ޖަރުމަނާއި ސްޕެއިން އެއްވަރުވިއިރު ފްރާންސް ބަލިވެއްޖެ
ޖަރުމަނާއި ސްޕެއިން އެއްވަރުވިއިރު ފްރާންސް ބަލިވެއްޖެ

ޕެރިސް (މާޗް 24) – އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނާއި ސްޕެއިން ރޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި 1-1 އިން އެއްވަރުވިއިރު، ވަރުގަދަ ސްކޮޑެއް އޮތް ފްރާންސްގެ މައްޗަށް ކޮލަމްބިއާ އިން 3-2 އިން ކުރި ހޯދައިފި އެވެ.

ޖަރުމަނުގައި ރޭ އެ ޓީމާއި ސްޕެއިން ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި ސްޕެއިން ކުރި ހޯދި އެވެ. ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ ދިން ބޯޅައަކުން މި ގޯލް ޖެހީ ވެލެންސިއާގެ ފޯވާޑް ރޮޑްރިގޯ އެވެ. ޖަރުމަނަށް އެއްވަރުކޮށްދިނީ 35 ވަނަ މިނެޓުގައި ތޯމަސް މުލާ އެވެ.

ދެ ވަނަ ހާފުގައި މާބޮޑު ތަފާތުތަކެއް ދެ ޓީމަށް ވެސް ނުދެއްކުނެވެ. މި ހާފުގައި ޖަރުމަނުގެ ޑިފެންޑަރު މެޓްސް ހަމެލްސް ބޮލުން ފޮނުވާލި ހަމަލައެއް ހުރަސް ދަނޑިއަށް އަމާޒުވި އެވެ.

މި މެޗާ އެކު ދެ ޓީމުން ވެސް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ފަހުން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ އަށް ބޮޅެއް އިތުރުކޮށްފަ އެވެ.

ޔޫރަޕުގައި މި ވަގުތު ހުނަރުވެރި ކުޅުންތެރިން އެންމެ ގިނަ އެއް ޓީމު ކަމަށްވާ ފްރާންސް ރޭ އަމިއްލަ ދަނޑުގައި ބަލިވީ ދެ ލަނޑުން ކުރި ހޯދާފައިވަނިކޮށެވެ. އެ ޓީމަށް 11 ވަނަ މިނެޓުގައި ކުރި ހޯދައިދިނީ ޗެލްސީގެ އޮލިވާ ޖިރޯ އެވެ. ދެ ވަނަ ގޯލް 26 ވަނަ މިނެޓުގައި ޖެހީ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ތޯމަސް ލޭމާ އެވެ.

އޭގެ ދެ މިނެޓު ފަހުން ކޮލަމްބިއާގެ ފުރަތަމަ ގޯލް ޖެހީ ލުއިސް މުރިއެލް އެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ 62 ވަނަ މިނެޓުގައި ރަޑަމެލް ފަލްކާއޯ އެވެ. އަދި މޮޅުވީ 85 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ހުއާން ފެނާންޑޯ ކުއިންޓެރޯ ޖެހި ގޯލުންނެވެ.