ޑްރަގް މައްސަލައެއްގައި ރެކޯޑް އަދަދެއް ދައުލަތަށް ނަގަން ކުުރި ހުކުމް ބާތިލް ކޮށްފި
ޑްރަގް މައްސަލައެއްގައި ރެކޯޑް އަދަދެއް ދައުލަތަށް ނަގަން ކުުރި ހުކުމް ބާތިލް ކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި 2.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން އަމުރުކޮށް، މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ 2.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން ޖޫން، 2016 ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތަށް ނެގި ފައިސާ އެންމެ ބޮޑު އަދަދެވެ. އެ ފައިސާ ދައުލަތަށް ނެގުމުގެ އިތުރުން ދެ މީހަކު އުމުރަށް ޖަލަށްލާން ވެސް އޭރު ކޯޓުން ހުކުމްކުރި އެވެ.

އެ ފައިސާއަކީ ހ. ބްރެޑްލީ އަހުޒާމް ނައީމާއި ގ. ތަބުރުގޭ މުހައްމަދު ބިޝާރު އިސްމާއިލްގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ދެ މީހުން ހައްޔަރުކޮށް، ފާސް ކުރިއިރު އަތުލައިގަތް ފައިސާ އެވެ.

އޮގަސްޓް، 2013 ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުން ހައްޔަރުކުރީ އަހުޒާމާ ބިޝާރު ހަވާލުކުރި ކަމަށް ބުނާ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ މައްސަލާގަ އެވެ. އެ ދެ މީހުންގެ ތެރެއިން އަހުޒާމް ހައްޔަރު ކުރިއިރު އޭނާގެ ޖީބުން 52،000 އަށް ވުރެ ގިނަ ރުފިޔާ ފެނުނުއިރު، ބިޝާރުގެ ކޮޓަރިން އެއް މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 66،000 އެމެރިކާ ޑޮލަރު (މިލިއަނަކަށް ވުރެ ގިނަ ރުފިޔާ) ފެނުނެވެ.

އޭގެ ތެރެއިން އަހުޒާމް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ކުރިން ބާތިލް ކޮށްފައިވާއިރު، މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ވަނީ ބިޝާރުގެ މައްޗަށް ކުރި ހުކުމް ވެސް ބާތިލްކޮށްފަ އެވެ. ބިޝާރުގެ ބައި ބާތިލްކުރި ސަބަބެއްގެ ގޮތުގައި ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަހުޒާމްގެ މައްސަލަ ހައި ކޯޓުން ނިންމިއިރު ފާހަގަކުރި ކަންކަމެވެ.

އެގޮތުން އެ މައްސަލާގައި ފެނުނު މަސްތުވާތަކެތި ހުރި ކޮތަޅަކީ އަހުޒާމް ގެންގުޅުނު ކޮތަޅެއް ކަން ހެކިންގެ ބަހުން އެނގެން ނެތް ކަމަށް އަހުޒާމްގެ މައްސަލާގައި ހައި ކޯޓުން ކުރިން ނިންމާފައިވާ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން އެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތުމަށް ފަހު އެ ތަކެތި ތަހުލީލް ކުރުމާ ހަމައަށް، އެ ތަކެތި ގެންދެވުނު ތަންތަނާއި އެކި މީސްމީހުންގެ އަތަށް އެ ތަކެތި ނަގުލުވަމުން ދިޔަ ގޮތް ބަޔާންކުރާ ޗެއިން އޮފް ކަސްޓަޑީ ފޯމް ވެސް ފުރިހަމަ ވެފައި ނެތް ކަމަށް އެ މައްސަލާގައި ހައި ކޯޓުން އޭރު ނިންމާފައިވާ ކަން ވެސް ބިޝާރުގެ ބައި ބާތިލް ކުރަމުން ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.