ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ހިލޭ ފެރީގެ ހިދުމަތް ފަށައިފި
ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ހިލޭ ފެރީގެ ހިދުމަތް ފަށައިފި

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭން އެ ހޮސްޕިޓަލުން މިއަދު ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި ހިލޭ ދޭ ފެރީގެ މި ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އޮންނާނެ އެވެ. ކޮންމެ ދުވަހަކު ވެސް ހަ ދަތުރު ކުރާނެ ކަމަށާއި ފެރީ ބޭނުން ކުރެވޭނީ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހާ އާއި އެހީތެރިއަކަށް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ފެރީގައި ހުޅުމާލެއަށް ދިއުމުން ވެހިކަލްގައި ހޮސްޕިޓަލަށް ވެސް ގެންގޮސްދޭނެ އެވެ.

ފެރީގެ ދަތުރުތައް އޮންނާނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އާ ދެމެދު އެވެ. އަދި އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ފެރީ ޝެޑިއުލަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ބުންޏެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)ގެ ހޮސްޕިޓަލް ހުޅުވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.