24 މާޗް 2018 - 11:29

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕެއިން "25 އަށް 25" މިއަދު ލޯންޗުކުރަން ނިންމައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، ރާއްޖޭގައި މަރުވާ 80 ޕަސެންޓް މީހުންނަކީ ގައިން ގަޔަށް ނާރާ ބަލިޖެހޭ މީހުންނަށް ވާއިރު އެ އަދަދު މަދުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އެކަމުގެ ގައުމީ ކެމްޕެއިން ލޯންޗުކޮށް، އެ ބައްޔާ ބެހޭ މައުލޫމާތު ދިނުމުގެ ބޮޑު ހަރަކާތެއް މުޅި ރާއްޖޭގައި ބާއްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުރާވަރުގެ ކުދިންގެ ސިއްހީ ހާލަތު ދެނެގަތުމަށް ހެލްތު ސްކްރީނިން ހަދާނެ އެވެ. އަދި ކެންސަރު ބަލީގެ ދަފުތަރެއް މިހާރު ވަނީ، އެ މަސައްކަތުގެ ތެރެއިން ހުޅުވައިފަ އެވެ.
އެ ކެމްޕެއިންގައި ފާހަގަކޮށްފައިވާ 25 އަށް 25 އަކީ، ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު 2025 ވަނަ އަހަރު އަންނަން ވާއިރަށް، 25 ޕަސެންޓަށް މަދުކުރުމެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ ބައްޔާއި ކެންސަރު ބައްޔާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހަކުރުބަލި ފަދަ ބަލިތަކުގަ އެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓާ ގޮތާ ސީދާ ގުޅުންހުރި ކެމްޕެއިނެވެ.
ގައިންގަޔަށް ނާރާ ބަލިތަކުގެ ދުނިޔޭގެ އެވްރެޖަކީ 70 ޕަސެންޓެވެ.