ލިވަޕޫލުން ކްލާވަން އާއި ވައިނަލްޑަމް ގެންނަނީ
ލިވަޕޫލުން ކްލާވަން އާއި ވައިނަލްޑަމް ގެންނަނީ

ލިވަޕޫލް (ޖުލައި 19) - ލިވަޕޫލުން އޯގްސްބާގަށް ކުޅޭ އެސްޓޯނިއާގެ ޑިފެންޑަރު ރަގްނާ ކްލާވަން އާއި ނިއުކާސަލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް ގެންނަން މަސައްކަތް ފަށައިފި އެވެ.

އުުމުރުން 30 އަހަރުގެ ކްލާވަން ގެންނަން ލިވަޕޫލުން ނިންމީ އެ ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޖޯ ގޯމޭޒާއި މަމަދޫ ސަކޯ އަށް އަނިޔާވުމާ ގުޅިގެންނެވެ. ކްލާވަން އަކީ މިދިޔަ ހަތަރު ސީޒަނުގައި އޯސްބާގަށް ކުޅުނު ކުޅުންތެރިއެކެވެ.

ކްލާވަން ގަންނަން ލިވަޕޫލުން 4.2 މިލިއަން ޕައުންޑް ހުށަހަޅަން ނިންމާފައިވާއިރު، މިއަދު ލިވަޕޫލްގެ މެޑިކަލްގައި އޭނާ ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މާރިއޯ ގޮޓްޒާ އާއި ޕިއޮޓްރޭ ޒިއެލީންސްކީ ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުކުރެވުމުން ލިވަޕޫލުން މިހާރު ވަނީ ވައިނަލްޑަމް ގެންނަން މަސައްކަތް ފަށައިފަ އެވެ. ނެދަލެންޑްސް ގައުމީ ޓީމުގެ މިޑްފީލްޑަރު ވައިނަލްޑަމް ގަންނަން ލިވަޕޫލުން 20 މިލިއަން ޕައުންޑް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ނިއުކާސަލުން ވައިނަލްޑަމް ލިވަޕޫލަށް ވިއްކާލަނަމަ ބަދަލުގައި ބޭނުންވަނީ 10 މިލިއަން ޕައުންޑްގެ އިތުރުން ޖޯން ފްލަނަގަން ނޫނީ ލޫކަސް ލެއިވާ އެވެ.

ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަނީ ބުރާސްފަތި ދުވަހު އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ވާދަކުރުމަށް އެމެރިކާ އަށް ފުރުމުގެ ކުރިން ވައިނަލްޑަމް އާއި ކްލާވަން އެ ޓީމަށް ސޮއިކުރުވުމަށެވެ.