ގްރިޒްމަން އެތުލެޓިކޯގައި މަޑުކުރާނެ: ކްލަބުގެ ރައީސް
ގްރިޒްމަން އެތުލެޓިކޯގައި މަޑުކުރާނެ: ކްލަބުގެ ރައީސް

މެޑްރިޑް (މާޗް 24) – އެތުލެޓިކޯ މެޑްރިޑުގައި ފޯވާޑް އެންޓޮއިން ގްރިޒްމަން މަޑުކުރާނެ ކަމަށް އެ ކްލަބުގެ ރައީސް އެންރިކޭ ކެރެޒޯ ވިދާޅުވެއްޖެ އެވެ.

ފްރާންސް ފޯވާޑް ގެންދިއުމަށް ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބްތަކުން ޝައުގުވެރިވާއިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ވަނީ އޭނާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް އެކަމަށް މަސައްކަތްކުރާ ކަމަށްވެ އެވެ.

ގްރިޒްމަން ނެތްތަން ފޫބެއްދުމަށް އެތުލެޓިކޯ އިން އަންނަ ސީޒަނުގައި ގެންދާނެ ކުޅުންތެރިންނާ ބެހޭގޮތުން ވެސް މީޑިއާގައި ވާހަކަދެކެވިފައިވާއިރު އޭނާ އަންނަ ސީޒަނުގައި އެ ކްލަބުގެ ހުރުމުގެ ފުރުސަތު ކުޑަ ކަމަށް ބެލެވެ އެވެ. އެކަމަކު ކެރެޒޯ ވިދާޅުވަނީ އޭނާ މަޑުކުރާނެ ކަމަށެވެ.

"އަހަންނަށް އެނގިފައިވާ މިންވަރުން، ގްރިޒްމަން އެތުލެޓިކޯ މެޑްރިޑުގައި މަޑުކުރާނެ. އޭނާގެ ކުރިމަގާ ގުޅޭ އެއްވެސް ކަމެއް ބަދަލެއް ނުވޭ. އަހަރެމެންނާ އެކު އޭނާގެ ކޮންޓްރެކްޓެއް އެބައޮތް, އެއީ އަހަރެމެން ތިބި ގޮތަކީ،" ކެރެޒޯ ވިދާޅުވި އެވެ.

އުމުރުން 26 އަހަރުގެ ފޯވާޑް ވަނީ ކުރިއަށް އޮތް ވޯލްޑް ކަޕުގެ ކުރިން އޭނާގެ ކުރިމަގާ މެދު ގޮތެއް ނިމެން ބޭނުންވާ ކަމަށް ބުނެފަ އެވެ.