24 މާޗް 2018 - 22:47

ސެމްސަންގް އެންމެ ފަހުގެ ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް އުރީދޫން މިރޭ ތައާރަފްކޮށްފި އެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޯނު ތައާރަފްކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ޚާން އާއި ސެމްސަންގް ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު ހަންބޭ ޕާކް އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، 1999ރ.ގެ ޑައުންޕޭމަންޓަކާ އެކު އިންސްޓޯލްމަންޓަށް ފޯނު ވިއްކާނެ ކަމަށެވެ. އެއް އަހަރުން ފައިސާ ދައްކާ ނިންމާ ގޮތަށް ފޯނު ގަންނަ ފަރާތްތަކަށް، އެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ހިލޭ ތިން ޖީބީގެ ޑޭޓާ ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނީ މާދަމާ އެ ފޯނަށް ޕްރީ އޯޑަރު ކުރުމުގެ މުއްދަތު ހަމަވާނެ ކަމަށެވެ. އަދި ޕްރީ އޯޑަރުކުރި ފަރާތްތަކަށް އަންނަ ހަފްތާގެ ތެރޭގައި ފޯނު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސް9ގެ ފޯނުތައް ރާއްޖެ އަށް ތައާރަފް ކުރުމަށް އުރީދޫން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ، މިރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ "އާތް އަވާ" ވެސް ފާހަގަ ކޮށްފަ އެވެ.