25 މާޗް 2018 - 06:29

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އިޓަލީގައި ބޭއްވި ޑެސްޓިނޭޝަން ވެޑިން އަށް ފަހު، އަނެއްކާ ވެސް ބޮޑު ބޮލީވުޑުން މީގެ ހަފުލާއަކަށް ތައްޔާރުވާން ފަށައިފި އެވެ. މި ފަހަރު ބަތަލާ ސޯނަމް ކަޕޫރެވެ.
އަނިލް ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ސޯނަމް، 32، އާއި އޭނާގެ ލޯބިވެރިޔާ އާނަންދު އަހޫޖާގެ ކައިވެނީގެ ހަފުލާ އޮންނާނީ މެއި މަހު ޖެނީވާގަ އެވެ. ދެ ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ ކައިވެނީގެ ހަފުލާތައް ކުރިއަށް ދާނީ މެއި 11 އާއި 12 ގަ އެވެ.
ނިއު ދިއްލީ އަށް އުފަން ވިޔަފާވެރިޔާ އާނަންދު އާއި ސޯނަމް ރައްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. ދެ މީހުން އަބަދު ވެސް ވަރަށް އެކީގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދިޔަ ނަމަވެސް، އާނަންދުއާ ހިތާވެގެން އުޅޭ ކަމަށް ސޯނަމް މިހާތަނަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ.
އާނަންދުއާ ރައްޓެހިވުމުގެ ކުރިން ސޯނަމް ވަނީ އޭނާ 2010 ގައި ކުޅުނު ފިލްމް "ހައި ހޭޓް ލަވް ސްޓޯރީޒް" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާއާ ވެސް ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅެފަ އެވެ. ޕުނިތުއަކީ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ އަށް ބޮޑުބޭބެ ކިޔާ ޒުވާނެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހިންދޫންގެ އާދަކާދަތަކާ އެއްގޮތަށް ޖެނީވާގައި ބާއްވާ، ސޯނަމް އާއި އާނަންދްގެ ކައިވެނީގެ ހަފުލާގެ ހެދުންތައް ފަރުމާކުރަނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރުން ކަމަށްވާ އަބޫ ޖާނީ-ސަންދީޕް ކޯސްލާއި އާއި އިނގިރޭސިވިލާތުގެ ޓަމާރާ ރާލްފް އާއި މައިކަލް ރުސޯ އެވެ. ސޯނަމަކީ ބޮލީވުޑްގައި އަބަދު ވެސް ވަރަށް ސްޓައިލިޝްކޮށް ހެދުން އަޅާތަރިކަށްވާތީ "ފެޝަނިސްޓާ" ގެ ނަމުން މަޝްހޫރު ބަތަލާގެ ކައިވެނީގެ ހެދުމަކީ ވެސް އާދައިގެ އެއްޗަކަށް ނުވާނެ އެވެ.
މެއި މަހު ކައިވެންޏަށް ތައްޔާރުވާ އިރު، ސޯނަމް ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ އަންނަ ޖޫން 1 ގައި ރިލީޒް ކުރާ "ވީރޭ ދީ ވެޑިން" އިންނެވެ.
ދާދި ފަހުން ރިލީޒް ކުރި "ޕެޑްމޭން" ގައި ވެސް ރޯލެއް ކުޅުނު ބަތަލާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ދަ ޒޯޔާ ފެކްޓާ"، "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ގެ އިތުރުން ރަންބީރު ކަޕޫރް ސަންޖޭ ދަތުގެ ރޯލް ކުޅެފައިވާ ސަންޖޭގެ ބައޮޕިކް ހިމެނެ އެވެ.