ޔުނިވާސިޓީތަކުން ހެކްކުރި އީރާނުގެ ނުވަ މީހަކަށް ދައުވާ ކުރަނީ
ޔުނިވާސިޓީތަކުން ހެކްކުރި އީރާނުގެ ނުވަ މީހަކަށް ދައުވާ ކުރަނީ

ވޮޝިންޓަން (މާޗް 24) - ދުނިޔޭގެ 22 ގައުމެއްގެ 320 ޔުނިވާސިޓީގެ ކޮމްޕިއުޓާ ސިސްޓަމްތައް ހެކްކުރި އީރާނުގެ ނުވަ މީހަކަށް ދައުވާ ކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ނުވަ މީހުންގެ އިތުރުން އެ މީހުން މަސައްކަތް ކުރި މަބްނާ އިންސްޓިޓިއުޓާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލްގެ ނައިބް ރޮޑް ރޮސެންސްޓެއިން ވިދާޅުވީ އީރާނުގެ ހެކަރުން ވަނީ ޔުނިވާސިޓީތަކުގެ ސިސްޓަމަށް ވަދެ ފިކުރީ މުދަލާއި ރިސާޗުތައް ވަގަށް ނަގާފައި ކަމަށެވެ.

"އެ މީހުން ވަނީ 22 ގައުމެއްގެ 320 ޔުނިވާސިޓީން ވައްކަންކޮށްފައި. އޭގެ ތެރޭގައި އެމެރިކާގެ 144 ޔުނިވާސިޓީ ވެސް ހިމެނޭ،" ރޮސެންސްޓެއިން ވިދާޅުވި އެވެ. "ހެކަރުން ވަގަށް ނެގި ރިސާޗްތަކުން ޔުނިވާސިޓީތަކަށް ވަނީ 3.4 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައި."

އެމެރިކާ އިން ތުހުމަތުކުރި ގޮތުގައި ޔުނިވާސިޓީތަކުން ވަގަށް ނެގި މައުލޫމާތު ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑަށް ފޯރުކޮށްދީ ނުވަތަ ފައިދާ ހޯދުމުގެ ބޭނުމުގައި ވިއްކާފައި ކަމަށެވެ.