެރުމެއް ނުލިބުނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ތިން މީހުންގެ ފޯނު ގެނައެވެ. އެކަމަކު އެ އަކުން ވެސް އެ އިން މީހަކަށް ޝައްކު ކުރެވޭ ވަރުގެ ހެއްކެއް ނުފެނުނެވެ. ވަރަށް ގިނަ ފޯނުކޯލުތައް ފުލުހުންނަށް އައެވެ. އެކަމަކު އެ ދިމާއިން ވެސް އާރުލާ ކަހަލަ ހެއްކެއް، ސަމާލުކަން ދޭންވީ މިސްރާބެއް ނުލިބުނެވެ. ސިފައިންގެ އެހީތެރިކަމަށް ފުލުހުން އެދުނީ އެ ހިސާބުންނެވެ. ފާރަގެމައާއި އެކުގައި ބައެއް ގޭގެއަށް ވެސް ފުލުހުން ވަންނަން ފެށިއެވެ. ގަޑިއެއްގެއިރު ވީ ފަހުން، އުންމީދު އާލާވާ ކަހަލަ ފޯނުކޯލެއް އައެވެ. ޒުވާން އަންހެންކުއްޖަކާ އެކުގައި ބަސްމާ ހުޅުމާލޭގެ ފިހާރަޔަކުން ނުކުތްތަން މީހަކަށް ފެނުނީއެވެ. އޭގެ ޒާތުގައި އުފާވެރި ޚަބަރެކެވެ. އެކަމަކު، ކޮންމެ އުފާވެރި ޚަބަރަކާއެކު ހައިރާންކުރަނިވި ސުވާލުތަކެއް ވެސް އުފެދެއެވެ. ފެރީއާއި ފާލަންތަކަށް ފާރަލައިގެން ތިއްބައި ހުޅުމާލެއަށް ބަސްމާ ގެނައީ ކިހިނެއް ހެއްޔެވެ؟ ހުޅުލެ ތެރެއިން ހެއްޔެވެ؟ އާންމު ފާލަން ނޫން އެހެން ދިމާއެއް ބޭނުންކުރީ ހެއްޔެވެ؟ އަތްމަތި ތަނަވަސް މީހަކު މުގުލުގައި ހުރީ ހެއްޔެވެ؟ ހުޅުމާލެއަށް ބަސްމާ ގެނައީ އެ ކުއްޖާއަށް ކީއްކުރަން ހެއްޔެވެ؟ ނޫސްރިޕޯޓަރުން އެ އަށް ވުރެ ދުރަށް ވިސްނިއެވެ. ޙަޤީޤީ މައްސަލައަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމެއް އުފެއްދުން ހެއްޔެވެ؟ ރަށުތެރެ ހަލަބޮލިކުރުން ހެއްޔެވެ؟ ސަރުކާރުގެ ނުކުޅެދުންތެރިކަން ހުރި ވަރު ސާބިތުކޮށްދިނުން ހެއްޔެވެ؟ ވީނުވީއެއް ނޭނގޭ ނަންލިސްޓަށް ކުޑަކުއްޖެއްގެ ނަން ވެސް އެރުވުން ހެއްޔެވެ؟
"ކުޑަކުއްޖަކަށް އިހާނެތިކޮށް ހިތައިގެން މީހުން ޖަޒުބާތުގަ ޖެއްސުމަކީ ވަރަށް ފިނޑި، ރަހުމުކުޑަ ޢަމަލެއް،" މައްސަލައިގައި ހަރަކާތްތެރިވާ ޓީމުގެ އިސް ފުލުހުންނާ ބައްދަލުކޮށްފައި ވާހަކަދައްކަމުން ސަލްމާން ބުންޏެވެ. "އިރު އޮއްސި އަނދިރިވުމުގެ ކުރިން މި ކުއްޖާ ދިރިހުއްޓާ ޖެހޭނެ ހޯދެން. ހުޅުމާލޭގެ ކޮންމެ އަކަފޫޓެއްގަ އަހަރުމެންގެ ފިޔަވަޅު ހުންނަން އަހަރެން ބޭނުން. ކާރާ، ސައިކަލާ، ހުރިއްޔާ ހުރި ޑްރޯނެއް ބޭނުންކުރޭ! އެ ކުއްޖާގެ މަންމަ މިރޭ ނިދާނީ ކުއްޖާޔާ އެކީގަ. އަޑުއިވިއްޖެ؟"
"ލައްބަ ސަރ!" އެއް އަޑަކުން ގުގުމައިލިއެވެ.
މީހުން މަދު ތަންތަނަށް ދިޔުމުގެ އެއް ބޭނުމަކީ، މީހުންނަށް ފެންނަން ބޭނުން ނުވާ ކަހަލަ ކަމެއް ކުރުމެވެ. ވަގަށްނަގައިފައިވާ ފައިސާތަކެއް ގެންދާނީ ވަޅުލުމަށެވެ. ކުޑަކުއްޖަކު ވަގަށްނަގައިގެން ގެންދާނީ ކީއްކުރަން ހެއްޔެވެ؟ ސަލްމާންގެ ސިކުނޑި ދޭން ފެށީ ބިރުވެރި މެސެޖެކެވެ. ބަސްމާގެ ކުރިމަތީގައި އޮތީ ބިރުވެރިކަމެވެ. އެ ހިތުގައި ޖަހާނެ މާ ގިނަ ވިންދެއް ނެތް ކަހަލައެވެ. ވަގުތު ކުޑަތަން ވެއްޖެ ކަހަލައެވެ. ސަލްމާންގެ ފުރަތަމަ އަމާޒަކީ ބަސްމާ ސަލާމަތް ކުރުމެވެ.
ޔާސިރަކީ ކުޅަދާނަ ކުރެހުންތެރިއެކެވެ. އެހެންނަމަވެސް އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ޓީވީއަށާއި ރޭޑިޔޯއަށް އިސްތިހާރު ހެދުމެވެ. މަގުގެ މަންޒަރުތަކެއް ނެގުމަށް ޓަކައި ހުޅުމާލެއަށް ޔާސިރު އައިއިރު ވެސް ބަސްމާއަށް ވާނުވާ ބެލުން ޔާސިރު ހުއްޓައެއް ނުލައެވެ. އެ އުމުރުގެ ދަރިޔެއް ހުންނާތީ އެ ޚަބަރަށް ޔާސިރަށް ދެވިފައިވާ ޝައުޤުވެރިކަން ބޮޑެވެ. ހުޅުމާލެއަށް ފޭބިއިރު ފުލުހުންނާއި ސިފައިން ވަރަށް ގިނައެވެ. ޔާސިރު ބޭނުންވާ ކަހަލަ ފަޅު މަގެއްގެ މަންޒަރު އެ ދުވަހު ލިބޭނެބާއޭ ވެސް ޔާސިރު ހިތަށްއެރިއެވެ. ޔާސިރު ވަށައިގެން ނަޒަރުހިންގައިލިއެވެ. އިންތިޒާރުގައި އިން މާޒިން ހަނާއަޅައިލިއެވެ. މާޒިންގެ ސައިކަލަށް ޔާސިރު އެރުމާއެކު ސައިކަލު ނައްޓައިލިއެވެ.
"މިއަދު މި ކަން ވާނެތަ؟" ޔާސިރު އެހިއެވެ.
"އެ ކަމާ ހާސްނުވޭ!" ސައިކަލު ދުއްވަންއިން މާޒިން ބުންޏެވެ. "ބޭނުންވަނީ ފަޅު މަގެއްނު! މަށަށް ވުރެ ރަނގަޅަށް ފަޅު މަގު އެނގޭ މީހަކު މި ރަށަކު ނުހުންނާނެ. މި ތަނުގަ ދުއްވާ ރީތި ކާރުތަކުގެ ވެރިންނާ، ރީތި އަންހެންކުދިން އުޅޭ ގެ ވެސް މަ ހިތުދަސް ވާނެ. ކަމެއް ވެގެން ދޯ މަށަށް މާޒިން ކިޔައިފަ އޮއްވާ ވެސް ވިކިޕީޑިޔާ ކިޔަނީ."
"ލައްބަލައްބަ!" ޔާސިރު ސަމާސާ ކޮށްލިއެވެ. "އެކަމަކު ތަންކޮޅެއް މަޑުން ދުއްވާ! މަށަށް އެނގޭ މި ތަނުގަ ހުންނަ ހުރިހާ ހޮސްޕިޓަލެއް. އެކަމަކު ބޭނުމެއް ނޫން ދާކަށް."
ސައިކަލު މަޑުކޮށްލީ ވަރަށް ފަޅު ހިސާބަކަށެވެ. އެއިން ހިސާބަކު ވެސް މީހެއްގެ ހިލަމެއް ނެތެވެ. ވާހަކަދައްކަމުން ދެ އެކުވެރިން ވަނީ ގަސްތަކުގެ ތެރެއަށެވެ. އަދި މުޅި މަގު އަރާގޮތަށް ކެމެރާ ބަހައްޓައިފައި މަންޒަރު ރެކޯޑުކުރަން ފެށިއެވެ. އަޑު ބޭނުންވާތީ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ވިއްސަކަށް މިނެޓު ފަހުން، ހުދުކުލައިގެ އަމިއްލަ ކާރެއް އަންނަ ތަން ފެނުނެވެ. އާދަޔާޚިލާފު ބާރު ދުވެއްޔެއްގައެވެ. ކެމެރާ ހުރަސްކޮށްފައި ކާރު ދިޔައިރު، ކުޑަ ކުއްޖަކު ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑު ޔާސިރަށް އިވުނެވެ.
"އިވުނު ދޯ އެ އަޑު؟" ޔާސިރު އެހިއެވެ.
މާޒިނަކަށް ނީވެއެވެ. އެ ވަގުތު މާޒިން ހުރީ ފޯނާ ކުޅޭށެވެ. ޔާސިރު ކެމެރާއިން އެ މަންޒަރު މާޒިނަށް ދައްކައިލިއެވެ. ކުއްޖާ ހަޅޭއްލެވައިގަތް އަޑު ކެމެރާއަކަށް ވެސް އަރައިފައެއް ނެތެވެ. އެކަމަކު ކާރުގެ ލައިސަން ނަންބަރު ވަރަށް ސާފުކޮށް އެނގެއެވެ.
"ތީ އަންވަރުގެ ކާރު،" މާޒިން ބުންޏެވެ. "އޭނަގެ ހުންނާނެ ކިޑެއް ވެސް. ފިނިބުރު ޖަހަނީ ކަންނޭނގެއެއްނު!"
ނުނިމޭ